އަމިއްލަ ފައި މައްޗަށް ތެދުވެގެން ހިންގޭނެ ކުންފުންޏަކަށް ހެދުމަށް އެސްޓީއޯގެ ދަށުން މިފްކޯ ވަކިކުރާނެ ކަމަށް ބުނި ތާރީޚު ފަހަނައަޅައި ދިޔައިރު ވެސް ސަރުކާރަކަށް އެކަމެއް ނުވިއެވެ.
“އެސްޓީއޯގެ ދަށުން މިފްކޯ ވަކިކޮށް، އަމިއްލަ ފައި މައްޗަށް ތެދުވެގެން ހިންގޭނެ ކުންފުންޏަކަށް މިއަހަރުގެ މެދުތެރޭގައި މިފްކޯ އިރާދަކުރެއްވިއްޔާ ބަދަލުވެގެންދާނެ. މިފްކޯގެ ކެޕޭސިޓީ އިތުރުކުރާ ވާހަކަ މިދިޔަ ރިޔާސީ ބަޔާނުގައި ވެސް އަޅުގަނޑު ވާނީ ހާމަކޮށްފަ،” ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުއްވައި ދެއްވަމުން ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެފައި ވެއެވެ.
ރައީސް އެހެން ވިދާޅުވިތާ، އެއް މަސް ފަހުން، މިފްކޯގެ މެނޭޖިންގ ޑިރެކްޓަރު، އިސްމާއިލް ފައުޒީ ވިދާޅުވެފައި ވަނީ އަންނަ މަހު (އެޕްރީލް)ގެ ތެރޭގައި ފެށިގެން މިނިވަން ކުންފުންޏެއްގެ ގޮތުގައި ހިންގަން ފެށޭނެ ކަމަށެވެ.
އެ ދުވަހު އޭނާ ވިދާޅުވީ، އެސްޓީއޯގެ ދަށުން ހިންގަމުން ގެންދިޔަ މިފްކޯ މިނިވަން ކުންފުންޏެއްގެ ގޮތުގައި ބަދަލު ކުރުމުގެ ގޮތުން ލިޔެކިޔުންތަކުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
“މިހާރު ކުރަނީ ޕޭޕަރު ވޯކްސްގެ މަސައްކަތް. އުންމީދު ކުރަނީ އަންނަ މަހުން ފެށިގެން ވަކިން ބޯޑެއް އޮންނަ ކުންފުންޏަކަށް ބަދަލުވާނެ ކަމަށް” މި އަހަރުގެ މާރޗް މަހުގެ ދެވަނަ ދުވަހު އޮންލައިން ނޫހަށް ދެއްވި އިންޓަވިއުއެއްގައި އިސްމާއިލް ފައުޒީ ވިދާޅުވެފައިވެއެވެ.
އޭނާ ވިދާޅުވެފައި ވަނީ، މަސްވެރިކަން ދަށްކޮށް ދިޔަ ދުވަސްތަކުގައި މަސްވެރިންނަށް އެހީވާން ވެސް ލޯނު ނެގި ކަމަށާއި މިފްކޯގައި ދަރަނި އެބައޮތް ކަމަށެވެ. އެހެންކަމުން އެ ދަރަނި ރީސްޓަރްޗަރ ކުރުމަށް ވެސް މި ބަދަލާ އެކު ފަސޭހަ ވެގެން ދާނެ ކަމަށެވެ.
މިފްކޯގެ ދަރަނި ބޮޑުވެ، އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏަކަށް މިފްކޯ ހެދީ 2016 ވަނަ އަހަރުގެ ތެރޭގައެވެ. އެސްޓީއޯގެ ދަށަށް ބަދަލުކުރުމުން ފާއިތުވި ތިން އަހަރުގެ ތެރޭގައި 450 މިލިއަން ރުފިޔާ އެސްޓީއޯއަށް ގެއްލުން ވި ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެސްޓީއޯގެ ދަށުން މިފްކޯ ވަކި ކުރުމަށް މަސައްކަތް ފެށުމާއެކު އެކަމުގެ ތެރެއަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ނުފޫޒު ވަދެފައިވާ ކަމަށް މައުލޫމާތު ޙިއްސާކުރި ބައެއް ފަރާތްތަކުން ބުނެއެވެ. އަދި އެކަން ކުރާކަށް އެސްޓީއޯއިން ބޭނުމެއް ނުވެއެވެ. އެހެންވެ އެ މަސައްކަތް މިހާރު ކުރިއަށް ނުދާކަމަށް ވެސް އެފަރާތްތަކުން މައުލޫމާތު ދިނެވެ.
ހިންގުން ދޯދިޔާ، ގެއްލުން ބޮޑު
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހެދި މިފްކޯގެ ޚާއްޞަ އޮޑިޓުން އެނގުނު ގޮތުގައި، ހުސްވި އަހަރުގެ ނިޔަލަށް އެކުންފުންނަށް ގެއްލުން 1.3 ބިލިއަން ރުފިޔާއަށް އަރާއިރު، ދަރަނި 1.9 ބިލިއަން ރުފިޔާއަށް އަރައެވެ. މިއީ ކުންފުނީގައި ހުރި ހަރުމުދަލުގެ ގޮތުގައި ހުރި 961 މިލިއަން ރުފިޔާ އަޅާބަލާއިރު 955 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
އެންމެ ކަންބޮޑުވާ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ މަހުގެ ކޮލިޓީ ނުހިފެހެއްޓުމުގެ ސަބަބުން 290 މިލިއަން ރުފިޔާ ފަސް އަހަރު ދުވަހުގެ ތެރޭގައި ގެއްލުން ވުމެވެ.
މަސް ވިއްކައިގެން 6.9 ބިލިއަން ރުފިޔާ ލިބުނުއިރު، މަހުގެ އުފެއްދުމަށް 7.1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިއީ ލިބުނު އާމްދަނީ އާ އަޅާބަލާއިރު، 250 މިލިއަން ރުފިޔާގެ ގެއްލުމެކެވެ.
މަސްވެރިންނަށް ސަރުކާރުން ވަމުންދާ ވައުދުތައް ފުއްދުމަށް މަސް ގަންނަ މިންވަރު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ބުނި ނަމަވެސް އެ މަސައްކަތް ދަނީ ފިނިހަކަ ދުވެލީގައެވެ. އަމަލަށް ވުރެ ގިނައީ ވާހަކައެވެ. މަސްވެރި އާއިލާތައް ބޭނުންވަނީ ވާހަކައަށް ވުރެ ވޮޑަށް އަމަލީ ގޮތުން އެކަންތައްތައް ކުރުމެވެ. އެހެން ނޫނީ ފެންނާނީ އެސްޓީއޯގެ ދަށުން މިފްކޯ ވަކިކުރަން ވި ފަދަ ވަޢުދުތަކަށެވެ.

