މަކިޓާ ޖޫނިއަރ ޗެމްޕިއަންޝިޕް 2022 އެތުލެޓިކްސް މުބާރާތް ފެށުމުގެ ރަސްމިއްޔާތު މިރޭ ގދ.ތިނަދޫގައި އޮންނާނެއެވެ.
ގދ.ތިނަދޫ ސްޓޭޑިޔަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ މިރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނަކީ ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީއެވެ.
މިރަސްމިއްޔާތުގައި ގދ އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ޤުދުރަތުﷲގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާގެ 2 މެމްބަރުން ކަމުގައިވާ އަބްދުﷲ ސަނީފް އަދި އަބްދުﷲ މުޣުނީ ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
ތިނަދޫ ކައުނަސިލުން އިންތިޒާމް ކޮށްގެން ހިންގާ އެސްޓީއޯ މަކިޓާ ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕް 2022 ގައި ތިނަދޫގެ 3 ޓީމް ހިމެނޭހެން ޖުމްލަ 36 ޓީމް ވަނީ ބައިވެރިވެފައެވެ. ހުރިހާ ޓީމްތައްވެސް މިހާރުވަނީ ތިނަދޫއަށް ޒިޔާރަތްކޮށްފައެވެ. ތިނަދޫއިން އެޓީމްތަކަށް ވަރަށް ހޫނު މަރުހަބާއެއް ވަނީ ކިޔާފައެވެ.
އެގޮތުން ތިނަދޫ އަށް ޒިޔާރަތް ކުރި ޓީމުތަކަށް ރަސްމީ ފާލަމުން މަރުހަބާ ފެށުމާއި އެކު މަރުހަބާ ޚާއްޞަ ގިޑިގެ ކައިރީގައި ޓީމާއި އެކު ފޮޓޯ ނެގުމަށް ފަހު ސަޤާފީ ބެރާއި ލަވަ ކިޔުމާއި އެކު ރިފްރެޝްމެންޓް ހޯލާ ހަމަޔަށް ގެންދިޔުމަށް ފަހު މުބާރާތްގެ ތައާރަފު ދިނުމާއި އެކު އެކޮމަޑޭޝަން ތަކަށް ވާސިލުވުމާއި ހަމަޔަށް ތިނަދޫ ކައުނަސިލުން ވަނީ ހަރަކާތްތެރިވެފައެވެ.
މިމުބާރާތަށް ރަށުގެ ބަނދަރު މައްޗާއި ރަށުގެ މުހިންމު މަގުތައް ވަނީ ޤައުމީ ދިދަ އާއި ބީޗް ފްލެގް ތަކުން ޒީނަތްތެރި ކޮށްފައިކަން ފާހަގަ ކުރެވެއެވެ.
އެސްޓީއޯ މަކިޓާ ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕް ގދ ތިނަދޫ މި ބޭއްވެނީ މީގެ އެއް މަސް ކުރިން މިފަދަ އެތުލެޓިކްސް މުބާރާތެއް ގދ އަތޮޅު ކައުންސިލުން ބޭއްވި ފަހުންނެވެ. އެ މުބާރާތް ވެސް ވެގެން ގޮސްފައި ވަނީ އެތުލެޓިކްސް ފަދަ މުބާރާތައް ބޭއްވުމުގެ ވައްޓަފާޅި ބަދަލުކޮށް އާ ކަންތައް ތަކެއް ތަޢާރަފް ވެގެން ދިޔަ ވަރަށް ފުރިހަމަ އަދި ކާމިޔާބު މުބާރާތަކަށެވެ.

