ސިގިރެޓް ފޮށިތަކެއް ވަގަށް ނެގި ގއ.ކޮލަމާފުށީ މީހަކު ހަތަރު މަހާއި 24 ދުވަހު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ހުކުމް ކޮށްފައިވަނީ ގއ. ކޮލަމާފުށި، ނަސީމީގެ، އަހުމަދު އާރިފްގެ މައްޗަށެވެ.
10 މާރޗް 2019 ވަނަ އަހަރު މާލޭ ސައްޔިދުކަލޭގެ ފާނު މަގުގައި ހުންނަ މިނީ މާޓް ފިހާރައިގެ ކައުންޓަރުގައި ހުރި 490 ރުފިޔާ އާއި ކެމަލް ބްރޭޑްގެ 14 ސިގިރޭޓްފޮށި އަހުމަދު އާރިފް ވަނީ ވަގަށް ނަގާފައެވެ.
މި ދައުވާގެ އިބްތިދާއީ މަރުހަލާ އާއި އަދި މައްސަލައިގައި އަވަސް ނިޔާގެ އަޑުއެހުމުގައި އާރިފް ވަނީ ދައުވާ އަށް އިއުތިރާފް ވެފައެވެ. އަދި އަދަބު ޖޫރިމަނާ އަކަށް ބަދަލުކޮށްދިނުމަށް ވެސް އާރިފް ވަނީ ޝަރީއަތުގެ މަޖިލީހުގައި އެދިފައެވެ.
އެހެންނަމަވެސް ކޯޓުން އޭނާގެ މަށްޗަށް ޖަލު ހުކުމެއް އިއްވާފައިވަނީ ޖޫރިމަނާގެ ފައިސާ ދެއްކުމުގެ ގާބިލުކަން ލިބިފައިވާ މީހެއްކަން ސާބިތު ކުރުމަށް އެއްވެސް ލިޔުމެއް ހުށަހަޅާފައި ނުވާތީ އާއި އަދި އޭނާ އަކީ އެހެން މައްސަލަތަކެއް ސާބިތުވެ ޖަލު ހުކުމް ކޮށްފައިވާ މީހަކަށް ވާތީ ބަންދުގައި ހުރެ ފައިސާ ދެއްކޭނެ ކަމަށް ޝަރީއަތުން ގަބޫލު ނުކުރާތީ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

