އަރިދަފުސްރޯގާ އާއި ކަރުތެރެ ދުޅަވުމަށް، ގޭގައި، ރީނދޫ ބޭނުންކޮށްގެން ދެވިދާނެ ފަރުވާ
ގިނަ ގޭގޭގައި ކެއްކުމަށް، ހާއްސަކޮށް ރިހަ، ކުޅި ކާތަކެތި ތައްޔާރުކުރުމަށް ބޭނުން ކުރިޔަސް ރީނދުލަކީ އެއަށްވުރެ މާމުހިންމު ބޭނުންތަކަށް ހާއްސަ ސިފަތަކުން ފުރިފައިވާ ބާވަތެކެވެ. ރީނދުލުގައި ތަފާތު ބޭސްވެރިކަމުގެ ސިފަތަކެއް އެކުލެވިގެންވާއިރު، ގިނަ އަދަދެއްގެ މިނަރަލްސް، ވިޓަމިންސް، ޕްރޮޓީންސް އަދި ޑައިޓޭރިއަން ފައިބަރު ހިމެނޭތީ، މިއީ ވަރުގަދަ އެންޓި އޮކްސިޑެންޓެއް، އެންޓި-އިންފްލެމެޓަރީ، އެންޓި-ފަންގަލް، އެކްސްޕެކްޓޯރެންޓް، ކާމިނޭޓިވް، އެންޓިސެޕްޓިކް އަދި އެންޓި-ކާސިނޯޖެނިކް އޭޖެންޓެއްގެ ގޮތުގައި ވަނީ ހާއްސަކުރެވިފައެވެ.
ރީނދުލަކީ ތަފާތު އެތައް ކަމަކަށް ބޭނުން ކުރެވޭ އެއްޗެކެވެ. އޭގެތެރެއިންވެސް އެންމެ ފާހަަގަކޮށްލެވެނީ ގައިގެ ހަމަށް ފައިދާ ކުރާ ބާވަތްތައް އުފެއްދުމަށް ރީނދޫ ބޭނުންކުރުމާއި އަރިދަފުސް ރޯގާ ޖެހުމުން، ގޭގައި ތަައްޔާރު ކުރެވޭ ރީނދުލުގެ އެކި ފަރުވާ ތަކެވެ. މިދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށްވެފައި ވަރަށް ފަސޭހައިން ރޯގާ ޖެހި ކަންތައްވާތީ، ގޭގައި ރީނދޫ ބޭނުންކޮށްގެން ދެވޭނެ މުޖައްރިބު ފަރުވާތަކެއް ހިމަނާލަނަމެވެ.
ރީނދުލުން ސިއްހަތަށް ލިބޭ ފައިދާތައް
- ޑިޕްރެޝަން
- ޓައިޕް 2ގެ ހަކުރުބަލި
- ވައިރަލް އިންފެކްޝަންސް
- ޕްރީމެންސްޓްރޫއަލް ސިންޑްރޯމް
- ކޮލެސްޓްރޯލް މަތިވުން
- އަލްޒައިމާ ބަލި
- އާތުރައިޓިސް
- ކެންސަރު
- އިރިޓެބަލް ބަވަލް ސިންޑްރޯމް
- ބޮލުގައި ރިއްސުން
- މޫނުގައި ނަގާ އޮށާޅަ، ބިހިފަދަ ތަކެތި
ރީނދުލުގެ ސަބަބުން ހަންގަނޑަށް ލިބޭ ފައިދާތަކަކީ ކޮބައިތޯއެވެ؟
ރީނދުލަކީ ހަމުގެ ސިއްހަތު ރަނގަޅުކޮށްދޭނެ އެއްޗެކެވެ. ރީނދޫ ހަންގަނޑުގައި އުނގުޅާއިރު ހަންގަނޑު މުސްކުޅިވުމުން ރައްކާތެރިކޮށްދީ ހަންގަނޑުގައި ހުންނަ ތެޔޮ ކޮންޓްރޯލް ކުރެވޭނެއެވެ. ނަމަވެސް ސީދާ ރޯރީނދޫ އެއްވެސް ގޮތެއް ނުހަދައި ބޭނުންކުރުމަށްވުރެ ފަސޭހަވެފައި ރަނގަޅު ގޮތަކީ، ރީނދޫ ޕޭސްޓް ތައްޔާރު ކޮށްގެން ބޭނުން ކުރުމެވެ. ސަބަބަކީ އޭގެ ކުލަ ގައިގަ ހިފުން ފަސޭހަވާތީއެވެ. އެންޓިއޮކްސިޑެންޓްސް އިން ބަރުވެފައި ހުންނަ ރީނދުލުގައި ހުންނަ ކަރކިއުމިން އިން އެންޓިއޮކްސިޑެންޓްސްލިބެއެވެ.
ރީނދުލަކީ އެންޓި އިންފްލެމެޓަރީ އެއްޗެއް ހެއްޔެވެ؟
ރީނދުލުގައި ހިމެނޭ ކަރކިއުމިން އަކީ ވަރަށް ވަރުގަދަ އެންޓި-އިންފްލެމެޓަރީ އަދި އެންޓިއޮކްސިޑެންޓް ޕްރޮޕަޓީސް އެކުލެވޭ މާއްދާއެެކެވެ. ގިނަ ދިރާސާތަކުގައި ބޭނުންކުރަނީ ގިނަ އަދަދަކަށް ކަރުކިއުމިން ހިމެނޭ ގޮތަށް ސްޓޭންޑަރޑައިޒްކޮށްފައިވާ ރީނދޫގަނޑުތަކެކެވެ. ކަރކިއުމިން އަކީ ގުދުރަތީ ގޮތުން އެންޓި-އިންފްލެމެޓަރީ ކޮމްޕައުންޑެކެވެ.
ރީނދޫކިރު ތައްޔާރު ކުރަނީ ރީނދުލާއި އިނގުރު އަދި އަސޭމިރުސް އެއްކޮށްގެންނެވެ. ހޫނު ފެނުގައި މިބައި ރަނގަޅަށް ކައްކާލާށެވެ. ހުން އައުމުގެ އަލާމާތްތައް ކުރިމަތިވާ މީހުންނަށް ގިނަ ފައިދާތަކެއް ލިބިފައިވީނަމަވެސް އެހެންކަހަލަ ޑޮކްޓަރީ ބޭސް ބޭނުންކުރަމުންދާ ދަނޑިވަޅެއްގައި (މިސާލަކަށް ވަރުގަދަ އެންޓިބައޮޓިކެއް ބޭނުން ކުރަމުންދާއިރު) ބޭނުންކުރުން ރަނގަޅެއް ނޫނެވެ.
ރީނދޫކިރުގެ ފައިދާތައް:
- ކަރުތެރޭގައި ރިއްސުން ލުއިކޮށްދެއެވެ
- ނޭފަތް ބެދުން ރަނގަޅުކޮށް ނޭފަތުގެ އެތެރެ ސާފުކޮށްލަދެއެވެ.
- ދިގުދެމިގެންދާ މޭއެންދުން ކަހަލަ އުނދަގޫތަކުން ދުރުކޮށްދެއެވެ.
- ދިފާއީ ބާރު އިތުރުކޮށްދެއެވެ.

ރީނދޫ ކިރަކީ ފައިދާހުރި ސިއްހީމާހިރުން ޔަގީންކަން ދީފައިވާ ބުއިމެއް
އިނގުރާއި މާމުޔާއެކު ރީނދޫ: ކެއްސުމަށް ރަނގަޅު ފަރުވާ
ދިމާވެގެން އުޅޭ ކެއްސުން ޖެހިގެން އުޅެނީ ފުއްޕާމޭގެ ބަލިކަށިކަން ނުވަތަ ވައިރަލް އިންފެކްޝަނެއްގެ ސަބަބުންނަމަަ، ގޭގައި ދެވިދާނެ އެންމެ ރަނގަޅު އެއްފަރުވާއަކަށް ރީނދޫ ހިމަނައިގެން ތައްޔާރުކޮށްލާ އެއްޗެއް ނޫނީ ރީނދޫ ހިމަނައިގެން ކަރުތެރެ ދޮވެލުން ކަހަލަ ކަންތައް ހިމެނެއެވެ.
ރީނދުލާއި އިނގުރުގައި ވެސް އެންޓިވައިރަލް އަދި އެންޓިބެކްޓީރިއަލް ޕްރޮޕަޓީސް އެކުލެވިގެންވާއިރު، ނޭވާލާ ނިޒާމުގައި މައިކްރޯބްތައް އުފެދޭ އިންފެކްޝަންތަކާ ދެކޮޅަށް ހަނގުރާމަ ކުރުމަށް މިދެބާވަތްވެސް އެހީތެރިވެދެއެވެ. މާމުއިން ކަރުތެރެއަށް ވާއުނދަގުލާއި ތަދު، އަދި ފާރުވެފައި ހުރުމުން އަރާ ދިލަރިހުމުން ލުއިކޮށްދެއެވެ. އެހެންކަމުން މިބައިތައް އެއްކޮށްލައިގެން ތައްޔާރުކޮށްލެވޭ ބުއިމަަކީ ކެއްސުމަށް ފަރުވާ ދިނުމުގައި ވަރަށް ފައިދާހުރި ބުއިމެކެވެ.

ރީނދުލާއި ލޮނުއެއްކޮށްހެން ހޫނުކަންހުންނަ ފެނުން ކަރުދޮވުމުގެ ފައިދާބޮޑުވެފައި ނަތީޖާ އަވަސް
ކަރުތެރޭގައި ރިއްސުމަށް ފަރުވާ؛ ރީނދޫ ހިމަނައިގެން ގާގްލް ނުވަތަ ކަރުތެރެ ދޮވުންް
ހޫނު ފެނުގައި ރީނދުލާއި ލޮނ އެއްކޮށްލައިގެން ކަރުތެރޭގައި ރިއްސުން ހަމަ ނުހަނު އަވަހަށް ފަސޭހަކޮށްލަދޭނެ، ފައިދާހުރި ގާގްލް ސޮލިއުޝަނެއް ހެދިދާނެ އެވެ.
ބޭނުންވާ ތަކެތި:
- 1 ތަށި ހޫނު ފެން
- 1⁄2 ސައިސަމުސާ ރީނދޫ(ހިމުންކޮށްހުންނަ)
- 1 ސައިސަމުސާ މޭޒުމަތީ ލޮނު
ތައްޔާރު ކުރާނެ ގޮތް:
- ތަށްޓަކަށް 1 ޖޯޑު ހޫނު ފެން އަޅާށެވެ.
- އާންމު މޭޒުމަތީ ލޮނު 1 ސައިސަމުސާ އާއި 1⁄2 ސައިސަމުސާ ރީނދޫޕައުޑަރ އަޅާށެވެ.
- ރަނގަޅަށް އެއްކޮށްލާށެވެ.
- މިހާރު ދެން ކަރުތެރެގާރގްލް(އަނގަޔަށް އެޅުމަށްފަހު ކަރުމައްޗަށް ނަގައިގެން ކަރުތެރޭގައި ފެނުގެ އަސަރު ޖެހޭގޮަތަށް ދޮވުން) ކުރާށެވެ. އެންމެ ރަނގަޅީ ދުވަހުގެ ފުރަތަމަ ކަމަކަށްހެނދުނު ހެނދުނާ ކުރުމެވެެ.
މިގޮތަށް މަދުވެގެން ދުވާލަކު ދެފަހަރު، ހެނދުނު އަދި ހަވީރު އެއްފަހަރު، 2-4 ދުވަސް ވަންދެން ގާރގްލްކޮށް ކަރުތެރެއަށް ރިއްސުމަށް ފަރުވާ ދިނުމުން ހީވެސް ނުކުރާހާ އަވަހަށް ކަރުތެރެ ސާފުވެ އަރިދަފުސް ރޯގާގެ އަސަރު ފިލައިދާނެއެވެ.
ގާރގްލް ކުރުމަށްފަހު މަދުވެގެން 15 މިނިޓް އެންމެ ރަނގަޅީ 30 މިނެޓް ވަންދެން އެއްޗެއް ކެއުން ނުވަތަ ބުއިމުން ދުރުވުމަކީ އެންމެ ފައިދާ ކުރާނެ ގޮތެވެ. ސަބަބަކީ ކަރުތެރެ ދޮވުމަށް ބޭނުން ކުރި ރީނދުލާއި ލޮނުގެ އަސަރު އޭގެ ގޮތުގައި އެތެރެއަށް ކުރުމަށް ވަގުތުކޮޅެއް ބޭނުން ވާނެތީއެވެ.

