މިއަދު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި ގދ.ހޯޑެއްދޫ، ސްވެން އަބްދުﷲ ރަޝީދު (މާޓީ) ނިޔާވީ ފުލުހުންގެ އިހުމާލުން ކަމަށް އޭނަގެ އާއިލާއިން ތުހުމަތުކޮށްފިއެވެ.
މިމައްސަލައާއި ގުޅޭގޮތުން ހުވަދޫ ނިއުސްއަށް މައުލޫމާތު ދެމުން އާއިލާއިން ބުނެފައިވަނީ ބޯޓަކުން ގެއްލުނު އެއްޗެއް ހޯދުމަށްޓަކައި ފުލުހުން އަބްދުﷲ ރަޝީދުގެ ގެޔަށް ގޮސް ޗެކްކުރި ކަމަށާއި އެހެންނަމަވެސް އެގެއިން އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށެވެ. އެހެންނަމަވެސް ފުލުހުން އަބްދުﷲ ރަޝީދު ހައްޔަރުކޮށްގެން ގެންދިޔަ ކަމަށް އާއިލާއިން ވަނީ މައުލޫމާތު ދީފައެވެ.
ފުލުހުން އޭނާ ހައްޔަރުކޮށްގެން ގެންދިޔައިރުވެސް އޭނަގެ މެޔަށް ތަދެއް އަރައިގެން ހާލަތު ދެރަވަމުން ދިޔުމުން އޭނައަށް ފަރުވާ ދިނުމަށް މަރުކަޒަށް ގެންދިޔުމަށް އާއިލާއިން އަދި ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެމްބަރު ފިރުޝާންވެސް ވަނީ ބުނެފައެވެ. އެހެންނަމަވެސް ފުލުހުން އޭނައަށް ފަރުވާ ނުދީ ލަސްވުމުން އޭނާ ނިޔާވީ ކަމަށް އާއިލާއިން ވަނީ ތުހުމަތުކޮށްފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި އަބްދުﷲ ރަޝީދު ހައްޔަރުކޮށްގެން މަޑަވެލީ ޕޮލިސް ސްޓޭޝަނަށް ގެންދިޔުމަށްޓަކައި ލޯންޗުގައި އިންދާ މެޔަށް ތަދެއް އަރައިގެން އުޅުނު ކަމަށާއި މަޑަވެލީ ސިއްޚީ މަރުކަޒަށް ގެންދިޔައިރު އަބްދުﷲ ރަޝީދު ވަނީ ނިޔާވެފައި ކަމަށް މަރުކަޒުން ބުނި ކަމަށެވެ.
މިވާހަކަ ތަކާއި ގުޅިގެން އާއިލާއިން ބުނެފައިވަނީ ފުލުހުން ހަދަނީ ދޮގު ކަމަށާއި އޭނާ މަރުކަޒަށް ގެންދިޔައިރު މަރުނުވާ ކަމަށެވެ. އަދި އަބްދުﷲ ރަޝީދު ނިޔާވީ ފުލުހުން އޭނައަށް ފަރުވާ ނުދީ ލަސްކުރުމުން ކަމަށް ބުނެ އާއިލާއިން ވަނީ މިނޫހަށް މައުލޫމާތު ދީފައެވެ.
އަބްދުﷲ ރަޝީދުގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށްޓަކައި މިހާރުވަނީ ގދ.ތިނަދޫގައި ހުންނަ ޑރ.އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލަށް ގެނެސްފައެވެ. ހަށިގަނޑު މާލެ ފޮނުވުމުގެ އިންތިޒާމް ހަމަޖެހެންދެން ތިނަދޫ ހޮސްޕިޓަލްގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

