ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ވަރަށް ގޯސްކޮށް އުޅޭ މީހުންވެސް އުޅެއެވެ. ޚާއްސަކޮށް އުމުރުގެ އެންމެ ޒުވާން ދުވަސްވަރު ބައެއް ޒުވާނުން ޒުވާންކަމުގެ ޖޯޝުގައި މަގުއޮޅިގެންދެއެވެ. މިފަދަގޮތަކަށް އުޅުނު ޒުވާނަކު ކިޔައިދިން ވާހަކައެއް އެ ޒުވާނާ ކިޔައިދިންގޮތަށް ތިބޭފުޅުންނާ ހިއްސާކޮށްލުމަށް ގަސްތުކުރަމެވެ
އެ ޒުވާނާއަކީ އޭނާގެ އުމުރުން 15 އަހަރާއި 24 އަހަރާއި ދެމެދު ޒުވާންކަމުގެ ޖޯޝުގައި މަގުއޮޅިފައިވާ ޒުވާނެކެވެ. އާއިލާ މީހުންގެ ބަސްނާހައި ރައްޓެހިންނަކީ ޢާއިލާ ކަމުގައި ދެކެމުންއައި ޒުވާނެކެވެ. މައިންބަފައިންގެ ހިތުގައި އަޅަމުންދިޔަވޭނެއް އޭނާއަކަށް އޭރަކު އިޚްސާސެއްނުވެއެވެ. ކަރުގައާއި އަތާއި ފައިގައި ޒާތްޒާތުގެ ކެވެލި އަޅައިގެން ބޮލުގެ އިސްތަށިގަނޑު ދިގުކޮށްގެން ކަންފަތް ތޮރުފައި މުނދި ޖަހައިގެން އުޅުނު ޒުވާނެކެވެ. އެގޮތަށް އޭނާހުރުމުން އެއީ އޭނާއަށް އޭރު ފަހުރެކެވެ. ސަބަބަކީ ފެންނަ މީހުންނަށް އޭނާއަކީ ގަޓް ޒުވާނެކޭ ބުނާނެތީއެވެ.
ކުއްލިއަކަށް މި ޒުވާނާ އަހަންނަށް ފެނުނީ އޭނާގެ އުޅުން ވަރަށް ބޮޑަށް ބަދަލުވެފައިވަނިމޮށެވެ. ދަނަން އެކުވެރި ގާތް ސޮރަކަށްވާތީ ދޭތެރެއަކުން އޭނާއާއި އެކު އަހަރެންވެސް ކޮފީއަށް ދަމެވެ. އޭނާގެ އުޅުމަށް އައި ބަދަލާއިމެދު އަހަރެން އޭނާކައިރިން އެކިއެކި ވާހަކަތަށް ދައްކައި ސުވާލުކޮށް ހެދީމެވެ. ޒުވާނާ ކިޔަައިދިންގޮތުގައި އޭނާގެ އުމުރުން 23 އަހަރުގައި އެނާއަށް އުޅެވެމުންއައި ގޮތާއިމެދު ވަރަށްބޮޑަށް ވިސްނެންފެށިކަމަށެވެ. މިއުޅެވެނީ އެއްގޮތަކަށްވެސް ރަނގަޅަށްނޫންކަމަށާއި އިސްލާހުވެ ރަނގަޅު ބައިވެރިއަކު ހޯދައި ޒަވާޖީ ހަޔާތެއްފަށަން އޭނާ ގަސްތުކުރިއެވެ.
އެހެންވެ އެންމެ ފުރަތަމަވެސް ފެށީ ނަމާދަށް ބަންގިގޮވީމައި މިސްކިތަށް ދެވޭތޯއެވެ. މިގޮތުގައި ދުވަސްތަކެއް ހޭދަވުމުން އޭނާގެ ހިތް މިސްކިތަށް ލޯބިޖެހި މިސްކިތުގައި ކޮންވެސް ވަރަކަށް ވަގުތު ހޭދަކުރަންފެށިއެވެ. އެހާ ހިސާބުން ކުރީގެ އުޅުން ދޫކޮށްލަން އޭނާ އަޒުމް ކަނޑައެޅިއެވެ. އަދި ސިނގެރޭޓް ބުއިންވެސް ހުއްޓާލިއެވެ. މިހާރުއެއީ މާޝާﷲ ރަނގަޅު ޒުވާނެކެވެ.
އެޒުވާނާ އަހަންނަށް ކިޔައިދިން އެންމެ އަސަރުގަދަ ވާހަކައަކީ އޭނާގެ ކުރިމަތީގައި މަރުވި ޒުވާނެއްގެ ވާހަކައެކެވެ. އޭނާ ކިޔައިދިން ގޮތުގައި އެއްރޭ ދެ ޖިންސްގެ ޒުވާނުންތަކެއް މަޖާކޮށް ނަށައިހަދަންތިބި ތަނަކަށް ދިޔުމަށް އޭނާއަތް ދަޢުވަތު ލިބުނެވެ. އެހެންވެ އޭނާވެސް އެތަނަށް ދިޔަކަމަށެވެ. އެތަނަށް ދިޔަތަނުން އޭނާގެ އެހެން އެކުވެރިޔަކު ގުޅައިގެން އޭނާބަލައި ސައިކަލުގައި ދިޔައެވެ.
އެނބުރި އެކުވެރިޔާ ގިވައިގެން އެތަނަށަ ދިޔައިރު އެތާ ނަށައި މަޖާކުރަން އުޅުނު ޒުވާނަކު އޮތީ ބިންމަށްޗަށް ވެއްޓިފައެވެ. އެނަމެންތަށް އޭނާ ވަށައިލައިގެން ތިބިއެވެ. އޭރު އެ ޒުވާންގެ ދެލޯވަނީ ބޮޑުވެފައެވެ. ކޮންވެސް ވަރަށް ދެފައި ކުޑަކޮށް ހިއްލާލައިފައި ބިރުވެރިކަމާއި ހާސަކަމުގައިހުރެ އޭނާ ބުނިއެވެ، ” އަދި މަޑުކޮށްލަދީ، އަހަރެން ނުގެންދޭ” އެހެން ބުނިތަނުން ޒުވާނާ މި ދުނިޔެއަށް ލާން ހަމަޖެހިފައިވާ ފަހުނޭވާލައި ނިމުނީއެވެ. ގޯސް ކަންތައްތަކެއް ކޮށްގެން އުފާ ކުރަން ހުއްޓާ އޭނާގެ މަރު އައިސް އޭނާއާއި ބައްދަލުކުރީއެވެ.
އެކުވެރިންނޭއެވެ. މި ދުނިޔެއަކީ ވަގުތީ ތަނެކެވެ. ދުނިޔެ ދޫކޮށް ދާނޭ ވަގުތު ވަނީ ވަރަށް ކައިރީގައެވެ. މަރު ނުވާނޭ ހަމަ އެއްވެސް ދިރުމެއް މި ކާއިނާތުގައި ނުއެވެ. ނަމަވެސް މަރަކީ އެ ޙަޤީޤަތަކާ މެދު ގިނަ ބަޔަކު ޣާފިލުވެފައިވާ އެއްޗެކެވެ. މަރުވާނޭ ކަން އެނގުނެއް ކަމަކު މީސްތަކުންގެ ޢަމަލު ތަކުން، އެބައިމީހުންނަކީ އަބަދަށް ދުނިޔޭގައި ތިބުމަށް ލައްވާފައިވާ ބައެކޭ ހީވާ ކަހަލައެވެ. މަރަށް ތަޔާރު ވުމެއް ނެތި، މާތް ﷲ ނަހީކުރެއްވި ކަންތައްތަކަށް އަރައިގަތުމުގައި ޢުމުރު އެކުގައި ހޭދަކޮށްލައެވެ.
އެއްވެސް މީހަކަށް އޭނާ މަރުވާނޭ ވަގުތެއް ނޭނގޭނެއެވެ. ކަން މިހެން އޮތަސް މަރުވުމުން ތިމާ ދާން އޮތް ގޮވައްޗަކީ ކޮބައިކަން ތިމާއަށް ނިންމި ދާނެއެވެ. ހެޔޮ ޢަމަލު ކުރިމީހުންނަށް ކަށްވަޅަކީ ސުވަރުގޭގެ ދާނެކެވެ. ނުބައި ޢަމަލު ކުރި މީހުންނަށް ކަށްވަޅަކީ ނަރަކައިގެ ވަޅުގަނޑެއް ކަމުގައި ނޫނީ ނުވެއެވެ. އެނބުރި ދާން އޮތް މަންޒިލަކީ ތިމާ ހިތް އެދޭފަދަ ތަނަކަށް ހަދަން ބޭނުން މީހާއަށް އޮތީ ހެޔޮ ޢަމަލު ގިނަ ކުޅައުމެވެ.

