ދަރިންނާ ދުރުގައި ވަގުތު ހޭދަކުރުމަކީ ވަރަށްވެސް އުދަގޫ ހިތަށް އަސަރު ކުރާނެކަމެކެވެ. ނަމަވެސް ބައެއްފަހަރަށް އެކިއެކި ސަބަބުތަކާއިހުރެ ދަރީންނާއި ދުރުގައި އަހަރުތަކެއް ހޭދަކުރާ މައިންނާއި ބަފައިންވެސް އުޅެއެވެ. ދަރީންގެ މުސްތަޤްބަލަށްޓަކައި ވަޒީފާ އަދާކުރުމަށެވެ. މިފަދަ މައިންނާއި ބަފައިން އެވަނީ ވަރަށްވެސް ބޮޑު ޤުރުބާނީއެކެވެ. ކޮންމެ މަޔަކާއި ބަފަޔަކުވެސް އެމީހުންގެ ދަރީންނާއި އެކު ދުވަސް ހޭދަކުރަން ބޭނުންވާނެއެވެ. ދަރީންނާއި އެކު ހީ ސަމާސާކޮށް ކައި، އެކުދީންނަށް ބޮސްދީހަދައި، ބައްދާލައި،އެކުދީންގެ ވާހަކަތަށް އަޑުއަހައި، ސްކޫލުން ގެޔަށް އައުމުން ކުދިންގެ ފޮތްތަށް ބަލައި ހޯމްވޯރކްތަށް ބަލައި އެކުދީންނަށް އެހީތެރިވެދޭން ބޭނުންވާނެއެވެ. ދަރީން ނިންދަވާ ގަނޑިއަކީވެސް ކޮންމެ މަޔަކާއި ބަފައަކަށް ލިބޭނެ ވަރަށްބޮޑު ހިތްހަމަޖެހުމެކެވެ.އުފަލެކެވެ.
ދަރީންނާއި ދުރުގައި ދުވަސްތަށް ހޭދަކުރަން ޖެހުމުން ކޮންމެ މީހަކަށްވެސް އެކަމުގެ ހިތްދަތި އިޚްސާސްވެގެންދާނެއެވެ. ކުދީންނަށް އަޅާލުމައި އޯގާތެރިވުމަކީ ތޮބީޢީގޮތުންވެސް އިންސާނުންގައިގައި ލައްވާފައިވާ ކަމެކެވެ. އެހެންކަމުން އެކުދީންނާއި ވަކިން ދިރިއުމަކީ ހަށިގަނޑުގެ އެއްބައި މަރުވެފައިވާކަހަލަ އިޚްސާސްތަކެއް ކުރެވޭކަހަލަ ކަމެކެވެ. ދުރުގައި އުޅޭއިރު ދަރިޔަކު ހުންއައިސް ބަލިވެއްޖެ ޚަބަރު ލިބުމަކީ ތިބާގެ ހަށިގަނޑުގައިވެސް އެކަމުގެ ވޭން އަޅާކަމުގެ އިޙްސާސްވާނެކަމެކެވެ. މުޅި މީހާގެ ސިކުނޑި ބަލިކޮށްލާނެ ކަމެކެވެ.
ދަރީންނާއި ދުރުގައި އުޅޭ މައިންނާއި ބަފައިން ދަރީންނާއި ހަރުދަނާ ގުޅުމެއް ބާއްވަންވާނެއެވެ. ވީހާވެސް ބޮޑަށް އެކުދީންނާއި ދުރުނޫންކަން އެކުދީންނަށް އިޚްސާސްކޮށްދޭންވާނެއެވެ. ވަކީން ޚާއްސަކޮށް މިޒަމާނުގައި ދަރީންނާއި ރޭވުންތެރި ކަމާއިއެކު ޚަރުދަނާ ގުޅުމެއް ބާއްވައިފިނަމަ އެކުދީންނަކަށް ދުރުކަން އިޚްސާސް ކުރެވޭލެއް ކުޑަވާނެއެވެ. މުވާސަލާތީ ވަސީލަތްތަށް މިވަނީ ދުރުތަން ކައިރިކޮށްދީފައެވެ.
ދަރީންނާއި ދުރުގައި އުޅޭއިރު އަބަދުވެސް ތިބާގެ ފޯން ނިވައިނުލާ ބާއްވާށެވެ. އެކުދީން ގުޅާ ކޮންމެ ގަނޑިއަކުވެސް ކިތަންމެ ބުރަކޮށް ވަޒީފާގައި އުޅުނު ކަމުގައިވިއަސް ކޮންވެސް ވަރަކަށް ޖަވާބުދާރީ ވާށެވެ. އޭރުން ކުއްޖާއަށް މަންމަ ނުވަތަ ބައްޕަ މަސަތްކަތު ގަނޑިކަނަ އެނގެން ފެށުމުން އެގަނޑިތަކުގައި ނުގުޅާނެއެވެ. މަސައްކަތުން އަވަދިވިހައި އަވަހަކަށް ދަރީންނަށް ގުޅާށެވެ. ވީޑިއޯ ކޯލްކޮށް ވާހަކަ ދެއްކުމަކީ އެކުދީންނާއި އެކީގައި ތިބޭ އުޅެކަމުގެ އިޚްސާސް ކުދީންނަށް ކޮށްދޭނެކަމެކެވެ. ސްކްރީނަކުން ވިޔަސް ބައްޕަ ނުވަތަ މަންމަ ފެނުމަކީ ދަރިފުޅާ އެކު ބަދަހި ގުޅުމެއް ދެމެހެއްޓުމަށް ޓަކައި ވަރަށް މުހިންމު ކަމެކެވެ. ކޯލްތަކަށް ވަގުތު ނުދެވޭނަމަ ކުރު ވޮއިސް ނޫނީ ވީޑިއޯ މެސެޖްއެއް ނަމަވެސް ފޮނުވާލާށެވެ. އެވަރުވެސް އެއީ ކުދީންނަށް ވަރަށްބޮޑު އުފަލެކެވެ. ގިނަގިނައިން އެކުދީންދެކެ ލޯބިވާ ވާހަކަ އެކުދީންކަައިރީ ބުނާށެވެ.
ދުރުގައި އުޅޭއިރު ކުދީންނަށް ސަޕަރައިޒް ދިނުމަކީ އެކުދީން ވަރަށްވެސް އުފާވާނެކަމެކެވެ. އެކިއެކި ހަދިޔާ ދޭތެރެ ދޭތެރެއިން ކުދީންނަށް ފޮނުވާށެވެ. ކިތަންމެ ކުޑަ ހަދިޔާއެއް ފޮނުވިއަސް އެކުދިން އުފާވާނެއެވެ. ކުޅޭ އެއްޗިއްސާ، އާޓް ސަޕްލައިފަދަ އެއްޗެހި އެކުދީންނަށް ފޮނުވާށެވެ. އެކުދީންނާއި އެކު ފޯނުން ވާހަކަދައްކާއިރު ކުދީން ބޭނުންވަނީ ކޮން އެއްޗިއްސެއްތޯ އަހައި ބަލާށެވެ. ދުވަސްކޮޅަކުން އެ ހަދިޔާ ފޮނުވާށެވެ. އޭރުން އެކުދީން ވަރަށް ހިތްހަމަޖެހި އުފާވާނެއެވެ. ދަރީންނާއި އެކުގައި އުޅުނު ދުވަސްވަރު ނަގާފައިވާ ފޮޓޯތަށް އެކުދީންނަށް ފޮނުވާށެވެ. އޭރުން އަބަދުވެސް ހަނދާންތަށް އާވެ ހުންނާނެއެއެވެ.
ދުރުގައި އުޅޭއިރު ކުދިންނާއި ގުޅުންބަދަހިކުރުމަށް ކުރެވެންއޮށް ކޮންމެ ގޮތަކުންވެސް އެކަންކުރުމަކީ ވަރަށްވެސް މުހިންމުކަމެކެވެ. ކިތަންމެ ދުރުގައި ހުއްޓަސް ދަރީންނަކީ މަތިވެރި ﷲ ތިމާއާއި ހަވާލުކޮށްފައިވާ އާމާނާތެއްކަން އަބަދުވެސް ހަދާން ބަހައްޓަންވާނެއެވެ.

