ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫގައި ހެދުމަށް ހަމަޖެހިފައިވާ އިންޑަސްޓްރިއަލް ޒޯން (ޓިޒް) ގެ ޢަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްމިޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ، އެމްޓީސީސީ އިން މިއަދު ފަށައިފިއެވެ.
ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލްގެ ރައީސް ސައުދު ޢަލީ ވިދާޅުވީ ރަށުގެ އިރުމަތީ ފަރާތުގައި ރަށުގެ ފަޅުތެރޭގައި ރަށާ ވަކިން ތައްޔާރު ކުރާ ތިނަދޫ އިންޑަސްޓްރިއަލް ޒޯން ގެ މަސައްކަތް ފެށުމުގެ ގޮތުން މިއަދު ހެނދުނު ކުރަން ފެށި މަސައްކަތަކީ 9 ހެކްޓަރު ބޮޑު މިނަށް ފަސް އަޅައި ހިއްކަން ފެށުމުގެ ކުރިން ހަދަން ޖެހޭ ސަލިޕް ވޯލް މަސައްކަތް ކަމަށާއި މި މަސައްކަތް ވަރަށް އަވަހަށް ނިންމާ ބިން ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
ސައުދު ވިދާޅުވީ ތިނަދޫ އިންޑަސްޓްރިއަލް ޒޯން ނިމޭއިރު މީގެ ކުރިން ތިނަދޫ ގައި އެމްޓީސީސީ އާއި ޙަވާލު ކޮށްގެން ކުރިޔަށް ގެންދިޔަ އެމްޕީއެލް ޕޯޓް ގާއިމްވެގެން ދާނީ އެ ޒޯނު ތެރޭގައި ކަމަށާއި ތިނަދޫ އިންޑަސްޓްރިއަލް ޒޯން ޕޯޓް ގެ އިތުރުން ވިޔަފާރިއާއި ގުޅުން ހުރި ގިނަ ކަންތައްތަކެއް ހިނގާނެ ކަމަށެވެ.
އިންޑަސްޓްރިއަލް ޒޯން ނިމޭއިރު ޒޯން އިންނާނީ ތިނަދޫ ގޭސް ޕްލާންޓާއި ދިމާލުން ކުޑަ ކޯޒްވޭއަކުން ގުޅާލެވިފައެވެ. ރައްޔިތުންނަށް ފަސޭހައިން ބޭނުން ކުރެވޭ ގޮތަށް ތަރައްޤީ ކުރެވޭ މިޒާނަކީ ޒަމާނީ ފެންވަރަށް ޤާއިމުކުރެވިގެންދާނެ އިންޑަސްޓްރިއަލް ޒޯނެކެވެ.

