މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރު މުހައްމަދު ޝާފިއު، އަންހެން ނޫސްވެރިއަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ބުނެ ކުރެވުނު ތުހުުމަތު ސާބިތު ކުރެވޭ ވަރަށް ހެކި ނެތުމުން އޭނަގެ ސަސްޕެންޝަން އުވާލައިފިއެވެ.
“ވަގުތު” ނޫހުގެ އަންހެން ނޫސްވެރިޔަކަށް ޝާފިއު ޖިންސީ ފުރައްސާރަކުރި ކަމަށް ބުނެ މިދިޔަ އޮކްޓޯބަރ މަހު 24 ވަނަ ދުވަހު ޝާފިއު ވަނީ މީޑީޔާ ކައުންސިލުން ސަސްޕެންޑުކޮށްފައެވެ. އެހެންނަމަވެސް މިމައްސަލަ ސާބިތުވާ ވަރަށް ހެކި ނެތުމުން މިމައްސަލަ ފުލުހުން ފައިލްކޮށްފިއެވެ.
އެމްއެމްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޝާފިއު އާއި ދެކޮޅަށް ހުށަހެޅުނު ޖިންސީ ފުރައްސާރައިގެ މައްސަލަ ފުލުހުން ފައިލްކޮށްފައި ވާތީ ޝާފިއުގެ ސަސްޕެންޝަން ވެސް މިހާރު އުވާލާފައިވާ ކަމަށެވެ. އަދި “ވަގުތު ނޫހުގެ ހަބަރާއި ގުޅިގެން” ރާއްޖޭގެ ބައެއް ޖަމްއިއްޔާ ޖަމާއަތްތަކުން ކަމުގެ ހަގީގަތަށް އެއްވެސް ވަރަކަށް ބެލުމެއްނެތި މިކަމާ ގުޅޭ ބަޔާން ނެރުމަކީ މިނިވަން ޑިމޮކްރަޓިކް މުޖްތަމައުތަކުގައި ޖަމްއިއްޔާ ޖަމާއަތްތަކުން މަސައްކަތްކުރާ ގޮތް ނޫން ކަމަށް ވެސް އެމްއެމްސީން ވަނީ ބުނެފައެވެ.
މީގެއިތުރުން ހަބަރާއި މައުލޫމާތު ގެނެސްދިނުމުގައި ގާނޫނާއި ގަވާއިދާއި އުސޫލުތަކަށް ރިއާޔަތް ކުރުމަށާއި، ދިވެހި މީޑިއާގެ ހަމަތަކާއި އަހްލާގީ މިންގަނޑާ އެއްގޮތަށް މަޢުލޫމާތާއި ހަބަރުތައް ގެނެސްދިނުމަށް އެކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހަމައެއާއެކު ޝާފިއު ވަގުތު ނޫހުގެ މުވައްޒަފަކަށް ޖިންސީ ފުރަސާރަ ކުރިކަމަށް ބަޔާންކޮށް ވަގުތު އޮންލައިން ނެރެފައިވާ ނޫސްބަޔާނާއި އެކަމާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލާއި، ކައުންސިލުގެ މެންބަރުންނާ މެދު ރައްޔިތުންގެ ހިތުގައި ހަގީގަތާއި ހިލާފު، ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް ވަގުތު އޮންލައިންގައި ޝާއިއު ކޮށްފައިވާ ހަބަރުތައް، ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

