ކުޑަކުދިންނަށް ރޯގާ ޖެހި ކެއްސިޔަސް ނުކުރަންވީ ކަމަކީ ތަލީގައި ބާމު ހޭކުމާއި ކާންދިނުން ކަމަށް އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރު މުޙައްމަދު އަލީ އިރުޝާދު ދެއްވައިފިއެވެ.
ކުޑަކުދިން ރޯގާ ޖެހި ކެއްސާނަމަ، ސީގަލް ބާމް( ފެހިބާމް) ކޮޅެއް ދަރިފުޅުގެ އަނގައިގެ މަތީ ތަލީގައި ހާކާލުމުން ކެއްސުން ވަރަށް ބޮޑަށް ލުއިވެއެވެ. މިއީ ކުރުން ރައްކާތެރި ކަމެއް ހެއްޔެވެ؟
މި ސުވާލަށް އޭނާގެ ފޭސްބުކުޕޭޖުގައި ފޮޓޯއެއް ހިއްސާކޮށް، ލިޔުއްވާފައި ވަނީ، ދެ އަހަރުން މަތީގެ ކުދިންނާއި ބޮޑެތި މީހުން ބާމް ބޭނުންކުރާނީ، މޭމަތީގައި ނޫނީ ކަރުދޮށުގައި އުނގުޅައިގެން ކަމަށެވެ. ނޫނީ ރުމާލެއްގައި ހޭކުމަށްފަހު ވަސްބެލުމަށް ބޭނުން ކުރެވިދާނެ ކަމަށެވެ. ދެން ވިދާޅުވެފައި ވަނީ ބާމު ބޭނުން ކުރުމުގައި ނުކުރަންވީ ކަންތައްތަކެވެ. ނުކުރަންވީ ކަންތައްތަ ކަމަށް ފާހަގަކުރައްވާފައި ވަނީ، ތަލީގައި ހޭކުމާއި ކާންދިނުމާއި މައިކްރޯވޭވް ކުރުމެވެ.
ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ރޯގާ ޖެހި ކެއްސާނަމަ ބާމް ކޮޅެއް ތަލީގައި ހޭކުން ނޫނީ އެތިކޮޅެއް ކާން ދިނުމަކީ ބައެއް ފަހަރު ބައެއް މީހުން މިހާރުވެސް ކުރާ ކަމެކެވެ. މުޙައްމަދު އަލީ އިރުޝަދު ދެއްވީ އެކަން ނުކުރުމަށެވެ.
ޑރ. މުޙައްމަދު އަލީ ޙިއްސާކުރެއްވި ފޮޓޯގައިވާ ގޮތުން، ސީގަމް ބާމުގައި ހިމެނޭ މެންތޯލްއިން ތަނދު ކަނޑުވާކުމަށް އެހީވެދެއެވެ. އިއުކަލިޕްޓަސްއިން ނޭވާލުމަށް ފަސޭހަކުރުމާއި ކެއްސުމަށް ލުއި ލިއްބައި ދެއެވެ. ކެމްފަރއިން ތަދުތަދާއި ހިރުވުމާއި ދުޅަވުމަށް ލުއި ލިއްބައި ދެއެވެ.

