އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ އާއި ބައްދަލުކުރަން ދުޔަ އަރަބިއްޔާ ސްކޫލްގެ ބެލެނެވެރިން މިނިސްޓްރީގެ އޮފީހުގައި ތިއްބާ ފުލުހުން ގޮސް ބެލެނެވެރިން އޮފީހުން ނެރެލައިފިއެވެ.
މިއަދު ހެދުނުގެ ވަގުތެއްގައި އެޑިކޭޝަން މިނިސްޓަރާއި ބައްދަލުކުރުމަށް އަރަބިއްޔާ ސކޫލްގެ ބެލެނެވެރިން ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ އޮފީހަށް ގޮސްފައެވެ. އެހެންނަމަވެސް މިނިސްޓަރާއި ބައްދަލުކުރެވޭ ގޮތެއް ވަނީ ނުވެފައެވެ. އަރަބިއްޔާ ސްކޫލާއި ގުޅިގެން ހުރި ކަންބޮޑުވުންތައް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ހިއްސާ ކުރަން ދިޔުމުން ފުލުހުން ގޮސް ބެލެނެވެރިން އޮފީހުން ނެރުނީއެވެ.
އަރަބިއްޔާގެ ބެލެނެވެރިން ބުނާގޮތުން މިނިސްޓަރާއި ބައްދަލުކުރެވޭތޯ ވަރަށް ގިނަ ފަހަރުމަތިން ވަނީ މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް މިނިސްޓަރ ވިދާޅުވަނީ ބިޒީ ކަމުން ބައްދަލުކުރާނެ ވަގުތެއް އަދި ނުވާ ކަމަށެވެ. ގާތްގަނޑަކަށް ދެތިން ހަފްތާގެ މަސައްކަތަށް ފަހުވެސް އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެވޭގޮތް ނުވުމުން ބެލެނެވެރިން ދިޔައީ މިނިސްޓްރީއަށެވެ. އެހެންނަމަވެސް މިއަދު މިނިސްޓަރާއި ބައްދަލު ކުރަންދިޔަ ބެލެނިވެރިންގެ ހުރިހާ ކަންބޮޑުވުންތައް މިނިސްޓްރީއާއި ހިއްސާ ނުކުރެވެނީސް ފުލުހުން އައިސް ވަނީ ބެލެނިވެރިންތައް މިނިސްޓްރީން ބޭރުކޮށްފައެވެ.
އަރަބިއްޔާ ސުކޫލާއި ގުޅިގެން އެ ސުކޫލުގެ ބެލެނިވެރިންގެ ގިނަ ކަންބޮޑުވުންތަކެއް ހުއްޓައި، އިއްޔެގެ ވަގުތެއްގައި އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އެ ސުކޫލުގެ ހިންގުން ރަނގަޅު ކުރުމަށް ކަމަށް ބުނެ، ކުރިން ހުރި ޕްރިންސިޕަލް ވެސް ބަދަލު ކޮށްފައެވެ. އެކަމާއި ގުޅިގެން ނުރުހުން ފާޅުކޮށް، އެ ސުކޫލުގެ ކުރީގެ ޕްރިންސިޕަލް ޝުޖާއުއާއި ސުކޫލް ހިންގުން ހަވާލު ކުރުމަށް ގޮވާލައި ރެއާއި މިއަދު ވެސް ބެލެނިވެރިން ވަނީ އިހްތިޖާޖު ކޮށްފައެވެ.
އަދި މި އިހްތިޖާޖު ގެ ތެރެއިން ރައީސް އޮފީހަށް އެ ސުކޫލު ބެލެނިވެރިން ލާފައިވާ ސިޓީގެ ޖަވާބު ހޯދުމަށް ރައީސް އޮފީހަށް ވަންނަންވެސް ބެލެނިވެރިން ވަނީ މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް ފުލުހުން ވަނީ ބެލެނިވެރިން ހުއްޓުވާފައެވެ.

