އެމްޑީޕީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ތާއީދު ނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ކުރެއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވެފައިިވަނީ މިފަހަރު ރައީސް ސޯލިހުއަށް ތާއީދުކުރެވެން ނެތް ކަމަށެވެ.
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ބައިވެރިވުމަށް ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި މިފަހަރު ރައީސް ސޯލިހު އާއި ވާދަކުރައްވަން ރައީިސް ނަޝީދުވަނީ ނިންމާފައެވެ. އެހެންކަމުން މިފަހަރު ޕްރައިމަރީގައި ރައީސް ސޯލިހުއަށް ތާއީދު ކުރެވެން ނެތްކަމަށާއި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވައި، ކާމިޔާބު ހޯއްދެވުމަށް ފަހު، އެ ޕާޓީގެ ޓިކެޓުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން އެމަނިކުފާނު ވަނީ އިއުލާން ކުރައްވާފައެވެ.
މަޖިލީހުން އެންމެ ފަހުން ބޭއްވި “އާސްކް ސްޕީކާ” ޕްރޮގްރާމުގައި ނަޝީދު ވިދާޅުވީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދިނުމަކީ އެމްޑީޕީ އަށް އޮތް ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އެގޮތުން ކޮޕް27 ގައި ބައިވެރިވެވަޑައިގަތުމަށް މިސްރުގައި ހުންނެވި ނަޝީދު ވަނީ ފާޅުގައި ރައީސް ސޯލިހު އާއި ދެކޮޅަށް ކެމްޕެއިން ކުރާނެކަން ހާމަކޮށްފައެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރާނެ އެމްޑީޕީގެ ކެންޑިޑޭޓަކު ކަނޑައަޅާނީ ރިޔާސީ ޕްރައިމަރީއަކުންނެވެ. އެ ޕްރައިމަރީ މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ބޭއްވުމުގެ މަސައްކަތް އެޕާޓީން އަންނަނީ ކުރަމުންނެވެ.

