ކޮވިޑް-19 ހިމެނޭހެން ތިން ބައްޔެއް ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނާގޮތުން މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުން ހުމާއި، އަރިދަފުސް ރޯނގާ އާއި ކޮވިޑް-19 ފަދަ ބަލިތައް ރިޕޯޓްކުރާ އަދަދު ދަނީ ދުވަހެއް ދުވަހެއް އިތުރުވަމުންނެވެ. އެގޮތުން ފާއިތުވީ ސެޕްޓެމްބަރ މަހު އެކަނިވެސް ކޮވިޑް ޖެހިގެން 185 މީހަކު ރިޕޯޓްކޮށްފައިވާއިރު އޮކްޓޯބަރ މަހު ކޮވިޑް-19 ގެ 328 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.
މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުން ހުމާއި އަރިދަފުސް ރޯގާގެ އިތުރުން ކޯވިޑް ޖެހިގެން ރިޕޯޓްކުރާ އަދަދު އިތުރުވަމުންދާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދިހަމައެއާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް 19ގެ އާ ވޭރިއަންޓްތައް ފެތުރެމުންދާތީ ތިމާއާއި އާޢިލާ އާއި މުޖުތަމަޢު ރައްކާތެރިކުރުމަށް ހުރިހާ އެންމެންވެސް ރައްކާތެރިވުމުގެ ފިޔަވަޅުތައް އަބަދުވެސް އަޅައި ބަލިތަކުން ރައްކާވެތިބުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.
ބަލިތަކުން ރައްކާތެރިވެ ތިބުމަށް އެޅިދާނެ ގިނަ ފިޔަވަޅުތައް އެޗްޕީއޭއިން ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ކޮވިޑް ވެކްސިން ޖަހާ އުމުރުގެ މީހުން ވެކްސިން ފުރިހަމަކުރުން އަދި ބޫސްޓާ ޑޯޒް ޖެހުމަށް ޝަރުތު ހަމަވާ ނަމަ ބޫސްޓާ ޖެހުމަށާއި، ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން އަރިދަފުސް ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ އަވަހަށް ޓެސްޓުކުރުމަށާއި، އަރިދަފުސް ރޯގާގެ އަލާމާތެއް ހުރިނަމަ އަނގަ އާއި ނޭފަތް ރަނގަޅަށް ނިވާވާނެ ގޮތަށް މާސްކް އެޅުމުގެ އިތުރުން ބަލި ޖެހުމުން ނުރައްކާވުމުގެ ފުރުސަތު ބޮޑު މީހުން އިންފްލުއެންޒާ ވެކްސިން ޖެހުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ބަލި ޖެހުމުން ނުރައްކާވާ މީހުންނާ ވީހާވެސް ދުރުގައި އުޅުމާއި ގޭގައި ވެސް މާސްކް އަޅައިގެން އުޅުމާއި ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ބަލިމީހާއާއެކު ވީހާވެސް މަދުމީހުން ދިއުމާއި ބަލި މީހުންނަށް ޒިޔާރަތް ކުރުމަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑުމީހުން ނުދިއުމުގެ އިތުރުން ކޮންމެހެން ހޮސްޕިޓަލަށް ދާންޖެހޭ ހާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ނުދިއުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

