އިއްޔެ މަކުނުދޫ ދަނޑެއްގައި ކުޅުނު ހަމަ ވަރަށް އާދައިގެ ކުޑަކުދިންގެ ފުޓްބޯޅަމެޗެކެވެ. ސޯޝަލް މީޑިޔާގައި މިމެޗްގެ ވީޑިޔޯއެއް ވައިރަލްވެގެން އުޅޭ ސަބަބު އެނގުމުން ލިބޭނީ ހައިރާންކަމަކަށްވުރެ ބޮޑަށް ބުނެދޭން ނޭނގޭފަދަ އުފާވެރިކަމަކާއި ޝައުގުވެރިކަމެއްކަން ޔަގީނެވެ.
ވީޑިޔޯއިން ފެންނަނީ އެއްފައި މައްޗަށް ކުޑަފިރިހެން ކުއްޖަކު ދުވަމުން ހަމަ ފިސާރި ޖޯޝާއެކު ބޯޅަ ފަހާ އެހެންކުދިންގެ ތެރެއަށް ވަދެ ނުހަނު ޔަގީންކަމާއެކު ކުޅުމުގައި ފޯރިހިފާތަނެވެ. މަންޒަރު ހާއްސަވީ އެކުއްޖާ އިރުކޮޅަކުން ބައިގަނޑު ރޫޅިގެންދިއުމާއެކު ބިންމަތީގައި ކޮރުޖަހަމުން ދިޔަ ފަރާތް(ކަކުލާހަމައިން ހުއްޓިފައި) ބިންމަތީގައި ޖައްސާ ވަރުބަލި ފިލުވަން އަނެއްފައިމަތީ އިށީނުމުންނެވެ. އެހެން ކުދިންހެން އުކުޅުގައި އަތްވެސް ވިއްދައެވެ. މެޗާބެހޭ ގޮތުން މޫނުން ދާފޮހެމުން ވާހަކަވެސް ދައްކައެވެ. އާއެކެވެ. ކުއްޖާއަކީ އެއްވެސް ވަރަކަށް ތަފާތު ކުއްޖެއް ހެން ފަހަރެއްގައިވެސް އޭނާގެ ފަޔަށް ކަޅި އަމާޒުނުކޮށް މެޗު ބަލައިފިނަމަ ހީވާނެ އެއްވެސް ޖާގައެއް ނެތެވެ.
ޝަވަން ސާބަހޭ ޝަވަން ސާބަހޭ ކިޔާއަޑު އިވެއެވެ. ޝަވަންގެ މަންމައަށް މިއީ ކުޑަފަހުރެއް ނޫނެވެ. އެހެންނަމަވެސް މިއީ އެމަންމައަށް އާމަންޒަރެއްވެސް ނޫނެވެ. ބަނޑަށް ފަސްމަހުގައި ސިޒޭރިއަންއަކުން ނެގި ޝަވަން ބޮޑުވަމުން އައިއިރު ކަނާތުފައި ވަކިހިސާބަކުން ބުރިވެ، އަތުގެ އިނގިލިތައް އެކުވެފައި ހުރުމަށްވުރެ އިތުރަށް އެއްވެސް ތަފާތެއް ނެތް ކުއްޖަކަށްވީއިރު މިއީ މަޔަކަށްޓަކައި އެވަރުގެ ކުއްޖަކު ފަހުރަކަށް ވާނެ ބޮޑު ސަބަބެއްކަން ގައިމެވެ.
އުފެދުމުގައި އެއްވެސް ތަފާތެއް ހުރި ކުއްޖެއްކަމުގެ އިހުސާސްކުރުވުމެއް ނެތި އަމިއްލަވަންތަކަމުގެ ނިހާއީ ހިތްވަރު ދީގެން ބޮޑުކުރަމުން އަންނަ ކުއްޖެއްކަން އިއްޔެ މަކުނުދޫގައި ކުޅުނު މިފުޓްބޯޅަ މެޗުގައި ދަނޑުމަތިންވެސް ވަރަށް ފުރިހަމައަށް ފާހަގަވެގެންދިޔައެވެ. ވައިރަލްވަމުންދިޔަ ވީޑިޔޯ ޝެއާ ކުރަމުން ބައެއް ފަރާތްތަކުން މިއީ “އުފާވެރި މަންޒަރެއް” ކަަމަށް ބުނާއިރު އަނެއް ފަރާތަކުން ޝަވަން އަށް އަދި އެހެން ފަރާތަކުން ޝަވަންގެ މަންމައަށް އޮހެމުންދާ ސާބަހުގެ ބަސްތަކާއި ހިތްވަރުގެ ބަސްތައްވެސް މަދެއް ނޫނެވެ. އަދި މިފަދަ ކުއްޖަކު މުޖުތަމައުގައި އެހާ އުފާވެރިސިފައެެއްގައި ފެނުމުގެ ފުރުސަތު ދިނީތީވެ މަކުނުދޫ ސުކޫލަަށްވެސް އަދި އެމެޗުގައި ހިމެނޭ ފަރާތްތަކަށްވެސް އެކި ފަރާތްތަކުން ދީފައިވާ ސާބަހާއި ތައުރީފުގެ ބަސްތައް ގިނައެވެ.
މަކުނުދޫ ސުކޫލުގެ ފަރާތުން އެހާމަކޮށްދިނީ ކުޅިވަރު ކުޅުމަށް ގާބިލު ވުމުގައި ކުޅެދުމާއި ނުކުޅެދުން ފަރަގުކުރުމެއް ނެތްކަމެވެ. ލިބުނު ފުރުސަތުގައި އެސުކޫލުގެ ގްރޭޑު އެކެއްގެ ދަރިވަރު ހަތްއަހަރުގެ ޝަވަން އެސާބިތުކޮށްދެނީ ހުނަރާއި ގާބިލުކަމަކީ ވަކި ބައެއް އުނިވުމަކުން މަދުވާންޖެހޭ ކަމެއް ނޫންކަމެވެ. އަދި ޝަވަންގެ މަންމަ އެ ހާމަކޮށްދެނީ ދަރިފުޅަކު ކޮންމެ ހާލެއްގައިވެސް “އަމިއްލަ ނަފުސަަށް އިތުބާރު ކުރާ” އަމިއްލަ ނަފުސަށް އޮންނަ ޔަގީންކަން ބޮޑު، ސެލްފް ކޮންފިޑެންސާއި ސެލްފް އެސްޓީމް ވަރުގަދަ ކުއްޖަކަށް ހެދިދާނެކަމެވެ. މިއީ ހަގީގަތުގައިވެސް ހިތަށް ފިނިކަމެއް ލިބިގެންދާނެ މަންޒަރެއްކަން ޔަގީނެވެ.

