ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުންދިޔަ ބޯޓެއްގެ ފަޅުވެރިޔަކު ހާލު ދެރަވެގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ހާމަކުރި ގޮތުގައި ބަހްރެއިނުން ޑިއަގޯ ގާޝިއާ އަށް ދަތުރުކުރަމުން ދިޔަ ”ހާޓްލޭންޑް ޕޮއިންޓް“ ނަމަކަށް ކިޔާ ކާގޯ ޝިޕްގައި ހުރި އުމުރުން 55 އަހަރުގެ އިނގިރޭސިވިލާތުގެ ފަޅުވެރިއެއްގެ ޞިއްޙީ ހާލު ދެރަވެގެން އުޅޭކަމުގެ މަޢުލޫމާތު، އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އިއްޔެ ހެދުނު 9:50 ހާއިރު ކަމަށެވެ. އެހެންކަމުން އެމްއެންޑީއެެފް ކޯސްޓް ގާޑުން އެފަޅުވެރިޔާއަށް އެހީތެރިކަން ފޯރުކޮށް ދީފައިވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މީގެއިތުރުން އެ ބޯޓް މާލޭ ޕައިލެޓް ގްރައުންޑާ ކައިރިއަށް ދަތުރުކުރުމުން، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ”ހަކުރާ“ ލޯންޗް އެ ސަރަހައްދަށް ގޮސް އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.
އެގޮތުން ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ އެހީތެރިކަމާ އެކީ ބަލި މީހާ ބޯޓުން ބާލައި، އައިޖީއެމްއެޗަށް ރޭ މެންދަމު 2:00 ހާއިރު ގެންގޮސްދީފައިވެއެވެ.

