ޒިނޭކުރި ކަމަށް ސާބިތުވުމާއި ގުޅިގެން 100 އެތިފަހަރު ހައްދު ޖެހުމަށްފަހު އަންހެނަކު އެއް އަހަރަށް ގޭ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ޒިނޭގެ ތުހުމަތު ސާބިތުވެފައިވަނީ ޅ.ނައިފަރު / އެސްމާގެ، ޙައްވާ ނިއުޝާގެ މައްޗަށެވެ.
ކައިވެންޏަކާއި ނުލައި ހައްވާ ނިއުޝާ ވިހެއި ދަރިފުޅުގެ ޑީއެންއޭ ސުންކު ނަގަން އުޅުމުން އެކަމާ ދެކޮޅު ހަދައި ނުރުހުން ފާޅުކުރުމުން މީގެ ކުރިންވެސް ވަނީ ނިއުޝާގެ މައްޗަށް ހަތަރު މަހުގެ ގޭބަންދެއް އިސްފައެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ބުނެފައިވަނީ ކައިވެންޏަކާ ނުލައި ވިހާފައިވާ މައްސަލައިގެ ތަހުގީގުގައި ވިހެއި ދަރިފުޅުގެ ޑީއެންއޭ ސުންކު ނެގުމަށް ފުލުހުން އޭނާ ދިރިއުޅޭ ގެއަށް ދިއުމުން އޭނާ އެކަމަށް އިންކާރުކޮށްފައިވާ ކަމަށާއި ޑީއެންއޭ ސުންކު ނަގަން ޖެހޭނީ ގަދަ ކަމުން ކަމަށް ތަކުރާރުކޮށް ބުނެ ނައިފަރު މެޖިސްޓްރޭޓް ކޯޓު މެދުވެރިކޮށް ފުލުހުން ހޯދި ކޯޓު އަމުރު ތަންފީޒު ކުރުމަށް ނިއުޝާ ހުރަސް އަޅާފައިވާ ކަމަށެވެ.
އެހެންކަމުން ޒިނޭކުރުމުގެ ކުށުން ޙައްވާ ނިއުޝާގެ މައްޗަށް ސާބިތުވެ މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން، 100 (ސަތޭކަ) އެތިފަހަރުން ޙައްދު ޖެހުމާއެކު، 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ގޭގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުންވަނީ ހުކުމްކޮށްފައެވެ.
މިއާއެކު ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ ނިއުޝާގެ މައްޗަށް ކޮށް، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

