މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރު ޖުމްހޫރީ ދުވަހުގެ ޖަލްސާ މާދަމާ ރެޔަށް ބަދަލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ހާމަކޮށްފައިވާ ގޮތުގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާ ރެޔަށް ބަދަލުކޮށްފައިވަނީ ރޭ މާލޭގައި ހިގާދިޔަ ހިތާމަވެރި ހާދިސާ އާއި ގުޅިގެންނެވެ. މިގޮތަށް ނިންމާފައިވަނީ ރައީސް އިބްރާހިިމް މުހައްމަދު ސޯލިހުގެ އެދިވަޑައިގަތުމުގެ މަތިން ކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.
އެހެންކަމުން މިރޭގެ ޖަލްސާއަށް ދަޢުވަތު އެރުވިފައިވާ އެންމެހާ ބޭފުޅުން މާދަމާ ރޭ އެވަގުތަށް ޖަލްސާއަށް ހާޒިރުވުމަށްވެސް މިނިސްޓްރީން ވަނީ އަންގަވާފައިވެއެވެ.
ރޭ ހިގާދިޔަ އަލިފާނުގެ ހާދިސާއަކީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ މީހުން މަރުވި އަލިފާނުގެ ހާދިސާއެވެ. މިހާދިސާގައި މިހާތަނަށް 10 މީހަކު މަރުވެފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ ބަންގަލަދޭޝް އާއި އިންޑިއާ މީހުންނެވެ.

