މިއީ، ﷲ ގެ ނަބިއްޔާ ސުލައިމާނު عليه السّلامގެ ލަޝްކަރުގައި ހިމެނޭ ޖިންނިއެއް، ރަފްހާއޭ ކިޔުނު ސަރަޙައްދުގައި ކޮނެފައިވާ ވަޅުތަކެވެ. މިއީ ސަޢޫދީ ޢަރަބިއްޔާގެ ލީނާ ކިޔާ ރަށެއްގައި އޮންނަ ތަނެކެވެ. ނަބިއްޔާ ސުލެއިމާނު عليه السّلام އާއި ގުޅުންހުރި، މި އާސާރުތަކުން ސައިންސްވެރިން އާޝޯޚްކޮށްލިއެވެ.
މިސަރަހައްދުން މިފަދަ 300 ފެންވަޅު ފެނިފައިވާއިރު، އެންމެ ހައިރާންވާންޖެހޭ ކަމަކީ، މި ވަޅުތަކަކީ 20 މީޓަރު ފުން ވަޅުތަކެކެވެ. އަދި މީގެތެރެއިން ބައެއް ވަޅުތަކުގެ ފުޅާމިނުގައި ދޮޅުފޫޓް ހުންނައިރު، އެއީ އިންސާނަކަށް އޭގެ އެތެރެއަށް ފައިބައިގެން ކޮނެވޭ ވަރަށްވުރެ މާ ހަނި ވަޅުތަކެކެވެ. އަދި ގަދަފަދަ، ހަރު ހިލައިގެ ދަތި އުނދަގޫ މި ސަރަހައްދުގައި، އެންމެ ޒަމާނީ އާލާތްތައް ބޭނުންކޮށްގެންވެސް އިންސާނުންނަށް މިހައި ހިމުންކޮށް ގިނަ ޢަދަދެއްގެ ވަޅު ކޮނުންވާނީ ދަތި އުނދަގޫ ކަމަކަށެވެ. އެހެންކަމުން މިއީ، އާދަޔާއި ޚިލާފު ބާރަކުން ކޮށްފައިވާ ކަމެއްކަން ދަލީލުކޮށްދެއެވެ.
ނަބީ ރަސްގެފާނު ސުލައިމާނު عليه السّلام ގެ ޞުލްޙަވެރި ބިޔަބޮޑު ލަޝްކަރު އެކުލެވިގެންވަނީ، ޖަނަވާރާއި، ދޫނިސޫފާސުއިއްޕާއި، ޖިންނި ޝައިޠާނުންނާއި، މާރިދުންނާއި އަދި ގިނަ ޢަދަދެއްގެ ސިފައިންގެ މައްޗަށެވެ. އެކަލޭގެފާނުގެ މިބިޔަ ލަޝްކަރު، ޔަމަނުކަރައިގެ ސަބާއަށް ދަތުރުފުޅު ކުރައްވަމުން ވަޑައިގެންނެވި މަގުމަތީގައި ސަޢޫދީ އަރަބިއާގެ ލީނާ ކިޔާ ރަށުގެ ރަފްހާއޭ ކިއުނު ސަރަޙައްދުގައި އަރާމުކުރެއްވުމަށް ލަޝްކަރު މަޑުކުރެއްވިއެވެ. އަދި އެ ލަޝްކަރުން ބޯފެން ހުސްވުމާއިއެކު ފެންލިބޭނެ ގޮތެއް ވޭތޯ ބެއްލެވިއެވެ. ނަމަވެސް، އެ ސަރަޙައްދުގެ ގޮތުން ބޯނެ ފެންފޮދެއް ނުލިބި، ފެނަށްޖެހި ކަރުހިއްކުމާއި ކުރިމަތިލާން އެ ލަޝްކަރަށް ޖެހުނެވެ.
އެވަގުތު، ޖިންނިއެއް ހީހީފައި އުޅޭތަން، ފެނިވަޑައިގެން ނަބިއްޔާ ސުލައިމާނު عليه السّلام، އެ ޖިންނިއާއި ސުވާލުކުރެއްވިއެވެ. “ތިބާ ތިޔަ ހެނީ ކޮންކަމަކާއި ހެއްޔެވެ؟”
ޖިންނި، އެކަލޭގެފާނަށް ޖަވާބު ދެއްވިއެވެ. “ކަލޭގެފާނު ފެންފޮދުހިއްޕަވަން ބޭނުންފުޅުވެ ވަޑައިގެން ހުންނެވިއިރު، ކަލޭގެފާނުގެ ފައިތިލަފުޅުގެ ދަށުގައި ފެން އެބަހުއްޓެވެ. އެހެންވެ އަޅުގަޑަށް ހެވުނީއެވެ.” ފަހެ އެވަގުތު ނަބިއްޔާ ސުލައިމާނު عليه السّلام، އެތަނުގައި ފެންވަޅުތަކެއް ކޮނުމަށް އެ ޖިންނިއަށް އަމުރުކުރެއްވިއެވެ. އެހިނދު، އެ ޖިންނި އެތަނުގައި 300 ފެންވަޅު ކޮނެ، އެ ލަޝްކަރަށް ބޭނުންވާ ފެން ލިބޭނެގޮތް ހަމަޖައްސައި، ލަޝްކަރުގެ އެންމެން ފެން ބޮއި، ކަރުހިއްކުން ފިލުވިއެވެ.

