އިންޓަރނޭޝަނަލް ތައި ސިލްކު ފެޝަން ވީކް ކާމިޔާބު ކުރުމަށް ދިވެހި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށް، މިފެޝަންވީކުގައި ރާއްޖެ ތަމްސީލުކުރާ ފެޝަން ޑިޒައިނާ ޖާދުﷲ އިސްމާއިލް ބުނެފިއެވެ.
މިފެޝަން ވީކުގައި ރާއްޖެ ތަމްސީލުކުރާ ރާއްޖޭގެ މަޝްހޫރު ފެޝަން ޑިޒައިނާ ޖާދު މައުލޫމާތު ދިން ގޮތުގައި މިމުބާރާތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 65 ޤައުމު ބައިވެރިވެފައިވެއެވެ. އަދި މިމުބާރާތުގައި އިންޓަނޭޝަނަލް ޑިޒައިނާސް ބައިވެރިވާ ކަމަށާއި މިއީ ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުން ބައިވެރިވާ ޤައުމީ ފެންވަރުގެ މުބާރާތެއް ކަމުގައި ޖާދު ވަނީ ބުނެފައެވެ.
އަދި ހަމައެއާއެކު ބައިވަރު ކެޓަގަރީތަކަށް ބަހާލައިގެން ވިއުސް ހޯދާގޮތަށް ހަމަޖެހިފައިވާއިރު ބައިވެރިވި 65 ޤައުމުތަކުގެ ތެރެއިން މިހާރު ރާއްޖެ އޮތީ 4 ވަނައިގައެވެ. އެހެންކަމުން ޖާދުގެ އެދުމަކީ ވީހާވެސް ބޮޑަށް މިލިންކަށް ވަދެ ވިއުސް ގިނަކޮށްދިނުމެވެ. އަދި ދިވެހިރާއްޖޭގެ ކުދިބޮޑު އެންމެންގެ އެއްބާރުލުމާއި ސަޕޯޓް ބޭނުންވާ ކަމަށް ޖާދު ބުނެއެވެ.
ޖާދު އިތުރަށް ބުނެފައިވަނީ ބައިނަލް އަގުވާމީ ފެންވަރުގައި ބާއްވާ މިކަހަލަ ޝޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުނީތީ ދިވެހި ސަރުކާރަށް ޝުކުރު އަދާކުރާކަމަށެވެ.
"ޖާދުމެންނަކީ ހަޤީގަތުގައި މިދާއިރާގައި މާގިން ތަޖުރިބާއެއް ލިބިގެން މަސައްކަތް ކުރާ ބައެއް ނޫން. އަމިއްލައަށް އެގިފައި ހުރި އެއްޗަކުން މިހާ ގިނަ ދުވަހު މަސައްކަތް މިކުރަނީ، އެހެންކަމުން މިފަދަ ފުރުސަތެއް ލިބިގެން ދިޔުމަކީ މިދާއިރާގައި އުޅޭ މީހުންނަށް ލިބިގެންދާނެ ބޮޑު ހިތްވަރެއް." ޖާދު މައުލޫމާތު ދިނެވެ.
އިންޓަރނޭޝަނަލް ތައި ސިލްކު ފެޝަން ވީކާއި ބެހޭގޮތުން ވާހަކަ ދައްކާލަމުން ޖާދު ބުނީ މިކަމަކީ އެކޮޅުން ހުރިހާ އެއްޗެއް ފޯރުކޮށްދީގެން ކުރާ ކަމެއް ނަމަވެސް އަމިއްލަ އަތުން މިކަމަށް ބޮޑު ޚަރަދެއް ދާ ކަމެއް ކަމަށެވެ. ދިވެހިރާއްޖޭގެ ސަޤާފަތް، ދިވެހިވަންތަ ދިވެހި ކުލައެއް ނުވަތަ ދިވެހި އުފެއްދުމެއް ދައްކާލަން ޖެހޭ މި ފެޝަން ވީކުގެ ފުރަތަމަ ޑިޒައިންތަކާއި ހެދުންތައް މިހާރު އެކޮޅަށް ފޮނުވާފައިވާކަން ޖާދު ފާހަގަކޮށްލިއެވެ.
"ޖާދު ދައްކަން ޖެހެނީ 6 ޑިޒައިނެއް. އިންޝާﷲ އެންމެ ފަހު ސްޓޭޖާ ހަމަޔަށް މިދިޔައީ. ވަރަށް ބައިވަރު މީހުންގެ އެހީތެރިކަމާއެކު މިކަންތައް މިކުރަނީ" ޖާދު ބުންޏެވެ.
މީގެއިތުރުން އެކޮޅުން ތައްޔާރުކުރާ ފެޝަންވީކުގެ ފޮތުގެ 3 މިލިޔަން ޗާޕް ނެރެން ނިންމާފައިވާއިރު ހުށަހަޅާ ޑިޒައިންތަކުގެ އބެސްޓު 12 ހޯދަން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިގެން ދިޔުމަކީ ޖާދުގެ ވަރަށް ބޮޑު އުއްމީދެކެވެ.
ޖާދުގެ ހެލްޕަރަކަށް މިފަހަރު ޖާދުއާއެކު ދަތުރުކުރާނީ އިސްމާއީލް ޖުމައިހް (ޖުމާ)ކަމަށް ޖާދުވަނީ ބުނެފައެވެ. ޖުމާއަކީ އެކްޓަރެއް، މޭކަޕް އާޓިސްޓެއް އަދި ފެޝަން ޑިޒައިނަރެކެވެ. ޖާދު ބުނާގޮތުގައި މިދަތުރުގައި ޖާދުއާއެކު ދިޔުމަށްފަހު ޖުމާ އެނބުރި އަންނާނީ ގިނަ ތަޖުރިބާތަކާއެކުގައެވެ. މާދަމާވެސް އެހެން ފަންނާނަކަށް މިފަދަ ފުރުސަތެއް ލިބިިގެން ދިޔުމަކީ މިދާއިރާއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެއެވެ.
ފިލްމީ ދާއިރާގެ ވަރަށް ގިނަ ފަންނާނުންގެ އެހީތެރިކަމާއި އެއްބާރުލުން މިކަމުގައި ލިބޭ ކަމަށާއި އުއްމީދަކީ ކުރިޔަށް އޮތްތާނގައިވެސް ފަންނާނަކަށް ވީތީ ފަންނާނުންގެ އިހުސާސްތައް ދެނެގަނެގެން މިކަންތައްތައް ކުރިޔަށް ގެންދާން ކަމަށް ޖާދު ވަނީ ބުނެފައެވެ.
"އިރާދަކުރެއްވިއްޔާ އެންމެންވެސް އެދޭކަހަލަ އުފާވެރި ކަބަރަކާއެކީ ރާއްޖެ އެނބުރި އަންނާނަން. އަބަދުވެސް ޖާދުގެ އުއްމީދަކީ ފޮނިއެއްޗެއް. ހިތްވަރާއެކީ މަސައްކަތް ކުރާނަން އަދިވެސް އެދެނީ އެންމެންގެ އެއްބާރުލުން. މިހާކުޑަ ޤައުމަކުން މިވަގުތު މިވަރުގެ ކާމިޔާބީއެއް ލިބުނީތީ ﷲއަށް ހަމްދުކުރަން."
މިއުއްމީދު، މިއަޒުމު ހާސިލްކުރުމަށްޓަކައި ޖާދު އެދެނީ ތިރީގައި ބަޔާންކޮށްފައިމިވާ ލިންކަށް ވަދެ ވީހާވެސް ގިނަ ބޭފުޅުން އެވީޑިޔޯކޮޅު ބަލާލާ ވިއުސް ގިނަކުރުމަށެވެ. ޑިސެމްބަރ 7 ވަނަ ދުވަހުގެ ކުރިން އެންމެހާ ބޭފުޅުން މިލިންކަށް ވަނުމަށާއި ލިންކު ޝެއަރކުރުމަކީ ޖާދުގެ ވަރަށް ބޮޑު އެދުމެކެވެ.
https://m.youtube.com/watch?v=4TsjO3t305g&feature=youtu.be
މިފަދަ ކޮންމެ ދަނޑިވަޅެއްގައި އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދީ ކޮންމެ ކަމެއްގައިވެސް ދިވެހިންނަކީ އަބަދުވެސް އެއްބާރުލުންދޭ ބައެއްކަން ޖާދު ފާހަގަކޮށްލިއެވެ.

