ވިޔަފާރިވެރިން ތަކަކަށް ލިބެން ލާޒިމް އަސާސީ ޙައްޤުތަކަކުން މަޙްރޫމްވެ، ނިކަމެތި ކަމާއި ދަތި ޙާލުގައި ވިޔަފާރި ކުރަމުންދާ ވާހަކަ ބުނުމުން އެއީ ވަރަށް ބޮޑު ހައިރާންކަމެއް ލިބިގެން ދާނެ ކަމެކެވެ. ނަމަވެސް މިއީ އަކީ ވަރަށް ބޮޑު ޙަޤީޤަތެކެވެ. ކުދި ވިޔަފާރި، ބޮޑު ވިޔަފާރި އަދި މެދު ފަންތީގެ ވިޔަފާރި ކިޔަސް އެންމެންނަކީވެސް އެއް ކަމެއް ކުރާ ބައެކެވެ. ގަނެ ވިއްކުމެވެ. ކުރަނީ ވިޔަފާރިއެވެ. އެހެންކަމުން ގާޑިޔާތަކުގައި ގިނަ ތަކެތި ވިއްކިޔަސް ނުވަތަ ގާޑިޔާ ތަކުގައި ފަތްކެޔޮ ވިއްކިޔަސް ކަމުން އަދި ނަމުންވެސް އެއްވަރެވެ.
މި ރިޕޯޓުގައި މި އަލިއަޅުވާ ލަނީ ގދ.ތިނަދޫ އިރުމަތީ ފަރާތު ވިޔަފާރި ބަނދަރު ކަމަށް ބުނާ ސަރަހައްދުގައި ގާޑިޔާ ވިޔަފާރި ކުރަމުންދާ މީހުންނާއި އެތަންތަނުގެ ޙާލަތަށެވެ.
ތިނަދޫ ކައުންސިލަށް މަހު ކުލި ދައްކައިގެން ވިޔަފާރި ކުރަމުންދާ ކުޑަ ކުޑަ 16 ތަން ހުރިއިރު އެ ތަންތަނުގެ ޙާލަތު ހުރީ ވަރަށް ނިކަމެތިކޮށެވެ. ތިނަދޫ ފަދަ ތަހުޒީބު ކަމަށް ދަޢުވާ ކުރާ ރަށެއްގައި އެފަދަ ޙާލަތުގައި ވިޔަފާރި ކުރުމަކީ މުޅި ރަށާއި އަތޮޅަށް ވެސް ހުތުރު ކަމެއް ކަމަށް އެންމެންވެސް ފާހަގަ ކުރެއެވެ. ތިނަދޫގެ މޫނު މަތީގައި ހުރި ކަޅު ލައްގަނޑެއްހެން އެތަން ސިފަވާއިރު އެތަނުގައި ރެޔާއިދުވާލު ތިބެ އާމްދަނީއެއް ހަދައިގެން ދިރިއުޅުން ކުރިއަށް ގެންދިއުމަށް ބުރަ މަސައްކަތް ކުރަމުންދާ މީހުންގެ ވާހަކަތައް އަޑު އަހާލުމަކީ ވެސް ކޮންމެހެން މުހިންމު ކަމެކެވެ.
އެތަނަށް ޒިޔާރަތްކޮށް ސުވާލުތައް ކުރުމުން އިވެން ފެށި ވާހަކަ ތަކަކީ އަސަރުގަދަ ވާހަކަ ތަކެކެވެ. އެމީހުންގެ ތަކުލީފުގެ ވާހަކަ ތަކުގެ ތެރެއިން ރުޅި ގަދަވެ ކޮންޓްރޯލް ނެއްޓި ރަށު ކައުންސިލްގެ ރައީސާއި މެމްބަރުންނަށް އިސްތިއުފާއަށް ގޮވާ ހިސާބަށްވެސް ދިޔައެވެ.
"މިތަން ތަން ދޫކުރީ ހުސް ބިން ތަކެއްގެ ގޮތުގައި. އަހަރެން އަމިއްލަ އަށް ހެދުނު ގޮތަކަށް ހަދަން. އެހެންވީމާ ވީ ވަރަކުން ހެދީ. އެކަމަކު ފެނެއް ކަރަންޓެއް ނުލެވޭ. ވިއްކަން ޖެހެނީ ކައުންސިލުން ބުނާ އެއްޗެއް. ތިބެން ޖެހޭނީ ކަނު އަނދިރީގައި، ކިތަންމެ ހޫނު ވިޔަސް ފަންކާއެއް ނުލެވޭ. އަތް ދޮންނަން ފެންފޮދުވެސް ގެންނަން ޖެހެނީ ގެއިން. އެތައް ތަރުކާރީ އަކާއި މޭވާއެއް ހޫނުވެ ހަލާކުވެގެން އުކާލަން ޖެހޭ. މިހެން ތެޅޭތާ އެތައް އަހަރެއް ވެއްޖެ." އެކި މީހުން އެކި އެއްޗެހި އެއްފަހަރާ ކިޔަސް މިއީ އެމީހުން ދެއްކި ވާހަކަތަކެވެ.

ތެދެކެވެ. އެ އީ ވާ ބޮޑުވަރެވެ. އޮފީސް ގޮނޑިން ތެދުވެ އެއިން ތަނެއްގައި އިނދެ ނިކަން އެ އިޙްސާސް ކޮށްލަން ފެނެއެވެ. އޭރުން އަސާސީ ޙައްޤުތަކަކުން މަޙްރޫމްވެ، ދަތި ޙާލުގައިވާ ވިޔަފާރިވެރިން ތަކެއް ނުވަތަ ރައްޔިތުން ތަކެއް ތިމާމެންގެ ބޮލުގައި އެޅިފައިވާ ޒިންމާގެ ދަށުގައި ތިމާމެންގެ ރަށުގައި އެބަ އުޅޭކަން އިޙްސާސް ވާނެއެވެ.
މި ދައްކަނީ އިއްޔެ ނުން އިހަށް ދުވަހު ފެށި މަސައްކަތެއްގެ ވާހަކައެއް ނޫނެވެ. އެ މީހުން އެކަން ކުރަނިކޮށް 4 ދައުރަށް ކައުންސިލަށް މީހުން ހޮވައިފިއެވެ. އެމީހުންގެ ވެސް އެތައް މަސައްކަތަކާއި އެކުއެވެ. ކަންކަން ރަނގަޅަށް ވާނެ ކަމުގެ އުންމީދުގައެވެ.
ރައްޔިތު މީހާގެ އިޙްސާސް ތަކާއި ތަކުލީފުތަކުގެ ވާހަކަ ދެއްކުމުން ބޮޑު ކުރެހުމެއް ދައްކައި ނުކުރެވޭ ވަރުގެ ވާހަކަ ދައްކައި ހެދުމަކީ ހުދުމުހުތާރު ވެރިންގެ ސިފައެކެވެ. ރައްޔިތުން އެދެނީ ރަނގަޅު ނަތީޖާއެއް ދެއްކުމެވެ. އަވަސް ހެޔޮ ބަދަލުވެ.
ގާޑިޔާގެ ވިޔަފާރި ވެރިން ތިބި އެތަން އެއަށްވުރެ ރީތި ނަލަ ގޮތަކަށް ބަދަލުވެ، އަސާސީ ޙައްޤުތައް ގެއްލި ދަތހާލުގައި ތިބި ވިޔަފާރިވެރިން ނޫން ގޮތަކަށް އެތަނުގައި އުފަލުގައި ވިޔަފާރި ކުރެވޭނެ ދުވަހެއް ދައްކަވާތޯ އިންތިޒާރުގައެވެ. ކަރަންޓާއި ފެން ލިބި އައިސް އަލަމާރީގައި ތަރުކާރީކޮޅުވެސް ބެހެއްޓިގެންދާނެ ކަމުގެ އުއްމީދުގައެވެ.

