ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީގެ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ އަނގައިގައި 100 ދޫ އޮންނާތީ އެކަމާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)ގެ ބޯހަލާކުވެއްޖެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ލިބުނު ފުރުސަތުގެ ބޭނުން ހިފައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޚިޔާނާތްވި ކަމަށް ރޮޒައިނާ ތުހުމަތު ކުރެއްވުމުން ރައީސް ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން ވަނީ ރޮޒައިނާއަށް ފާޑު ކިޔާފައެވެ.
އެގޮތުން އިންތި ވިދާޅުވީ ރޮޒޭނާގެ އަނގައިގައި 100 ދޫ އޮންނަ ކަމަށާއި އެކަމާ އޭނަގެ ބޯހަލާކުވާ ކަމަށެވެ. އަދި ހަމައެއާއެކު ރޮޒޭއަކީ އަބަދުވެސް އެއިރެއްގައި ހުންނަ ވެރިޔަކަށް ސަނާ ކިޔުއްވައިގެން އުޅުއްވާ ބޭފުޅެއްކަމަށް ބުނެ ރައީސް ނަޝީދަށް ތާއިދުކުރައްވާ ގިނަ ބަޔަކު ދަނީ ރޮޒޭއަށް ފާޑުކިޔަމުންނެވެ.
އިންތި ވިދާޅުވާ ގޮތުގައި މި ސަރުކާރުގެ އެއްވެސް އަމާޒެއް، އަދި ސްޓޭންޑެއް ވެސް ނެތެވެ. ފުރުސަތު ލިބުމުން އޭގެ ބޭނުން ހިފަނީ ޚިޔާނާތްތެރިވުމަށް ކަމަށް ބުނެ އިންތި ވަނީ ރައީސް ސޯލިހުއަށްވެސް ފާޑުވިދާޅުވެފައެވެ.
މިވާހަކަތައް އަޑުއެއްސެވުމަށްފަހު ރޮޒޭ ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި ހުރިހާ ފަޅުރަށެއް ރައްޓެހިންނަށް ބަހާލާފައިވާ ކަމަށާއި އެއިން ރައްޔިތުންނަށް ވީ ފައިދާއެއް ނެތް ކަމަށެވެ. އަދި ދިރާގު މެޖޯރިޓީ ޝެއަރ ނުއަގުގައި ވިއްކާލާ ރައީސް ސޯލިހުއަށް ބަވަމުން ގެންދާކަމަށް ބުނެ ރައީސް ނަޝީދަށް ރޮޒޭ ފާޑުވިދާޅުވެއްޖެއެވެ. އެހެންކަމުން ރައީސް ނަޝީދުގެ ފަހަތަށް އަރައި ކޮރަޕްޝަން ހުއްޓުވޭނީ ކިހިނެއްތޯ ރޮޒޭ ވަނީ ސުވާލު އުފައްދާފައެވެ.
ރޮޒޭގެ ވާހަކަތާއި ގުޅިގެން އިންތި ރޭ ވަނީ ވީޑިޔޯއެއް ޝެއަރކޮށްފައެވެ. ރޮޒޭ މީގެ ކުރިން ނަޝީދަށް ތައުރީފް ކުރައްވައި ވާހަކަދައްކަވާ މި ވީޑިއޯ ޓުވިޓާގައި ހިއްސާކުރައްވަމުން އިންތި ވިދާޅުވީ މިހިރަ މީހާގެ އަނގައިގާ 100 ދޫ އޮންނަކަމުން ބޯ ހަލާކުވެއްޖެ ކަމަށެވެ.

