“ދާއިމީ ބޯހިޔާވަހިކަމެއް ކަމަށް ހީކޮށް މިވަދެވުނީ ވީރާނާ ޖިފުޓި އަކަށް ކަން ރޭކާލީ އަދި ކިރިޔާ” މިއީ ގދ.ތިނަދޫ އަޅާފައިވާ ފްލެޓްތަކުގައި ދިރިއުޅެމުންދާ އާއިލާތަކުން ފާޅުކޮށްފައިވާ ޝުއޫރެވެ.
ގދ.ތިނަދޫއިން ދިރިއުޅުމަށްޓަކައި ގޯތި ނުލިބި މަގުމަތިވި ޢާއިލާތަކާއި އެތައް ބަޔަކު އެދިއެދި ތިބީ ތިނަދޫގައި އަޅާފައިވާ 120 ފްލެޓުން ބޯހިޔާވަހިކަން ހޯދުމަށެވެ. ސިޔާސީ ހަލަބޮލި ކަމާއި ހައިޖާނުގެ ތެރޭން ފުރޭނިގެން ނަމަވެސް ތިނަދޫގައި އަޅަން ނިންމި މަދު ޔުނިޓްތަކުގައި މީހުން ދިރިއުޅޭނެ ދުވަހެއްގެ އިންތިޒާރީ، މާޒީއާއި އެކުވެ ހިނގައްޖެއެވެ.
ދެއިރު ހަމަޔަށް ނުކައި މަހުކުލި ދައްކައިގެން މާލޭގެ ކުދި ގޮޅި ގޮޅީގައި ތާށިވެ ފައި ތިއްބާ ފުލެޓް ލިބުނު ޚަބަރާއެކު ރަށަށް ބަދަލުވީ އެއަށްވުރެ ހިތްހަމަ ޖެހޭ ދިރިއުޅުމަކަށް އެދިގެންކަން ގައިމެވެ. އެއްބަޔަކު އެމީހުންގެ ޤަރުނެއްވީ ބާ ޖިފުޓި ގަނޑުން ބޯ ހިޔާ ނުވާއިރު އާބާތުރަ ފިލުވަން ދާނެ ޚަރަދަށް ވިސްނާފައި އެގެގަނޑު ދޫކޮށް އާފުލެޓުން ހިތްހަމަޖެހުން ހޯދަން ބޭނުންވިއިރު ދެން ފެންނާން ތިބި ބަޔަކީ މިހާރުވެސް އަމިއްލަ ފަސްގަނޑުގައި ކުލި ދައްކައިގެން ބައެއްގެ ޖީބަށް ބޯކޮށް ލާރި އަޅަމުންދާ މީސްމީހުން އަމިއްލަ ހިޔާވަހި ކަމަށް އެދިއެދި ތިބެގެން ބަދަލުވީ ވުމެކެވެ. ފްލެޓްގައި ދެން އެންމެ ޢުޒުރުވެރި ބަޔަކަށްތިބީ ލިބުނު ފްލެޓާއެކު އަނބި ދަރިންނާއި މައިދައިތައާއި ބަފާބެ އަދި ދޮންދަރިންނާއެކު ބަދަލުވިއިރު ގޮތް ހުސްވެފައިތިބި ކޮއްކޮއާއި ބޭބެގެ ޢާއިލާވެސް ގޮވައިގެން އަންނަން ޖެހުމުގެ ސަބަބުން ތޮތްޖެހި، މިނިވަން ކަމެއް ނެތި ދިރިއުޅެމުންދާ މީހުންނެވެ.
މިޢާއިލާތައް ފްލެޓްތަކަށް ބަދަލު ވުމަށް ހިތު ލައިގެން މުޅި އަހަރު ދުވަހު އެއްކުރި ލާރިކޮޅު ރައްކާކުރީ ޑައުންޕޭމެންޓްގެ ގޮތުގައި ދެއްކުމަށެވެ. ޢާއިލީ އުފާތަކުންވެސް މަޙުރޫމުވެގެން އެއްކުރި އެލާރިކޮޅު ދައްކައިގެން ވަރަށް ފޮނި އުއްމީދުތަކާއެކު ގޮސް މިވަންނަނީ ވީރާނާވެފައިވާ ޖިފުޓިއަކަށް ކަމެއް އޭރު ރޭކާނުލައެވެ. ފެނިގެންދިޔައީ ޒަމާނީ ފެންވަރަށް ހަދައި ކުލަލައި ރީތިކޮށްފައިވާ ފްލެޓްތަކެވެ.
ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރި އެއް މަސައްކަތަކީ ފްލެޓްތަކުގެ ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާކޮޅު އަތުލުމާއި އެގްރިމެންޓުގައި ސޮއި ކުރުމެވެ. ތަޅުދަނޑި އައީ އޭގެ ފަހަތަށެވެ.
ތަޅުދަނޑި ލިބިގެން ފްލެޓަށް ވަދެވުމުން އެންމެ ފުރަތަމަވެސް ޖެހުނީ އެތާނގެ އެތެރެ މަރާމާތްކުރާށެވެ. ފްލެޓްތައް ޢިމާރާތްކޮށް ނިމުނުފަހުން “ވީރާނާވާން” ދޫކޮށްލާފައި އެތައް އަހަރެއް ވެންދެއް އަޅާލުމެއް ބެލެހެއްޓުމެއްނެތި އެހެން ހުރި ހުރުމުގައި ތަޅެއް ހުޅެއް އިސްކުރެއް ކިޔާނެ ކަމެއް ނެތް ބިންމަތީގައި ޖަހާފައި ހުރި މުށިތައްވެސް ނެއްޓި އިސްކުރުތަކުގައިވެސް ދަމިލަ އާއި ދަބަރު ޖަހައި ގިނަ އެއްޗެހި ހުރީ ފީވެފައެވެ.
ފްލެޓްތަކަށް މީހުން ވަނުމުގެ ކުރިން މިފްލެޓްތަކުގެ ހާލަތު ދެނެގަނެވޭ ވަރެއް ނުވެއެވެ. ކައުންސިލުން ދިޔައީ ފްލެޓެއްގައި ރެނދެއް އެޅިޔަސް އަވަހަށް އެތަން މަރާމާތްކޮށް ފްލެޓްތައް ބަލަހައްޓަމުންނެވެ.
ފްލެޓްގެ ވެރިންގެ ޝަކުވާތަކާއެކު ހަލާކުވެފައިވާ ތަކެތީގެ ލިސްޓު ނަގައި ދިމާވާ މައްސަލަތައް ކައުންސިލުން ދިޔައީ ބަރާބަރަށް ނޯޓުކުރަމުންނެވެ. ކިތައްމެ ތަރުތީބުން މިމައްސަލަތައް ލިސްޓު ކުރެވުނަސް ކައުންސިލުން ދިޔައީ ދުވަހެއް ދުވަހެއް އެޝަކުވާ ތަކަށް ބީރު ކަންފަތެއް ދެމުންނެވެ.
މައްސަލަތައް ހައްލުނުކުރެވިގެން ފްލެޓްތަކުގައި ދިރިއުޅޭ މީހުން ކައުންސިލަށް ގޮސް އަޑުގަދަކޮށް ހެދުމުންވެސް މިމައްސަލަތަކަށް ހައްލެއް ލިބޭގޮތް އަދިވެސް ނުވާ ކަމަށް ފްލެޓްތަކުގައި ދިރިއުޅޭ މީހުން ދަނީ ބުނަމުންނެވެ.
ކައުންސިލުން ބުނަމުން ދަނީ ހައުސިން މިނިސްޓްރީން ފްލެޓްތައް މަރާމާތް ކުރުމަށް ބަޖެޓެއް ދީފައިނުވާ ކަމަށާއި މެއިންޓެނެންސް ފީގެ ގޮތުގައި ދައްކާ ފައިސާވެސް ލިބެނީ މިނިސްޓްރީއަށް ކަމަށެވެ. އަދި ފްލެޓްތަކުގެ މެއިންޓެނެންސް މަސައްކަތަކީ ވަރަށް ބޮޑޫ ޚަރަދެއް ކަމަށާއި ކައުންސިލުގެ ބަޖެޓުން އެމަސައްކަތް ކުރެވެން ނެތް ކަމަށެވެ. އެހެންކަމުން ފްލެޓްތައް މެއިންޓެނެންސްކޮށް ބެލެހެއްޓޭނެ ގޮތެއް ނެތް ކަމަށެވެ.
އެހެންނަމަވެސް މިވަގުތައް ހައްލުކުރެވެން ހުރި މައްސަލަތައް ކައުންސިލުން ހައްލުކުރަމުން ގެންދާނެ ކަމަށް ވަނީ ބުނެފައެވެ.
އެދުވަސްވެސް ފާއިތުވެއްޖެއެވެ. ފްލެޓްތަކަށް އައި އެއްވެސް ބަދަލެއް ނެތެވެ. ދުވަހެއް ދުވަހެއް ރެނދުތައްވެސް ބޮޑުވެ ވަޅުފެންވެސް ދަނީ ތަޢައްޔަރުވަމުންނެވެ. ނަރުދަމާ ނިޒާމުގެ މައްސަލަތައް ބޮޑުވެ ޝަކުވާ ކުރުން ފިޔަވާ ރައްޔިތުންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.
މިދައްކަނީ ދިވެހި ރައްޔިތުންތަކަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި އޯގާތެރި ސަރުކާރަކުންދޭ ފްލެޓްތަކެއް އޭގެ ވެރިފަރާތާއި ޙަވާލު ކުރުމުގެ މަރުޙަލާގެ މުހިއްމު އުންސުރެއްގެ ވާހަކައެވެ. ދަތްހެލޭހެން ހެލިހެލިހުރި މުށިތަކަކާއި ފީވެހަލާކުވެފައިވާ އާލާތްތަކެއްގެ ބޭނުން ހިފާނީ ކިހިނަކުންތޯއެވެ؟ މިއީ ވަގުތުން ވަގުތަށް ޙައްލު ކޮށްގެން ނޫނީ މިތަނުގައި ދިރި ނުއުޅެވޭނޭ ކަމަކަށްވާތީ އެބައެއްގެ ލަޔާޤަތު ތަންދިން މިންވަރުން ފްލަޝްޓޭންކާއި ބޮކި، ފަންކާފަދަ މަޖްބޫރީ ކަންތައްތައް އަމިއްލަ އަމިއްލައަށް ވަނީ ހައްލުކޮށްފައެވެ.
މި ފްލެޓްތަކުގައި ވަނީ އަލިފާން ނިވި ހަރު ކުރެވިފައެވެ. ދަބަރަށްވެފައި އެތަކެތި ހުއްޓެއްކަމަކު މަސައްކަތް ކުރާނެ ކަމަށް ބަލާނީއެވެ. އެހެނަސް އެލާމިން ސިސްޓަމް މަސައްކަތް ކުރޭބާވައެވެ. އަލިފާނުގެ ޙާދިސާއެއް ދިމާވެއްޖެނަމަ ޢަމަލުކުރާނެ އެއްވެސް އިންތިޒާމެއް ރޭވިފައެއްނެތެވެ.
ކޮރިޑޯތަކުގައި ޖަހާފައިވާ ދަގަނޑު ފެންސްތައް އެވަނީ ދަބަރަށްވެ ފީވެފައެވެ. ނުލާހިކު ތުއްތު ކުދީންނާއި ޢުމުރުން ދުވަސްވީ އެތައްބަޔަކު ވަދެ ނިކުމެ ހަދާ މިތަނުގައި ހިތާމަވެރި ޙާދިސާއެއް ހިނގަންދެން ހަމަ ބަލަބަލާ ތިބެންވީ ހެއްޔެވެ؟ މިއީ އަޅުގަނޑު ކަހަލަ ބޭރުން ޒިޔާރަތްކުރާ ޢާއްމު ރައްޔިތަކަށް މާބޮޑުކަމެއްހެން ހީނުވިޔަސް ތަނުގެ ވަޒަންވެރިން ހާދަ ވިސްނުމެއް ވިސްނާނެ އެވެ.
މިފަދަ ކޮންމެ ކަމަކާއެކު ރައްޔިތުމީހާގެ އަތްމަތި ދަތިވާނެވަރު ވަޒަން ކޮށްލައްވާށެވެ. 3 ކޮޓަރިއާއި ސިޓިން ރޫމާއި ބަދިގެ ހިމެނޭ އެޕާޓްމަންޓަށް ވަނީ ހުރިހާ ފަރުނީޗަރެއް އަމިއްލަ ޚަރަދުގައި ހޯދައިގެންނެވެ. ޚަރަދު މައްޗަށް ޚަރަދެވެ. އެގޮތްވެސް އެންމެ ރަނގަޅެވެ. އަސާސީ ޚިދުމަތްތައް ފުރިހަމަ ވެފައިވާނަމަ ދައްކާނެ ބަހަނާއެއް ނެތެވެ.
ތިނަދޫގައި އަޅާފައިވާ ފްލެޓްތަކުގެ ހާލަތުގެ ވާހަކަ ދައްކާ ރައްޔިތުންނަށް ހައްޤު ހޯދައިދޭން މަސައްކަތް ކުރާ ކައުންސިލެއް، މަޖިލިސް މެމްބަރެއް، އަދި މިނިސްޓަރެއްވެސް މިއަދަކު ނެތެވެ. ޝަކުވާތައް އަޑުއެހި ނަމަވެސް އެކަމަށް ހައްލު ހޯދައިދޭން މަސައްކަތް ކުރާނެ ކަމަށް ވަރަށް ފަސޭހައިން ބުނުމަށްފަހުވެސް ދެންވާ ގޮތެއް ނޭގެއެވެ. ދެން ވާނީވެސް އެހެންތާއެވެ. އެތައް ދުވަހެއްގެ އިންތިޒާރީގެ ނިމުން އައި ވާހަކައިން އެންމެންގެ ހިތްތަކަށް ލިބުނު ތަސައްލީގައި ހިތްހަމަ ޖައްސާލައިގެން ތިބީއެވެ. އެހެނަސް ފްލެޓްތަކުގެ ޙައްޤުވެރިންނަށް ހިތްހަމަޖެހުމުގެ ނޭވާއެއް އަދި ލެވޭނެ ދުވަހެއްވެސް ނޭނގެއެވެ.
ރިހޭ ފައިމައްޗަށްފޮއި ވެއްޓިއްޖެއެވެ. ކުދިންގެ ސްކޫލް ފީއާއި ކުރަންހުރި އެހެނިހެން ޚަރަދުތައް ކުރުމަށްފަހު މިމަހުގެ މަހުފީ ދައްކަން ޖެހުމުން ގިނަމީހުން ތިބީ ފިކުރު ބޮޑުވެފައެވެ. ކައުންސިލުން ބުނާ ގޮތުގައި ގިނަ ބަޔަކު ފްލެޓްތަކުގެ ކުލި ނުދައްކައެވެ. އެހެންކަމުން މިނިސްޓްރީން އަންގަނީ ކުލި ނުދައްކާތީ މެއިންޓެނެންސް މަސައްކަތް ނުކުރުމަށެވެ.
މިނިސްޓްރީން މިހެން ބުނަނީ އެފްލެޓްތަކުގައި ރައްޔިތުން ދިރިއުޅެމުންދާ ހާލަތު އެމިނިސްޓްރީތަކަށް ތަސައްވުރު ނުކުރެވޭތީއެވެ. ފާޚާނާތަކުގެ ސީލިންގއިން ނަޖިސް ލީކުވުމަކީ ހުރިހާ ފްލެޓެއްގައިވެސް ހުރި މައްސަލައެކެވެ. އެކަން ހައްލުކުރަންވީ ގޮތެއް ތިނަދޫ ކައުންސިލަށްވެސް ނޭގެއެވެ. ޝީޓުއަޅާފައި ހަދާފައިވާ އިމާރާތަކަށް ވުމުން އެޝީޓްތައް ކަޑައިގެން ލީކުތައް ހޯދުމަކީ ވާވަރުގެ ކަމެއް ނޫންކަމަށް ކައުންސިލުން ދަނީ ބުނަމުންނެވެ.
އެއީވެސް ދޮގެއް ނޫނެވެ. މިފަދަ ތަންތަން އަޅާފައި ރައްޔިތުންނަށް ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭއިރު އެފަދަ ތަންތަނަކީ ދިގުމުއްދަތަކަށް ދިރިއުޅެވޭނެ ތަންތަން ތޯ މިނިސްޓްރީތަކުން ބަލަންޖެހެއެވެ. ކިތަންމެ ޝަކުވާއެއް ކުރިނަމަވެސް އެފްލެޓްތައް އަލުން ތަޅާލާ އާ އިމާރާތެއް އެޅުމަކީވެސް ކުދަ ޚަރަދައެއް ނޫނެވެ. ފާރުތަކުގެ ލީކު ހޯދުނުކަމުގައިވިޔަސް އިމާރާތުގެ ޝީޓުތަކުގެ ތެރެއިން ނަޖިހާއި ފެން ލީކުވާ މައްސަލަ ހައްލުކުރަން އެލީކުތައް ހޯދާނީ ކިހިނެއް ހެއްޔެވެ.
ދެންއޮތް ސުވާލަކީ މީހުން ދިރިއުޅެން ފެށިތާ ތިން އަހަރު ނުވަނީސް މިފަދަ ހާލަތަކަށް ދިޔަ ފްލެޓްތަކުގައި ކިތައް ދުވަހު އަދި ދިރިއުޅެވޭނެ ހެއްޔެވެ. އޭރުން ދެން ހަދާނީ ކިހިނެއްބާއެވެ.؟ ހާލުގައި ޖެހި މަގުމަތިވެގެން ދާނީ މަދު އާއިލާއެއް ނޫނެވެ.
އަނެއްކާވެސް އާވާހަކައަކަށް ދަމާ ހިންގަވާށެވެ. ކަމެއް ގޯސްވެ ބޮއްސުންލައިގެން ދިއުމުގެ ކުރިން ފިޔަވަޅު އެޅޭނެ އުސޫލެއް މިޤައުމުގައި ނޯންނަނީ ބާވައެވެ.
“ހާލުގައި އުޅޭ ރައްޔިތުންގެ ހާލު ބަލާލަން މިއަދު ނައިސް ވޯޓު ކައިރިވުމުން ވޯޓު ހޯދަން ނާންނާތި!” ފްލެޓްގައި ދިރިއުޅެމުންދާ އުމުރުން ދުވަސްވީ މީހަކު ބުންޏެވެ.
މި ފްލެޓްތަކުގައި މީހުން ދިރިއުޅެއްފެށިފަހުން ރަށު ކައުންސިލުންވެސް އަދި ކަމާބެހޭ އެއްވެސް މުއައްސަސާއަކުން މިތަނަށް ޒިޔާރަތްކޮށް ރައްޔިތުންގެ ޙާލު ބަލާފައި ނުވާކަން ފްލެޓްތަކުގައި ދިރިއުޅޭ މީހުން ވަނީ ހުވަދޫ ނިއުސްއަށް މައުލޫމާތުދީފައެވެ.
އެހެންނަމަވެސް ތިނަދޫ ކައުންސިލުން ބުނާގޮތުގައި ފްލެޓްތަކުން މައްސަލައެއް ދިމާވެގެން ހަމަ ގުޅާލާއިރަށް އެމައްސަލަ ހައްލުކުރުމަށް ކައުންސިލުން އަވަސްވެ ގަނެއެވެ. އަދި ވީވަރަކުން ފްލެޓްތައް މަރާމާތްކުރަމުން ގެންދާ ކަމަށެވެ.
ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް މި ސަރުކާރުން ގާތުން އަޑުއައްސަވާ ޙައްލު ހޯއްދަވައި ދެއްވާނެ ކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ. މިއީ ގދ.ތިނަދޫގައި އަޅާފައިވާ ފްލެޓްތަކުގައި ދިރިއުޅެމުންދާ ޢާއިލާތައް މިއަދު އެދޭ އެންމެ ބޮޑު އެދުމެވެ. ސަރުކާރުން ރައްޔިތުންގެ އަޑުއަހައި މިކަމަށް ހައްލު ހޯދައިދޭނެ ކަމަށް ރައްޔިތުން ތިބީ އިންތިޒާރުގައެވެ.

