ގޮވާތަކެތި ބޭނުންކޮށްގެން ރާއްޖޭގައި ބޮޑު ޓެރަރިޒަމް ހަމަލާއެއް ހިންގަން އުޅޭކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހިންގި ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނެއްގައި އައްޑޫ ސިޓީން ހައްޔަރުކުރެވުނު މީހާގެ އަތުން ގޮވާ ޒާތުގެ އެއްޗެއް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މިމަހު 11 ވަނަ ދުވަހު ސިފައިންނާއި ގުޅިގެން ދާދި ފަހުން ރާއްޖޭގައި ފުލުހުން ހިންގި ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނެއްގައި ހައްޔަރުކުރެވުނު 14 މީހުންނަކީ އައިއެސް ޖަމާއަތްތަކާއި ގުޅުން އޮންނަ ބައެއްކަމަށާއި މިއޮޕަރޭޝަނުގައި ހައްޔަރުކުރެވުނު އެންމެންނަކީ އައްޑޫ ސިޓީއަށް ނިސްބަތްވާ މީހުން ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
އެހެންނަމަވެސް އެމީހުން ހައްޔަރުކޮށްފައިވަނީ މާލެ ސީޓީންނާއި އައްޑޫ ސިޓީގެ އިތުރުން ކ.ގުރައިދޫއިންނެވެ.
ފުލުހުން ވިދާޅުވާ ގޮތުގައި އައްޑޫ ސިޓީން ހައްޔަރުކުރެވުނު މީހެއްގެ އަތުން ފުލުހުން ވަނީ ބޮމެއް އަތުލައިގެންފައެވެ. އައްޑޫސިޓީގެ މަގުމަތިން ހައްޔަރުކުރެވުނު މީހާ ބަލާ ފާސްކުރުމުން އެމީހާގެ އަތުގައިވާ އަތް ދަބަހެއްގައި ގޮވާއެއްޗެއް ގޮތައް ތައްޔާރުކޮށްފައިވާ ބޮމެއް ކަހަލަ އެއްޗެއް ފުލުހުންނަށް ވަނީ ފެނިފައެވެ.
ފުލުހުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޓެރަރިޒަމް އެންޑް ވަޔަލެންޓް އެކްސްްޓްރިމިޒަމް ޔުނިޓްގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް އުސްވަތު އަހުމަދު ވިދާޅުވީ، އައްޑޫ ސިޓީގައި ހަރުކަށި ފިކުރު ގަބޫލު ކުރާ ފަރާތްތަކުން ނިރުބަވެރި (ޓެރަރިސްޓް) ޖަމާއަތެއް ކަމަށްވާ އައިއެސް ތާއީދުކޮށް ރާއްޖޭގައި ނިރުބަވެރިކަމުގެ ހަމަލާއެއްދީ ގައުމީ ސަލާމަތަށް ހަމަލާއެއް ދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އުސްވަތު ވިދާޅުވީ ފުލުހުންނަށް މިހާރު ލިބިފައިވާ މައުލޫމާތުން ދައްކާ ގޮތުގައި އެ ފަރާތްތަކުން ގޮވާތަކެތި ބޭނުންކޮށްގެން ރާއްޖޭގައި ގިނަބައެއްގެ ފުރާނައަށް ގެއްލުންވާނެފަދަ ނިރުބަވެރި ހަމަލާއެއް ދިނުމަށް ރާވަމުން ދިޔަ ކަމަށެވެ.
ފުލުހުން އަދި އެމްއެންޑީއެފްއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ މަގްސަދަކީ އާންމުންގެ ގިނަބައެއްގެ ފުރާނައަށް ނުރައްކާވާގޮތަށް ރާވަމުން ދިޔަ ފަރާތްތަކުގެ ރޭވުން ނާކާމިޔާބު ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

