ދާދި ފަހުން ނިމިގެންދިޔަ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ދާއިރާތަކުގެ އިންތިޚާބުގައި ތިނަދޫ ދެ ދާއިރާގެ އިންތިޚާބީ އެންމެހައި ކަންކަން ކުރިޔަށް ގެންގޮސްފައިވަނީ ވަރަށް މިނިވަންކަމާއި އިންސާފުވެރިކަމާއެކު ކަމަށް ޕީޕީއެމް ތިނަދޫ ސްޓިއަރިންގ ކޮމެޓީގެ ރައީސް މުޙައިމިން ހުސައިން ވިދާޅުވެއްޖެއެވެ.
މުހައިމިން ވިދާޅުވީ މި އިންތިޚާބުގެ ވޯޓު ނެގުމާއި ވޯޓު ގުނުމުގެ އެންމެހައި ކަންކަންވެސް ކުރިޔަށް ގެންގޮސްފައިވަނީ ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންގެ މަންދޫބުންގެ ކުރިމަތީގައި، އެ ކެންޑިޑޭޓުން އަދި މަންދޫބުން ކުރިމަތި ކުރުވި ޝަކުވާތަކަށްވެސް ވަގުތުން ޖަވާބުދާރީ ވަމުން ކަމަށެވެ.
މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޕީޕީއެމް ތިނަދޫ ދެ ދާއިރާއަށް ކުރިމަތިލާފައިވާ ބައެއް ކެންޑިޑޭޓުން ހިމެނޭހެން ސޮއިކޮށްފައިވާ ދެ ބަޔާނެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދެއެވެ.
މި ބަޔާންތަކާއި ގުޅިގެން ސުވާލު ކުރުމުން މުހައިމިން ވިދާޅުވީ އެ ބަޔާނުގައި ސޮއި ކޮށްފައިވާ ކެންޑިޑޭޓުންވެސް ވޯޓު ލުން ފެށި ވަގުތާއި، ވޯޓު ނެގުމުގެ މަސައްކަތް ހިނގަމުން ދިޔަ ވަގުތު، އަދި ވޯޓު ގުނުމުގެ އެންމެހައި ކަންކަން ހިނގަމުން ދިޔަ ވަގުތުވެސް ވޯޓުލާ މަރުކަޒުގައި ހާޒިރުވެ ތިއްބެވި ކަމަށެވެ. އެހެންކަމުން އަމުދުން އެފަދަ ބަޔާނެއް ހަދައި އާންމު ކުރުމުގެ މަޤްޞަދަކީ ޕާޓީގެ ތެރޭގައި ފިތުނަ އުފެއްދުން ކަމަށާއި، އޭގެ ސަބަބުން ޕާޓީގެ މެމްބަރުންގެ މެދުގައި ނުތަނަވަސްކަން އުފެދުމުގެ އިތުރުން ޕާޓީ ވަރުގަދަކޮށް ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ މަސައްކަތްޕު ހީނަރު ކޮށްލުން ކަމަށެވެ.
އަދި މި ކަމުގެ އަޑީގައި ސިޔާސީ އިސް ސަފުގައި ހަރަކާތްތެރިވާ އެހެން ޕާރޓީތަކުގެ ބޭފުޅުން އުޅުއްވާ ކަމުގައި މުހައިމިން ތުހުމަތު ކުރެއްވިއެވެ.
މީގެ އިތުރުން މުހައިމިން ވިދާޅުވީ ޕާރޓީގެ އާންމު މެމްބަރުންގެ ބޮލުގަ އެކިއެކި އިލްޒާމު އަޅުވައި މެމްބަރުންގެ އިއްޒަތާއި ކަރާމާތަށް އަރައިގަނެ ސޯޝަލް މީޑިއާ ގައި ބައެއް ކެންޑިޑޭޓުން ލިޔެފައިވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރާކަމަށެވެ. އަދި ޕާރޓީގެ ނަމުގައި ކަމަށް ދޭހަވާފަދަ ގޮތަކަށް ބަޔާންތައް ނެރޭތީ އެކަން ކުއްވެރިކުރާ ކަމަށާއި އެމައްސަލަ ޕާރޓީއަށް ހުށަހަޅާފައިވާނެކަން ފާހަގަ ކުރެއްވިއެވެ.
ޕީޕީއެމް ސްޓިއަރިންގ ކޮމިޓީގެ ރައީސް މިގޮތަށް ވިދާޅުވެފައިވާއިރު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ތިނަދޫ ދެކުނު ދާއިރާގެ އިންތިޚާބަށް އެހެން ޕާރޓީއަކަށް ނިސްބަތްވާ ސިޔާސީ ބޭފުޅަކުވެސް ބޮޑެތި ޚަރަދުތައް ކުރައްވާފައިވާ ކަމުގެ އަޑުތަކެއްވެސް ފެތުރިފައިވެއެވެ. އެގޮތުން އިންތިޚާބުގެ ދުވަހުވެސް ވޯޓު ގަތުމަށް ޕީޕީއެމްގެ ބައެއް މެމްބަރުންނަށް ގުޅާފައިވާ ކަމަށް ބައެއް އާންމު މެމްބަރުން ބުނެފައިވެއެވެ.
ލީކުވެފައިވާ ބަޔާނާގުޅޭ ގޮތުން އެ ބަޔާނުގައި ސޮއިކޮށްފައިވާ ކެންޑިޑޭޓަކާއި ސުވާލު ކުރުމުން އެ ބަޔާނަކީ އިންތިޚާބުގެ އެތެރޭގައި ހިނގާފައިވާ ގަވާއިދާ ޚިލާފު ކަންތައްތަކެއް މެމްބަރުންގެ ސަމާލުކަމަށް ގެނައުމަށް ތައްޔާރުކުރި ބަޔާނެއް ކަމަށާއި، ޕާރޓީއިން އެ މައްސަލަ ބަލަމުންދާތީ ބަޔާން ނެރެފައި ނުވާނެކަމަށް އެ ކެންޑިޑޭޓް ބުނެފައިވާކަށް ގާފު ނޫހުގައި ރިޕޯރޓް ކޮށްފައިވެއެވެ.
މި ބަޔާނާއި ގުޅޭގޮތުން މައުލޫމާތު ހޯދާލުމަށް ބަޔާނުގައި ސޮއިކޮށްފައިވާ ކެންޑިޑޭޓަކަށް މި ނޫހުން ގުޅާލުމުން، އެ ބަޔާނަކީ ޕީޕީއެމް އޮފީހަށް ހުށަހެޅުމަށް ތައްޔާރުކޮށް، ހުށަހަޅާފައިވާ ބަޔާނެއް ކަމަށް ދެންނެވިއެވެ. އެހެންނަމަވެސް ގޯސްކޮށް ހިނގާފައިވަނީ ކޮންކަންތަކެއް ކަމެއް ބުނެ ދީފައެއްނުވެއެވެ. އަދި އެ ބަޔާނުގައިވާ ވަކި ކަމަކާމެދު ސުވާލު ކުރުމުން ދެންނެވީ އެފަދަ ވާހަކައެއް އެބަޔާނުގައި އެބައޮތް ތޯއެވެ. ” އެހެން އޭގަ އެބައޮތްތޯ! ޖެހޭނީ ބަލާލަން!” ކެންޑިޑޭޓް ސުވާލުކުރެވިއެވެ.
މި ބަޔާންތަކާއި ގުޅިގެން ބައެއް އެހެން ކެންޑިޑޭޓުންނާއި ސުވާލު ކުރުމުން ދެންނެވީ އެއުޅެނީ ބަލިވުމުން ބަލި ގަބޫލު ނުކުރެވިގެން ކަމަށެވެ. އަދި ވޯޓުލި ދުވަހުގެ ހުރިހާ ކަމެއްވެސް ހިނގާފައިވަނި ކެންޑިޑޭޓުންނަށް އެނގިގެން އެމީހުންނާއި ވާހަކަ ދެކެވިގެން ކަމަށާއި، މިހާރު އެ ދައްކާ ވާހަކަ ތަކަކީ ހަމަޖެހޭ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި ތިމާމެން ބައިތިއްބާފައި ތިބި މަންދޫބުންނާއި އަމިއްލަ ލޮލަށްވެސް ގޮވުން ކަމަށެވެ.
ޕީޕީއެމް ތިނަދޫ ދެކުނު ދާއިރާގެ ރައީސް ކަމަށް ވާދަ ކުރެއްވި، ޕީޕީއެމް ސެނެޓުގެ މެމްބަރަ އަދި ގދ. އަތޮޅު ކައުންސިލުގެ ރައީސް ހަސަން ފައިހަތު ވިދާޅުވީ، އިންތިޚާބުގެ އެންމެހައި ކަންކަން ކުރިޔަށް ގެންގޮސްފައިވަނީ ވަރަށް ފުރިހަމައަށް ކަމަށާއި، ބަޔަކު އަޑީގައި ތިބެ ނެރެފައިވާ ބަޔާންތަކަކީ ޕާރޓީ ބައިބައި ކޮށްލައި ފަސާދަ ކޮށްލުމަށް އެބަޔަކު ރާވާގެން ކުރާ ހަދި މުޑުދާރު އަމަލެއް ކަމަށެވެ. އަދި މިފަދަ އަމަލުތަށް ވަރަށް ހަރުކަށި އިބާރާތުން ކުއްވެރި ކުރާ ކަމުގައިވެސް ފައިހަތު ވިދާޅުވިއެވެ.
ލީކު ވެފައިވާ ބަޔާންތަކުގައި ވޯޓުގައި ހިނގާފައިވާ އެއްވެސް ގަވާއިދާ ޚިލާފު ކަމެއް ފާހަގަކޮށްފައި ނުވާކަން ފާހަގަ ކުރެވެއެވެ. އަދި އެ އިންތިޚާބުގެ ދާއިމީ ނަތީޖާ މިހާރު އިއުލާނު ކޮށްފައިވާއިރު މާލޭގެ ދާއިރާއެއްގެ ވޯޓް އަލުން ލުމަށް އެ ކޯލިޝަން އިން ވަނީ ނިންމާފައެވެ.

