ޖާހިލިއްޔަ ޒަމާނުގައި ޢަރަބިންގެ ތެރޭގައި އުޅުނު ވަރަށް މަޝްހޫރު ހަތް މީހެއްގެ ޅެންތައް، އެ ޅެންތަކުގެ މޮޅުކަމާއި، ބަލާޣާތްތެރިކަމާއި ފަސާޙާތްތެރިކަމާއި މެދު ޢަރަބިން ފަޚުރުވެރިވެ އެ ހަތް ޅެން، ގެފުޅުގައި އެލުވައިގެން ގެންގުޅުނެވެ. އޭގެތެރެއިން އެއް ޅެންވެރިޔަކީ ޢަމުރު ބިން އަލް ޢަބުދު ކިޔާ މީހެކެވެ. އޭނާގެ ލަޤަބަކީ ތަރަފާ އެވެ. ގެފުޅުގައި އެލުވާފައިވާ ހަތް ޅެމުގެ ތެރެއިން ދެވަނަ ޅެން ނިސްބަތްވަނީ މި ދެންނެވި ތަރަފާއަށެވެ.
ބުނެވޭގޮތުގައި އޭނާ މި ޅެން ހަދަން ޖެހުނީ، އޭނާގެ ބައްޕަގެ ޖަމަލުތަކެއް ބެލެހެއްޓުމާއި ހަވާލުވެހުރި އޭނާގެ ކޮއްކޮ މަޢުބަދުގެ އިހުމާލުން، އޭގެތެރެއިން ބައެއް ޖަމަލުތައް ގެއްލުމާއި ގުޅިގެން ދެމީހުންގެ ދެމެދުގައި ހިނގި ޒުވާބެއްގައި މަޢުބަދު ބުނި ދެރަބަހަކާއި ގުޅިގެންނެވެ. މަޢުބަދު ބުނިކަމަށްވެއެވެ. ” ކަލޭގެ ޅެންތަކުގެ މޮޅުކަމުން، ޖަމަލެއް ގެއްލުމުން އެ ޖަމަލެއް ނިކަން ހޯދަބަލާށެވެ.” އެވަގުތު ޢަމުރު ބުންޏެވެ. ” އަހުރެންގެ ޅެންތައް ދުވަހަކުވެސް ގެއްލިގެނެއް ނުދާނެއެވެ. އަދި ކަލޭގެ އިހުމާލުން ގެއްލުނު ޖަމަލުތައް، އަހުރެންގެ ޅެމުގެ އެހީގައި ހޯދާނަމެވެ.” ގެއްލުނު ޖަމަލުތައް ގެންދިޔަކަމަށް ބުނެވެނީ، މުޟަރު ޤަބީލާގެ ބައެކެވެ. ޢަމުރު އޭނާގެ މަޝްހޫރު މި ޤަސީދާ “ޢަމުރު ޤާބޫސް” ކިޔާ މީހަކަށާއި އަދި ޔަމަންގެ ވެރިމީހާއަށް ތަޚުސީސްކޮށް ފޮނުވައި، ޖަމަލުތައް ހޯދުމުގައި އެމީހުންގެ އެހީތެރިކަމަށް އެދުނެވެ. މި ޤަސީދާއަކީ 112 ބައިތުގެ ދިގު ޤަސީދާއެކެވެ. ނުވަތަ ޅެެމެކެވެ. ނަތީޖާއެއްގެ ގޮތުން، މި ޤަސީދާ ކިޔުއްވުމަށްފަހު، ގެއްލުނު އޭނާގެ ބައްޕަގެ ޖަމަލުތައް ހޯއްދަވައި ޢަމުރުއާއި ހަވާލުކުރެއްވިއެވެ. އަދި މި ޤަސީދާގެ މޮޅުކަމާއި ހެދި އިނާމެއްގެ ގޮތުގައި އިތުރު ސަތޭކަ ޖަމަލުވެސް އަމުރަށް ހަދިޔާއެއްގެ ގޮތުގައި ދެއްވިއެވެ.
ތިރީގައި މި ބަޔާންކުރަނީ މި ޤަސީދާގެ 111 ވަނަ ބައިތާއި އަދި 112 ވަނަ ބައިތެވެ. މި ދެބައިތު މިތަނުގައި ގެނެސްދިނުމުގެ ބޭނުމަކީ އޭގެއިން ލިއްބައިދޭ ނަސޭޙަތުގެ މަތިވެރިކަމުންނެވެ.
عن المرء لا تسأل وسل عن قري فكل قرينٍ بالمقارن يقتدي
މީހަކާއި ބެހޭގޮތުން ސުވާލުކޮށް ހޯދައިނުބަލާށެވެ. އެކަމަކު އޭނާގެ އެކުވެރިންނަށް ބަލާށެވެ. އެހެނީ ހަމަކަށަވަރުން އެކުވެރިޔާ ވާހުށީ އޭނާގެ އެކުވެރިންނަށް ތަބާވާ މީހަކަށެވެ.
اذاكنت في قؤم فصاحب خيارهم ولا تصحب الاردي فتردي مع الردي
ޤަބީލާއެއްގެ ތެރޭގައި ތިބާ އުޅޭއިރު، އެމީހުންގެ ތެރެއިން އެންމެ ރަނގަޅު މީހުންނާ ގުޅިގެން އުޅޭށެވެ! ނުބައި މީހުންނާއި ގުޅިގެން ނޫޅޭށެވެ. އެހެނީ ނުބައި މީހުންނާއި އެކުވެއްޖެނަމަ ތިބާ ނުބައިވެދާނެއެވެ.

