ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު އޮފިސަރަކު ވަޒީފާއިން ސަސްޕެންޑްކޮށްފިއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޖަލަށް ވެއްދުން މަނާ ތަކެތި ވައްދަން އުޅޭކަމުގެ ޝައްކުތަކެއް ކުރެވިގެން ފުލުހުންނާއި ކަރެކްޝަނުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ޖަލަށް މަސްތުވާތަކެތި ވައްދަން އުޅެނިކޮށް މަސްތުވާ ތަކެއްޗާއެކު ދިވެހި ކަރެކްޝަންގެ އޮފިސަރަކު ހައްޔަރުކޮށްފި ކަމަށެވެ.
ޖަލަށް ވެއްދުން މަނާ ތަކެތި ވައްދަނިކޮށް ކަރެކްޝަން ސަރވިސްގެ އޮފިސަރަކު މަސްތުވާ ތަކެއްޗާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އެކަމާއި ގުޅިގެން އޭނާ ވަޒީފާއިން ސަސްޕެންޑު ކުރެވިފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ވަނީ ވިދާޅުވެފައެވެ.
އެހެންނަމަވެސް މަސްތުވާތަކެތި ވައްދަން އުޅުނީ ކޮން ޖަލަކަށް ކަމެއް ހާމަކޮށްފައިނުވެއެވެ.

