މުރާލި ކަނބަލުންގެ ނަމުގައި ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫގައި ޙަރަކާތްތެރިވަމުން ދިޔަ ފަރާތްތަކުން ވިމެންސް އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް ތިނަދޫ "ވީޓް" ނަމުގައި މުޅިން އާ ޖަމްޢިއްޔާ އެއް އުފައްދައިފިއެވެ.
22 ނޮވެމްބަރ 2022 ގައި ރަޖިސްޓަރީ ކުރި މި ޖަމްޢިއްޔާ މަސްއޫލު ވެރިންނަކީ ގދ ތިނަދޫ ކުރަނގި ، ޑރ ޝައިސްތާ ޢަލީ އަދި ގދ ތިނަދޫ، ފަސްޓް އެވެނިއު މައުސޫމާ އަލީ އެވެ.
އަންހެނުން ބާރުވެރި ކުރުމާއި މުޖުތަމަޢުގައި އެކި އެކި ދާއިރާއިން ޙަރަކާތްތެރި ވުމުގެ މަޤުޞަދުގައި ޖަމްޢިއްޔާއެއް ރަޖިސްޓަރީ ކުރުމަށް ފަހު "ހުވަދޫ" ނޫހަށް މައުލޫމާތު ދެއްވަމުން "ވީޓް" ގެ އެއް ފަުންޑަރ މައުސޫމާ އަލީ ވިދާޅުވީ "ވީޓް" އަކީ ވަރަށް ގިނަ އަންހެން ކަނބަލުން ތަކެއް ގިނަ ދުވަސްތަކެއް މުރާލި ކަނބަލުންގެ ނަމުގައި ވަރަށް ގިނަ ހަރަކާތްތަކާއި މަސައްކަތް ތަކެއް ކުރުމަށް ފަހު އުފެއްދި ޖަމްޢިއްޔާއެއް ކަމަށާއި މިއީ އެތައް ބައެއްގެ ފޮނި އުންމީދެއް ކަމަށެވެ.

ޖަމިއްޔާ އުފެދުމުގެ ކުރިން މުރާލި ގްރޫޕްގެ ހޭންޑް ބޯލް ޓީމް
މައުސޫމާ އިތުރަށް ވިދާޅުވީ މިވަގުތު ކުރިޔަށް ދަނީ މެމްބަރުން ރަޖިސްޓަރީ ކުރުމާއި ޖަމްޢިއްޔާ ގެ ބޯޑު އެކުލަވާލުމަށް ފަހު އިފުތިތާހީ ޖަލްސާ އަށް ތައްޔާރު ވުމުގެ މަސައްކަތް ކަމުގައިވީ ނަމަވެސް އަންނަ ބުރާސްފަތި ދުވަހު ފަށާ ތިނަދޫ ކައުންސިލްގެ ޤުރުއާން މުބާރާތުގައި "ވީޓް" ގެ ފަރާތުން ބައިވެރި ވާނެ ކަމަށެވެ. އަދި އައީ އެ ޖަމްޢިއްޔާގެ ނަމުގައި ބައިވެރިވާ ފުރަތަމަ މުބާރާތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ތިނަދޫ އަކީ 17 އަށް ވުރެ ގިނަ ޖަމްޢިއްޔާ ރަޖިސްޓަރީ ކޮށްފައިވާ ރަށެކެވެ. "ވީޓް" އަކީ ސީދާ އަންހެނުންނަށް ޚާއްޞަ ކޮށްގެން ތިނަދޫ ގައި ރަޖިސްޓަރީ ކޮށް ހިންގަން ފެށި ފުރަތަމަ ޖަމްޢިއްޔާއެވެ.

