ފުވައްމުލަކު ސިޓީގެ ހޮސްޕިޓަލަށް އާ އަންހެނުންގެ ޑޮކްޓަރެއް ގެނެސްފިއެވެ.
އާ އަންހެނުންގެ ޑޮކްޓަރެއް ގެނެސްފައި މިވަނީ ފުވައްމުލަކު ސިޓީގެ ހޮސްޕިޓަލުގައި އަންހެނުންގެ ބަލިތަކަށް ހާއްސަ ކޮށްފައިވާ ޑޮކްޓަރު އެ ހޮސްޕިޓަލުން ބަދަލު ކޮށްދިނުމަށް އެދި އެސިޓީ ކައުންސިލުގެ ފަރާތުން ހެލްތު މިނިސްޓްރީގައި އެދިފައިވަނި ކޮށެވެ.
އެ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންދިޔަ އަންހެނުންގެ ޑޮކްޓަރުގެ ކިބައިން އިހުމާލުގެ އެތަކެއް މައްސަލަތަކެއް ފެންނަމުން އަންނާތީ ޑޮކްޓަރު ބަދަލު ކުރުމަށް ހެލްތު މިނިސްޓްރީގައި އެދުނީ މިމަހުގެ 16 ވަނަ ދުވަހުގައެވެ.
އެގޮތުން މާބަނޑު މީހުންނާއި ތުއްތު ކުދިންގެ ފުރާނައަށް ނުރައްކާވާ ފަދަ ހާދިސާތައް މިފަހުން އެ ހޮސްޕިޓަލުގައި ހިނގާފައިވާ ކަން ފާހަގަކޮށް ސިޓީ ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ. ރައްޔިތުން ވެސް ކައުންސިލްގައި ކޮށްފައިވާ ޝަކުވާތަކާއި ގުޅިގެން ފުވައްމުލަކު ސިޓީ ކައުންސިލް އިން ވަނީ ހޮސްޕިޓަލުގެ މެނޭޖުމަންޓާއި ބައްދަލު ކޮށްފައެވެ.
މިހާރު ފުވައްމުލަކު ހޮސްޕިޓަލަށް ގެނެސްފައިވާ ޑޮކްޓަރަކީ މީގެކުރިން ލ. އަތޮޅުގައި މަސައްކަތް ކުރަމުން ދިޔަ ޑޮކްޓަރެކެވެ.

