ދުޅަހެޔޮ ދަތްތަކަށް ބޭނުންވާ ބައެއް ކާނާ
ޗީޒް އަކީ ދަތްތަކަށް އެސިޑް ގިރައިގެން ދިއުމާ ދެކޮޅަށް މަސައްކަތް ކުރުމުގެ ގާބިލްކަން ހުރުމުން ދަތްތަކަށް ލިބޭ ސުޕަރފުޑެކެވެ. ފޮނިރަހަ ހިމެނޭ ކެއުމެއް ބޭނުންކުރާ ކޮންމެ ފަހަރަކު ދަތްތައް ހަލާކުވެ އެސިޑް އުފެދި ދަތްތައް ހަލާކަށް ހުށަހެޅިދެއެވެ. ކެއުމަށްފަހު ޗީޒް ބޭނުންކުރުމުން ކެއުމުން ބާކީވާ އެސިޑާ ދެކޮޅަށް މަސައްކަތް ކުރެވޭނެއެވެ.
ކެރިސް ރިސާޗް ޖާނަލްގައި ޝާއިއުކުރި ދިރާސާއަކުން ދައްކާ ގޮތުގައި ކްރެންބެރީގައި ޕޮލިފެނޯލްސް އެކުލެވިގެންވާއިރު، މިއީ ދަތްތަކުގައި ޕްލެކް ނުވަތަ ކޮބަޑި ނުޖެހި ބެހެއްޓުމަށް އެހީތެރިވެދޭ އެއްޗަކަށް ވެދާނެ އެވެ.
ކުޅު އުފެދިފައިވަނީ ގާތްގަނޑަކަށް %99.5 ފެނުންނެވެ. ޑީހައިޑްރޭޝަންގެ ކުޅުގެ ފެން މަދުވެ، އަނގަހިކި، ހިރުގަނޑަށް ގެއްލުންތަކެއް ލިބުންގާތެވެ. ދަތްތައް ހަލާކުވުން ހުއްޓުވުމާއި، ބެކްޓީރިއަލް އެސިޑް ނިއުޓްރަލައިޒް ކުރުމަށް ކުޅުގައި ފެނުގެ އެންމެ ރަނގަޅު މިންވަރެއް ހުރުމަކީ މުހިންމު ކަމެކެވެ. ފެނަކީ ފްލޮސް އާއި ދަތްއުނގުޅާ ބުރުސް ފަދައިން ރަނގަޅު އެއްޗެއް ނޫން ނަމަވެސް، ކާބޯތަކެތީގެ ކުނިތައް ދޮވެލައިގެން ޕްލެކް މަދުކުރުމުގައި ބޭނުންހިފޭނެއެވެ. ދަތްތަކުގައި ކުލަ ޖެހޭ ކާނާ ކެއުމަށްފަހު ނުވަތަ ކޮފީ ބުއިމަށްފަހު ފެނުން އަނގަ ދޮވުމަކީ ދަތްތަކުގައި ކުލަހިފުން ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ޔޯގަޓްގައި ޕްރޮޓީން އަދި ކެލްސިއަމް ގިނަކަމުން ދަތްތަކުގެ ސިއްހަތާއި ވަރުގަދަކަމަށް ރަނގަޅު ބާވަތެލެވެ. ޔޯގަޓްގައި ހުންނަ ފައިދާހުރި ބެކްޓީރިއާ ނުވަތަ ޕްރޮބަޔޮޓިކްސް އިން ވެސް ހިރުގަނޑަށް ފައިދާ ކުރާ ސަބަބަކީ އެ ރަނގަޅު ބެކްޓީރިއާ އިން ކެވިޓީ އުފެދޭ ބެކްޓީރިއާ އެއްކުރާތީއެވެ.
ފަތް ހުންނަ ފެހި ތަރުކާރީ އާންމުކޮށް ސިއްހަތަށް ފައިދާހުރި ކާނާގެ ކޮންމެ ލިސްޓެއްގައިވެސް ހިމެނެއެވެ. ސަބަބަކީ މި ތަރުކާރީގައި މިނަރަލްސް އާއި ވިޓަމިންސް ފުރިފައި ހުންނައިރު ކެލޮރީ މަދުވުމުންނެވެ. ސްޕިނެޗް އަދި ކޭލް ފަދަ ފަތްތައް ހުންނަ ފެހި ތަރުކާރީގެ ސަބަބުން ވެސް އަނގައިގެ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ. އެއީ ގިނަ އަދަދަކަށް ކެލްސިއަމް އެކުލެވޭ އެއްޗަކަށް ވާއިރު، މިއީ ދަތްތަކުގެ އެނޭމަލް ބިނާކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. އަދި، އެއީ މާބަނޑު އަންހެނުންގެ ހިރުގަނޑުގެ ބަލިން ރައްކާތެރިކޮށްދޭ ފޮލިކްއެސިޑް ހިމެނޭ ވިޓަމިންބީވެސް އެކުލެވޭ ބާވަތެއްމެއެވެ
އޮރެންޖަކީ ސައިޓްރަސް މޭވާއެކެވެ. އެކަމަކު، ސައިޓްރަސްގައި ހުންނަ ވިޓަމިން ސީ އިން ކަނެކްޓިވް ޓިޝޫ އާއި ލޭހޮޅިތައް ވަރުގަދަކޮށްދީ، ހިރުގަނޑުގެ ބަލި ކުރިއެރުން މަޑުކޮށްދެއެވެ. އޮރެންޖުފަދަ ސައިޓްރަސް މޭވާ ކެއުމަށްފަހު ދަތް އުނގުޅުމުގެ ކުރިން މަދުވެގެން 30 މިނެޓް މަޑުކުރަން ޖެހެއެވެ.
ފެހި އަދި ކަޅު ސައިގައި ހުންނަ ޕޮލިފެނޯލްސްގެ ނަމުން މަޝްހޫރު ކޮމްޕައުންޑްތަކުގެ ސަބަބުން ހިރުގަނޑުގެ ބައްޔާއި ކެވިޓީތަކާ ގުޅުން ހުރި ބެކްޓީރިއާ ބޮޑުވުން ލަސްކޮށްދެއެވެ. ޔުނިވާސިޓީ އޮފް އިލިނޮއިސް އެޓް ޗިކާގޯގެ ދިރާސާވެރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދުވާލަކު މަދުވެގެން 10 ފަހަރު ކަޅު ސައިން އެއް މިނެޓް ވަންދެން އަނގަ ދޮވެލި މީހުންގެ ދަތްތަކުގައި ޕްލެކް ޖަމާވާ މިންވަރު ފެނުން އަނގަ ދޮންނަ މީހުންނާ އަޅާބަލާއިރު މަދެވެ. އަދި އެމީހުންގެ ޕްލެކްގެ ތަތްވުމާއި ސައިޒު ވެސް ކުޑަކުރެވުނެވެ. ސައި ބުއިމަކީ ބައެއް ބެކްޓީރިއާތައް އެހެން ބެކްޓީރިއާތަކާ އެކުވެ ގިނަވުން ހުއްޓުވާ ބުއިމެއްކަމަށް ދިރާސާވެރިން ބުނެ އެވެ.
2010 ވަނަ އަހަރު ޖާނަލް އޮފް ޑެންޓަލް ރިސާޗްގައި ޝާއިއުކުރި ދިރާސާއެއްގައި ދިރާސާވެރިން ލިޔެފައިވާ ގޮތުގައި ސައި، އެންމެ ހާއްސަކޮށް ކަޅު ސަޔަކީ އަނގައިގެ ވަސްނުބައިވުން ނުވަތަ ހެލިޓޯސިސް އާއި ދެކޮޅަށް މަސައްކަތް ކުރާ އެއްޗެކެވެ. “ޕޮލިފެނޯލްސް އިން އަނގައިގައި ވަސް ދުވާ ކޮމްޕައުންޑްތައް އުފެއްދުން ކޮންޓްރޯލް ކުރާ ބެކްޓީރިއާގެ ޖީންތައް ދަމަހައްޓާ،” ދިރާސާވެރިން ބުނެ އެވެ.
ކެރެޓް މަޝްހޫރުވެފައިވަނީ ކެވިޓީ ފައިޓިން ތަރުކާރީއެއްގެ ގޮތުގައެވެ. ކެރެޓްގައި ޕްލެކް، ނުވަތަ ކޮބަޑި އަށް ހަމަލާދޭ ކެރެޓިންގެ އިތުރުން ނާޒުކު ދަތުގެ އެނޭމަލް ވަރުގަދަ ކުރުމަށް މުހިންމު ވިޓަމިން އޭ ވެސް ގިނަ އެވެ.

