ފުރޮޅުލީގޮނޑިއެއްގައި އިނަސް ކާމިޔާބުވެދާނެ؛ ނަމޫނާ ދައްކަމުންދާ މޭކަޕްއާޓިސްޓް"ކެރީ ވެލާސްކޭޒް"
ޔޫއެސްގެ ސަރަހައްދުން ބޮޑު ޝަހަރެއްކަމަށްވާ ޕުއާޓޯ ރިކޯގެ ޕޮންސްއަށް ނިސްބަތްވާ 32 އަހަރުގެ "ކެރީ ވެލާސްކޭޒް" އަށް "އޮސްޓިއޯޖެނެސިސް އިމްޕަރފެކްޓާ" ޖެހިފައިވާކަން އެނގުނީ އުފަންވުމުގެ ތިން ދުވަސް ކުރިންނެވެ. ގިނަ ފަހަރަށް "ބްރިޓްލް ބޯންސް ޑިޒީޒް" ގެ ނަމުން ނަންދެވިފައިވާ މި ބައްޔަކީ ކަށިތަކުގެ ވަރުގަދަކަމަށް އަސަރުކުރާ ޖެނެޓިކް ޑިސްއޯޑަރެކެވެ.
މިހާރު ސޯޝަލް މީޑިޔާގައާއި ދުނިޔޭގެ އެތަކެއް ނޫސްތަކެއްގައި އެންމެ ހޫނުކޮށް މީހުން ފޮލޯ ކުރާ އެއްވާހަކައަކީ ބިއްލޫރިފަދަ ނާޒުކު ކަށިތަކެއް ހުންނަ މޭކަޕް އާޓިސްޓަކު އޭނާގެ ހުނަރު ދައްކަމުން، ފެޝަން އިންޑަސްޓްރީގައި ނުކުޅެދުންތެރިކަން ހުންނަ އަންހެނުންގެ ނަމޫނާއަކަށްވެ ކުރިއަރައިދާ ވާހަކައެވެ. މިއީ ދެވަނަ އެހެން މީހެއްް ނޫނެވެ. ޕޮންސްގެ ކެރީ ވެލާސްކޭޒް އެވެ.
ކެރީ ޕްރޮފެޝަނަލްކޮށް މޭކަޕް ކުރަން ފެށީ މީގެ ހައެއްކަ އަހަރު ކުރިން، ޔޫޓިއުބްގައި ފެންނަ ރީތިކަމުގެ ވީޑިއޯތަކުން އޭނާއަށް ރޫހާނީ ގޮތުން އެކަމަށް ހިތްވަރާއި ބާރު ލިބެމުންދާ ކަމުގެ އިހުސާސް ކުރެވުމުންނެވެ.
ބާކްރޮފްޓް ޓީވީއަށް ދިން އިންޓަވިއުއެއްގައި ކެރީ ބުނެފައިވެއެވެ. "އަހަރެން ބޭނުންވަނީ ތަފާތު ހާލަތްތަކުގައި ތިބި އެހެން އަންހެނުންނަށް ދޮރު ހުޅުވާލަން. އަހަރެންނަށް އެނގޭ އަހަރެންގެ ވާހަކައިން އެހެން މީހުންގެ ނަޒަރިއްޔާތު ބަދަލުވާނެކަން އަދި އަހަރެން ބިރެއް ނުގަނޭ އަހަރެންގެ އަމިއްލަ ނަފްސު ދުނިޔެއަށް ދައްކަން."
ކެރީ އެންމެ ފުރަތަމަ ދަސްކުރުމުގެ ގޮތުން އަދި އޭނާގެ މޮޅުކަން ޔަގީންކުރުމުގެ ގޮތުން އަމިއްލަ މޭކަޕާއި އޭނާގެ މަންމަގެ އިތުރުން އެއްބަނޑު އެއްބަފާ ކުދިންގެ މޭކަޕް ކުރަން ފެށިއެވެ. އަދި މިހާރު މުޅި ޝަހަރުގެ އެތައް އެތައްކްލައިންޓުންނާ އެކު ކެރީ ދަނީ މަސައްކަތް ކުރަމުންނެވެ.
"އަހަރެން މި ދައްކަނީ ފުރޮޅުލީ ގޮނޑިއެއްގައި އިން މީހަކު އަދިވެސް ރީތި، ހުނަރުވެރި އަދި މޮޅު މީހަކަށް ވެދާނެކަން،" ކެރީ ބުންޏެވެ.
ފުރޮޅުލީ ގޮނޑި ބޭނުން ކުރުމަށް މަޖުބޫރު ވެފައި ވާ ހާލެއްގައި އުފަންވި ނަމަވެސް އަތްފައިގެ ޑިފޯމިޓީސް ހުރި ނަމަވެސް، އެކަން އޭނާގެ ކެރިއަރުގެ މަގުގައި ހުރަހެއް ނާޅައެވެ.
"އަހަރެންގެ މަސައްކަތް ކުރެވޭ ގޮތަށް އެޑެޕްޓޭޝަންތައް ހަދަނީ، ކްލައިންޓުން އިށީނދެގެން ތިބޭ ގޮތާއި ކުރިމަތީގައި ބޭނުން ކުރާ ސާމާނު ހުރުމުން ފަސޭހައިން ހިފަހައްޓާ ގެންގުޅެވޭނެ ގޮތަށް ވިސްނައިގެން އެގޮތަށް ތައްޔާރުވެގެން ރަސްމީކޮށް މަސައްކަތަށް ފަށަނީ." ކެރީ ކިޔައިދީފައިވެއެވެ.
ލޯބިވާ ރައްޓެހިންނާއި އާއިލާގެ ވަށައިގެން ތިބި ނަމަވެސް، ކެރީ އާއި އޭނާގެ ޝައުގުވެރިކަމަށް އެންމެން ތާއީދެއް ނުކުރެއެވެ. ބައެއް ފަހަރު ދަތި ހާލަތްތަކާއި އުނދަގޫވާކަހަލަ ބަސްތަކާއި ވަގުތުތަކާ ކުރިމަތިލާންޖެހޭ ކަމަށް ކެރީ ބުނީ ހިތްވަރާއެކު ކެރިގެންނެވެ.
"އަހަރެންގެ ސިފައަށް ބަލާއިރު އަދިވެސް ނެގެޓިވް ކޮމެންޓްތައް ލިބެނީ، އަހަރެންނަށް ކިޔަނީ ހުތުރު، އަހަރެންގެ ބޯ ބޮޑު ކަމަށް ނުވަތަ އަހަރެން ހީވަނީ ކްލޯން އެއްހެން ކަމަށް ބުނަނީ. ކޮންމެ ފަހަރަކު ވެސް އެމީހުން ގޯސްކަން ސާބިތުކޮށްދޭން ޖެހޭ."
ކެރީގެ ދައްތަ ރޮބެލިސް އަށް އޭނާގެ ކޮއްކޮގެ ނުކުޅެދުންތެރިކަމާ ކުރިމަތިލާން ދަސްކުރީ ކުޑައިރުއްސުރެ އެވެ.
"ކުޑައިރު އަހަރެންނަށް ހީވީ ކެރީ ނޯމަލް ކަމަށް، އަދި ދެން އުމުރުން ފަސް އަހަރު ވީއިރު އަހަރެންނަށް ކެރީގެ ހާލަތު މުޅިން ވިސްނުނީ، އަހަންނަކަށް އޭނާއާއެކު ކުޅެން އުޅެ އުޅެ އެކަން ނުވި ހިސާބުން."
ކެރީގެ ދެބެންގެ ދެދަރި ވެރޮނިކާ ދުވަހަކުވެސް ކެރީ ތަފާތު ކަމަށް ހީވެފައި ނުވާ ކަމަށާއި އޭނާ ސިފަކުރަނީ ހަމަ "ކޮއްކޮ"އެއްގެ ގޮތުގައި ކަމަށް ވެރޮނިކާ ބުނެފައިވެއެވެ.
"ކެރީ އަކީ ކެތްތެރިކަމާއި ކާމިޔާބީގެ ވާހަކައެއް. އޭނަގެ ނުކުޅެދުންތެރިކަމަކީ އޭނައަށް ކަންތައްތައް ކުރުން ހުއްޓުވާ ކަމެއްގެ ގޮތުގައި ނުދެކޭ."
ރޮބެލިސް އިތުރަށް ބުނީ "ޝީ އިޒް ލައިކް ވޮންޑަރ ވުމެން ޓު މީ."
ކެރީގެ "ކެން-ޑޫ" ރޫހަށް، އޭނާގެ ބައްޔާމެދު ވިސްނާފިކުރު ކުރުމުގެ ސަބަބުން އުނދަގޫ ނަތީޖާތަކެއް ކުރިމަތިވެ އެވެ.

ކެރީ އޭނާގެ މަންމައާއި އާއިލާގެ އެހެން މެންބަރުންނާއެކު.އެންމެންްގެވެސް ލޯތްބާއެި ސަޕޯޓް ކެރީއަށް ލިބޭ
"އަހަންނަށް އެންމެ ބޮޑު ގޮންޖެހުމަކީ ޑިޕެންޑެންޓް ވުން – އަހަރެން ބޭނުންވަނީ ތަނަކަށް ދާން ނުވަތަ ކަމެއް ކުރަން އަދި އަބަދުވެސް އަހަރެންގެ ކައިރީގައި މީހަކު ހުންނަން ޖެހޭ އަދި އެއީ އުނދަގޫ ކަމެއް،" ކެރީ ބުންޏެވެ. ތާއަބަދު އެހީތެރިއަކާއެކު އުޅެން ޖެހުން، ނުވަތަ ބޭނުންވާ ކަންތައްތައް ކުރުމަށް ކޮންމެވެސް މީހެއްގެ އެހީތެރިކަން އަބަދުވެސް ބޭނުންވާތީ ކެރީއަށް އެކަން ވަނީ ވަރަށްބޮޑު ކަންބޮޑުވުމަކަށް ވެފައެވެ. އާއިލާގައި ލޯބިވާ އެންމެން އަބަދުވެސް އޭނާއަށް އެހީތެރިވުމަށް ތައްޔާރަށް ތިބޭކަމުގައިވިޔަސް ކެރީއަށް މިއީ ހަމަ ކޮންމެ ދުވަހަކުވެސް އުނދަގޫވާކަމަކަށް ވަނީވެފައެވެ.
ކެރީގެ މަންމަ އޭނާ ބަލަހައްޓަމުން އަންނައިރު އެމީހުން ދިރިއުޅެނީ އުފާވެރި ގުޅޭ އާއިލާއެއްގެ ގޮތުގައި ވަރަށްވެސް އެކުވެރިކަމާއި އެއްބައިވަންތަކަމާއެކުގައެވެ.
"އަހަންނަށް ބީޗްތައް ގޮނޑުދޮށްތައް ވަރަށް ރީތިވެފައި އެތަންދެކެ އަހަރެން ވަރަށް ލޯބިވޭ. ވިޔަފާރީގެ ލޯގޯއަކަށް "މާމެއިޑް" ބޭނުން ކުރަނީ އެއީ ފުރޮޅުލީ ގޮޑިއެއްގައި އިންނަ އަންހެނަކު ރަމްޒުކޮށްދޭން އެކަށީގެންވާކަހަލަ މިސާލަކަށްވާތީ."
"ހަމައެހެންމެ ފަޔާ ނުލައިވެސް އިންސާނަކު ހަމަ ވަރަށް ރީތިވެދާނެ." ކެރީ ބުނެފައިވެއެވެ.
ކެރީގެ އެންމެ ބޮޑު އަމާޒަކީ ފެޝަން ދުނިޔޭގައި ނުކުޅެދުންތެރިކަން ހުންނަ އަންހެނުން ރަނގަޅަށް ތަމްސީލު ކުރުމަށް މަގުފަހިކުރުމެވެ.
"އަހަރެން މިހާރު ދުނިޔެއަށް ދައްކަން ބިރެއް ނުގަނޭ އަހަރެންގެ ކަންތައްތައް ފޮރުވާކަށް ބޭނުމެއް ނޫނޭ. އެއީ އަހަންނަށް އަހަރެންގެ އަގުވަޒަން ކުރެވޭތީ، އަދި އަހަންނަށް ކަމާ އެކަށީގެންވާކަން ޔަގީން. މަށަށް އެނގޭ އަހަރެންގެ ވާހަކައަކީ އެހެން މީހުންގެ ނަޒަރިއްޔާތު ބަދަލުކޮށް، އެހެން މީހުންގެ ހިތްތައް ބަދަލުކޮށްދޭނެ ވާހަކައެއް."

