މިއަހަރުގެ މަސްވެރިންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަ ކުރުމަށް ސަރުކާރުން ހަމަޖައްސާފައިވާ ދެކުނު ހުވަދޫ ފަރެސްމާތޮޑާ ގެ މަސްވެރިންނާއި މުޅި ރަށުގެ ކުދި ބޮޑު އެންމެން މި ދުވަސްކޮޅު އަވަދިނެތި ކުރަމުންދާ ކަމަކީ މި ޑިސެންބަރު 8 ވަނަ ދުވަހަށް އެރަށް ޒީނަތްތެރި ކޮށް ރަށް ތައްޔާރު ކުރުމުގެ މަސައްކަތެވެ. މަސްވެރިންގެ ދުވަހުގެ އެ ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ތައްޔާރުވުމެވެ. ރަށު ތެރެއާއި ބަނދަރު ސަރަހައްދު ސާފުކޮށް ޒީނަތްތެރި ކުރުމުގެ މަސައްކަތް ކުރަމެވެ.

މަސްވެރިކަން ކުރުމުގައި އެންމެ ބޮޑު ކާމިޔާބީ އެއް ހޯދަމުން އަންނަ ހުވަދު އަތޮޅުގެ ރަށް ތަކުގެ ތެރެއިން ފަރެސްމާތޮޑާ އަކީ ފާހަގަ ކޮށްލެވޭ ރަށެކެވެ. މަސްވެރި އުޅަނދު ފަހަރަށް ބަލާއިރު އެ ރަށުގައި އެންމެ މިޒަމާނުގެ 9 ދޯނި ދުއްވައެެ. 100 ފޫޓުގެ ދިގު މިން ހުންނަ މި ދޯނި ފަހަރުގައި ފަހުގެ ފިނިކުރާ ނިޒާމު ހަރުކުރެވިފައިވާއިރު 300 އަށް ވުރެ ގިނަ ޒުވާނުން އެ ދޯނި ތަކުގައި ހަރަކާތްތެރިވެއެވެ. އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު އެއް ދުވަހުން އެންމެ ގިނަ ލަނޑުމަސް ބޭނި ރެކޯޑް އޮތީވެސް ފަރެސްމާތޮޑާ ގައެވެ. އެރަށު "ބަހީރާ" ދޯނި ވަނީ 59 ޓަނު މަސް ބާނައި އޭގެ ތެރެއިން 58 ޓަނު 600 ކިލޯ ކޫއްޑޫ އަށް ކިރާ އޭގެ އަގަށްވާ 9 ލައްކަ 96 ހާސް ރުފިޔާ ހޯދާފައެވެ ، މިއީ މަސްވެރިކަމުގެ ރެކޯޑު ޗޭނަށް ހުވަދު އަތޮޅުގެ މަސް ދޯނި ތަކުން އިތުރު ކޮއްލި ތާރީޚީ ބޮލެކެވެ.
މާލެ ދަތުރު ކުރާ 3 ބޯޓާއި 15 ޑިންގީ އަދި 5 ސްޕީޑު ލޯންޗު ގެ އިތުރުން އެހެނިހެން އުޅަނދުތައްވެސް ދުއްވާ ފަރެސްމާތޮޑާ ގައި އޮންނަނީ 950 ފޫޓު ދިގު 300 ފޫޓު ފުޅާ، އެފަދަ ރަށަކަށް ވަރަށް ކުޑަ ބަނދަރެވެ.
ބަނދަރު ތިލަކަމުން ހިކިދިޔައިގަ އުޅަނދުތައް ބީހުމާއި ނެރު ތިލަކަމުން ވަދެ ނިކުންނަން ވަރަށް އުނދަގުލެވެ. އޭގެ އެއް ސަބަބަކީ ދޯނިފަހަރރުތައް ބޮޑު ވުމެވެ.
ރަށަށް ނިސްބަތްވާ ހުރިހާ އުޅަނދެއް ރަށަށް އައީމާ ބަނދަރު ފުރި ތޮއްޖެހެއެވެ.
ފަރެސްމާތޮޑާގެ ބަނދަރު ކިތަންމެ ކުޑަ ވިޔަސް ބަނދަރު ބޭނުން ކުރަން ފަސޭހަކުރެވޭތޯ ކައުންސިލުން އަބަދުވެސް މަސައްކަތް ކުރެއެވެ. އެގޮތުން ބަނދަރު އޮންނަނީ ޑިންގީ ، އައިސްޕްލާންޓް ، ބޯޓުފަހަރު، ދޮންވެލި އަކިރި އަދި މުދާ އުފުލާ ބޭލުމަށް ހާއްސަކޮށް އެކި މަސައްކަތްތައް ބަހާފައެވެ. މިހުރިހާ ކަމަކަށް ބަނދަރު އެލޮކޭޓް ކޮށްފަ އޮންނާތީވެ، ބޮޑެތި މަސްދޯނި ފަހަރަށް ޖާގަ ނުލިބި ބަނދަރުގެ ދަތިކަން އިންތިހާއަށް ކުރިމަތިވާ ކަމީ މަސްވެރިންގެ ވަރަށް ބޮޑު ޝަކުވާ އެކެވެ. އެވެރިންނަށް ދިމާވެފައިވާ ބޮޑު ތަކުލީފެކެވެ.
ފަރެސްމާތޮޑާ މަސްވެރިންނާއި ބަނދަރަށް ދިމާ ވެފައިވާ ބޮޑެތި މައްސަލަތައް "ހުވަދު" ނޫހާއި ޙިއްސާ ކުރައްވަމުން ފަރެސްމާތޮޑާ ރައީސް އަހްމަދު އިމްތިޔާޒު ވިދާޅުވީ ރަށަށް ދިމާ ވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ރަށުގެ މަސްވެރިކަމާއި އެކަމުގެ އުޅަނދުތައް ޒަމާނާ އެއްގޮތަށް ތަރައްގީ ވެފައިވާ މިންވަރަށް ބަނދަރު ތަރައްޤީ ވެފައި ނެތުމައި ޖާގަ ދަތިވުން ކަމަށެވެ.
" އައިސް އަޅަން އަންނަ ރަށްރަށުގެ މަސްދޯނިފަހަރަށް ޖާގަ ނުލިބިގެން އައިސް ނައަޅާ އެބަދޭ. ބަނދަރު އެތެރެ 300 ފޫޓަށް ހުރުމުން ބޮޑެތި ދޯނިފަހަރަށް އާަނބުރަން އަދި ކުރިއަށް ފަހަތަށް ޖަހަން އުނދަގޫވާ އެހެނިހެން ކަންކަމާ ފެރީ ތަކަށް ވެސް ޖާގަ ބޭނުންވޭ" ރައީސް ވިދާޅުވިއެވެ.
ފަރެސްމާތޮޑާ ރައްޔިތުންގެ އުއްމީދު އަދި ބޭނުންވާ ގޮތް:
މަސްވެރިކަން ކުރުމުގައި ފަރެސްމާތޮޑާ ހޯދަމުންދާ ކާމިޔާބީ އާއި ކުރިއެރުމަށް ބަލާއިރު އެ ރަށަކީ އަތޮޅުގެ އެއް އުންމީދެވެ. އަތޮޅުގެ އެންމެ މުހިންމު އެއް ރަށެވެ. ރަށުގައި ޓީޖެޓީ އެއް އޮތުމައި ލޭންޑިން ކްރާފްޓަށް ހާއްސަ ސަރަހައްދެއް ތަރައްޤީ ކުރުމާއި ބަނދަރުގައި މިހާރު ހުރި ދިގުމިނުގެ އިތުރަށް 800 ފޫޓަށް ބަނދަރު ދިގު ކުރުމާއި އިތުރަށް 200 ފޫޓު ބަނދަރު ފުޅާކޮށްފަ ބޭރު ތޮށީގަ އޮޑިފަހަރު އެޅޭ ގޮތަށް ހެދުމަކީ އެންމެހާ ރައްޔިތުންގެ އުއްމީދެވެ. އެ ބަނދަރު ބޭނުން ކުރާ ހުރިހާ ފަރާތްތަކަށް އެންމެ ބޭނުން ކަންތަކެވެ.
މިހާރު ހުޅުވަން ތައްޔާރު ވެފައިވާ ފަރެސްމާތޮޑާ އެއަރޕޯޓް ހުޅުވުނީމާ ބަނދަރުގެ ދަތިކަން އިންތިހާއަށް ބޮޑު ވާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ރައްޔިތުން ތިބީ މި އަހަރުގެ މަސްވެރިންގެ ދުވަހަށް މި މަހުގެ 11 ވަނަ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް އެ ރަށަށް ވަޑައިގެން ރައްޔިތުންނާއި މަސްވެރިންގެ ޝަކުވާ އަޑު އައްސަވާ ރައްޔިތުންނަށް އުފާވެރި ޚަބަރުތައް ދެއްވާނެ ކަމުގެ ޔަޤީންކަމުގައެވެ.

