ދެ ބަފައިންގެ ހިތާ ހިތުގެ ގުޅުން، ތަފާތު އިޙްސާސެއް
ތަސްވީރަކީ ހަމައެކަނި ރީތި ދެއްކުމަކަށް ނޫނީ ޒަމާނުގެ ހަނދާނަކަށް ބޭނުން ކުރެވޭ އެއްޗެއް ނޫންކަން ބުނެދެނީ މިތަސްވީރެވެ. ފޭސްބުކްގެ ޕޯސްޓެއްގައި ޝެއާ ކޮށްފައިވާ މިތަސްވީރުގައި އެތިބީ ދެބަފައިންނެވެ. ބައްޕައަކާއި ދަރިފުޅެކެވެ. ދެމީހުންމެ ތިބީ ފުރޮޅުލީ ގޮނޑީގައެވެ. މޫނުތައް މަތިން އެފެންނަނީ އެ ހިނދުކޮޅުގެ އިހުސާސްތަކެވެ. ޔަގީނުންވެސް ފުރަތަމަ ފަހަރަށް މިތަސްވީރު ފެންނަ މީހަކަށް މިދެފަރާތުންކުރެ ފުރިހަމަ ސިއްހަތެއްގައި އެކަކު އިން ކަމެއް ނޭނގޭނެއެވެ. އެހެންނަަމަވެސް އެނގޭ ލޮލަކުން، ހިތަށް ވެރިވެގެންދާނެ އަސރުން ކަރުނަ ހިލޭނެކަން ޔަގީނެވެ.
މިއީ ލޯބިވާ ދަރިފުޅަކު އޭނާގެ ހަޔާތުގެ އެންމެ މުހިންމު އަދި އޭނާގެ އެންމެ ހާއްސަ ގާތް ފަރާތްކަމުގައިވާ، ނުވަތަ އެކުއްޖާގެ އައިޑަލްކަމަށް ގަބޫލުކުރާ އޭނާގެ ބައްޕަގެ ހާލަތު ހިއްސާވުމަށް ކުއްޖާ ބައްޕައަށް ދިން ހަދިޔާއެކެވެ. ހަވީރީ ހިނގުމަކަށް ބައްޕައާއެކު ދިޔުމަށް ދަރިފުޅު މިގޮތް ހިޔާރު ކޮށްފައި މިވަނީ އޭނާގެ ބައްޕަގެ ހާލަތު ހިތުގެ އަޑިން ގަބޫލުކޮށް، ބައްޕައަކީ އެހާލަތުގައި އެކަނި އިން މީހެއްނޫންކަން ބުނެދިނުމަށެވެ. ތަސްވީރު ކިޔައިދެނީ ދަރިފުޅެއްގެ ހިތުގައި އުތުރުއަރަމުންދާ ހައްދެއް ނެތް ލޯތްބާއި ބައްޕައަށްޓަކައި އޭނާ ކުރަމުންދާ އިހުސާސްތަކުގެ ވާހަކައެވެ. މިއަށްވުރެ ވަކިން ލޮބުވެތި ހަދިޔާއެއް ވާނެބާވައެވެ.
ދަރިފުޅު ބޭނުންވީ ބައްޕަ އިށީނދެ އިންނަ ގޮޑީގައި އިނދެެގެން ބައްޕައާއެކު، ބައްްޕަގެ އިހުސާސް އަމިއްލައަށް ތަޖުރިބާ ކޮށްލުމަށެވެ. ބައްޕައަކަށްޓަކައި މިއީ ޔަގީނުންވެސް އުމުރުދުވަހުގެ ޔަގީންކަން ނަފުސަށް ލިބިގެންދާނެ ކަމަކަށް ނޫނީ ނުވާނެއެވެ. ބައްޕައަކާއި ދަރިފުޅެއްގެ ހިތާއި ހިތުގެ ނަމޫނާ މިގުޅުން ކިޔައިދޭ ތަސްވީރުގައި މިވާ ދެފަރާތަށްވެސް ސެލިއުޓު، ސަލާމް ކުރަމެވެ.

