މުދާ ހިފައިގެން ހދ.ކުޅުދުއްފުއްޓަށް ދަތުރުކުރަމުންދިޔަ “ހައިޝަމް” ނަމަކަށް ކިޔާ ދޯންޏެއް ފަރަށް އަރައިފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި ފަރަށް އެރި ދޯނި ދަތުރުކުރަމުން ދިޔައީ ކައްކާ ގޭހާއި، ހިލަވެލި އަދި ސިމެންތި ހިފައިގެންނެވެ. މާލެއިން ފުރައިގެން އެދޯނި ދަތުރުކުރަމުން ދިޔައީ ހދ.ކުޅުދުއްފުއްޓަށެވެ.
މިދޯނި އަރާފައިވަނީ ނ.ބޮޑުޅައިމެންދޫ ފަރަށެވެ.
މަޢުލޫމާތު ލިބޭގޮތުގައި ރޭ ނ.އަތޮޅުން ފުރިފަހުން ދިޔަވާތީ މުދަލާއި، ދޯނި ސަލާމަތް ކުރުމަށް ފަރަށް އުރުވާލީއެވެ.
ދޯނީގެ ވެރިފަރާތުން މީޑީޔާއަށް މައުލޫމާތު ދިން ގޮތުގައި ދޯނިން ދަތުރުކުރީ 4 މީހުންނެވެ. އޭގެތެރެއިން އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.
އަދި ގިނަ އަދަދެއްގެ މުދާހުރި މި ދޯނިން އޮޔާ ދިޔަ ގޭސް ފުޅިތައް ނޮދަން އޭރިއާ ފަސްޓް ސްކޮޑްރަންގެ ހާބަރ ކްރާފްޓް ލޯންޗުން ވަނީ ހޮވާފައެވެ.

