ފީފާ ވޯލްޑްކަޕް ޤަތަރު 2022 ގައި ރޭ ކުޅުނު ކުއާޓާ ފައިނަލްގެ މެޗްގައި ކްރޮއޭޝިޔާ އާއި ބްރެޒިލް ބައްދަލު ކުރި މެޗުން ބްރެޒިލް ބަލިވުމުން ބްރެޒިލްގެ ފޭނަކު ހެދި ޓިކްޓޮކަށް ގިނަ ބަޔެއްގެ ސަމާލުކަން ދަމައިގެންފިއެވެ.
ވޯލްޑްކަޕްގެ ކުއާޓާ ފައިނަލްގެ މެޗްތައް ރޭ ފަށާފައިވާއިރު ރާއްޖޭގެ ގިނަ ބަޔަކު ސަޕޯޓްކުރާ ބްރެޒިލް ކަޓައިގެން ދިޔުމުން ދިވެހި ސަޕޯޓަރަކު ހަދާފައިވާ ޓިކްޓޮކޮން ފެންނަ ގޮތުގައި ބްރެޒިލް ޓީމް ބަލިވުމުން ލައިގެން ހުރި ބްރެޒިލް ޖާޒީ ބޭލުމަށްފަހު ވަގުތުން އާޖެންޓީނާގެ ސަޕޯޓަރަކަށް ވަނީ ބަދަލުވެފައެވެ.
ދިވެހި ވޯލްޑް ކަޕާ ގުޅޭގޮތުން “ޝައްޕޭ 1524” ޓިކްޓޮކް އައިޑީން ހަދާފައިވާ ދިވެހި ޓިކްޓޮކް އަކަށް ގިނަ ވިއުސްތަކެއް ވަނީ ލިބިފައެވެ. ޝަފްރާޒުގެ މިވީޑިޔޯއިން ދައްކުވައިދެނީ މިހާރަކަށް އައިސް ދިވެހިންގެ ތެރޭގައި ހިފާފައިވާ ފުޓްބޯޅައިގެ ރޫހުގައި ދިވެހި ގިނަ ސަޕޯޓަރުން ކަންތައް ކުރަމުން އަންނަ ގޮތެވެ.
ފީފާ ވޯލްޑްކަޕްގެ ކުއާޓާ މެޗްތައް ރޭ މިވަނީ ފެށިފައެވެ. އެގޮތުން ރޭ ފުރަތަމަ މެޗުގައި ކުޅުނީ ބްރެޒިލް އާއި ކްރޮއޭޝިޔާއެވެ. ދެވަނަ މެޗުގައި ކުޅުނީ އާޖެންޓީނާ އާއި ނެދާލެންޑެވެ. މި ދެމެޗުގައިވެސް ސެމީއަށް ދާ ޓީމް ހޮވުނީ މެޗުން އެއްވަރުވެގެން ޕެނަލްޓީ ޖަހައިގެންނެވެ. ކްރޮއޭޝިޔާ އާއި އާޖެންޓީނާ ސެމީއަށް ދަތުރުކޮށްފައިވާއިރު ކުއާޓާ ފައިނަލްގައި މިރޭ ކުޅެން ތާވަލްކުރެވިފައިވަނީ ޕޯޗުގަލް އާއި މޮރޮކޯ އަދި އިގިރޭސިވިލާތާއި ފްރާންސެވެ.

