ގދ ތިނަދޫ ޑިޓޮކްސިފިކޭޝަން ސެންޓަރުގެ މަސައްކަތް އޮންނަ އުސޫލުތަކުގެ ބޭރުން، ބަޔަކާ ހަވާލު ކުރި މައްސަލައެއްގެ ތަހުގީގު ނިންމައި، ޖެންޑާ މިނިސްޓަރީގެ ކުރީގެ 3 ވެރިއެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ގދ.ތިނަދޫގައި ހިންގަމުން އައި ޑިޓޮކްސިފިކޭޝަން ސެންޓަރު މަރާމާތު ކޮށްދޭނެ ބަޔަކު ހޯދުމަށް ކުރި އިއުލާނުގެ ބީލަމަށް ހުށަހެޅި ފަރާތްތަކުން، މާކުސް އެންމެ މަތިން ލިބުނު ފަރާތުގެ ބަދަލުގައި ދެވަނައަށް މަތީ މާކުސް ލިބުނު ފަރާތަށް، މިމަޝްރޫއު ހަވާލު ކުރަން ޖެންޑާ މިނިސްޓަރީގެ ބޮޑު ކޮމިޓީއިން ނިންމާފައިވާކަމަށް ތުހުމަތުކޮށް ހުށަހެޅުނު މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމާމެދު ގޮތެއް ނިންމަން ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިނިސްޓަރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ސ. ހިތަދޫ ހަނދުވަރީގެ އާއިޝަތު ރަޝީދާއި، މިނިސްޓަރީގެ ޑިރެކްޓާ ގދ.ތިނަދޫ ނޫވިލު، ހުދޫދާ ވަހީދާއި މިނިސްޓަރީގެ ޑިރެކްޓަރ ގދ.ގައްދޫ ވިލިގަލާ އާމިނަތު ޝިހާމާގެ މައްޗަށެވެ.
މި ތަހުގީގަށް ފާހަގަވެފައިވާ ގޮތުގައި ބިޑު ހުށަހެޅި ކުންފުނިތަކުގެ ތެރެއިން 1 ވަނައަށް ދިޔަ ކުންފުންޏަށް މަސައްކަތް ހަވާލުނުކޮށް ދެވަނައަށް ދިޔަ ފަރާތާ މަސައްކަތް ހަވާލުކުރީ، އެއްވަނައަށް ދިޔަ ފަރާތަށްވުރެ ބޮޑު އަގެއް ހުށަހަޅާފައިވަނިކޮށެވެ. އެގޮތުން ދެވަނައަށް ދިޔަ ކުންފުނިން ހުށަހެޅި އަގު އެއްވަނަ އަށް ދިޔަ ފަރާތުން ހުށަހެޅި އަގަށް ވުރެ 657،846.60 ރުފިޔާ އަގު ބޮޑު ކަން ފާހަގަ ކޮށްފައި ވެއެވެ.
"އެގޮތަށް ނިންމީ، އިވެލުއޭޝަނުން އެއްވަނަ ލިބޭ ފަރާތަށް އެ މަސައްކަތް އެވޯޑުކުރުމުގެ ބަދަލުގައި ދެވަނައަށް ދިޔަ ފަރާތަށް އެ މަސައްކަތް ހަވާލުކުރުމަށް މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ބިޑު ކޮމިޓީން ނިންމީ އެ ނިންމުމުގެ ސަބަބުން އިވެލުއޭޝަނުން ދެވަނައަށް ދިޔަ ފަރާތަށް ލިބެން ނުޖެހޭ ނާޖާއިޒު މަންފާއެއް އެ ފަރާތަށް ލިބޭނެކަން އެނގިތިބެ، މަސައްކަތް ހަވާލުކުރި ފަރާތަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ މަގްސަދުގައިކަން ތަހުގީގަށް އެނގޭތީ އާއި އިވެލުއޭޝަނުން ދެވަނައަށްދިޔަ ކުންފުންޏާ، އެ މަސައްކަތް ހަވާލުކުރުމަށް ނިންމާފައިވަނީ އިވެލުއޭޝަނުން އެއްވަނައަށް ދިޔަ ފަރާތަށްވުރެ 657,846.60 ބޮޑު އަގުގައިކަން ތަހުގީގަށްވަނީ އެނގިފަ،" އޭސީސީން ބުންޏެވެ.
އެ ކޮމިޝަނުގެ ތަހުގީގަށް ޤަބޫލުކުރެވުނީ އެ މަސައްކަތް ބީލަމުން ދެވަނައަށް ދިޔަ ފަރާތާ ހަވާލުކުރީ، އެ ނިންމުމުގެ ސަބަބުން އެ ފަރާތަށް ހައްގުނޫން ފައިދާއެއް ލިބޭނެކަން އެނގި ތިބެ، ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ މަޤުޞަދުގައިކަމަށް އޭސީސީން ބުނެފައިވެއެވެ.
އެހެންކަމުން އޭސީސީން ޕީޖީ އޮފީހުގައި އެދިފައިވަނީ މި ފަރާތްތަކުގެ މައްޗަށް ޤާނޫނުލް ޢުޤޫބާތުގެ ދަށުންނާއި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާކުރުމަށެވެ.

