ގދ. ހޯޑެއްދޫ ހުޅަނގު އުތުރުން އޮންނަ ކުޅިތަކުގެ ގުދުރަތީ ރީތިކަން ދަމަހައްޓައި، އެތަނަކީ އިޖުތިމާއީ ގޮތުންނާއި، އިގްތިސާދީ ގޮތުން ބޭނުންހިފޭ މުހިންމު ތަނެއްގެ ގޮތުގައި، ނޭޗަރ ޕާކެއްގެ ގޮތުގައި ތަރައްގީކުރުމަށް ހޯޑެއްދޫ ކައުންސިލާއި ހުވަދޫ އެއިޑާއި ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ހޯޑެއްދޫ ނޭޗަރ ޕާކްގެ ބޯޑްވޯކް ތަކާއި ވިޔުއިން ޕްލެޓްފޯމްތައް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ހުވަދޫ އެއިޑުން ފަށައިފިއެވެ.
މިއީ ކުޅިތަކާއި، ގޮނޑޮށް އަދި މޫދުގެ ރީތި ގުދުރަތީ މާހައުލު ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތަކަށް، ބޭނުންކޮށް، އާއިލާތަކަށް ހިންހަމަޖައްސާލަން ދެވޭ ހިއްފަސޭހަ މައިދާންތަކަށް ބަދަލުކުރުމަށް ހޯޑެއްދޫ ކައުންސިލުން ވެފައިވާ ވައުދާއި އެއްގޮތަށް ކައުންސިލްއާއި ހުވަދޫ އެއިޑްއާއި ގުޅިގެން ހިންގޭ މަޝްރޫއެއް ކަމަށެވެ. މިމަޝްރޫއުގެ ދަށުން، ކުޅީގެ ނެތެމުންދާ ގުދުރަތީ ރީތިކަން އާލާކުރުމާއި، ތައުލީމީ، ދިރާސާކުރުމާއި، ހިއްފަސޭހަ މައިޒާނެއްގެ ގޮތުގައި ކުޅިތައް ބޭނުންކުރުމަށް، ކުޅިތަކުގެ ތެރެއަށް ވަދެ ނިކުމެ އުޅެވޭހެން ބޯޑްވޯކް ހެދުމާއި މަޑުކޮށްލައިގެން ތިބޭނެ ޕްލެޓްފޯމުތަކެއް ގާއިމްކުރެވިގެން ދާނެއެވެ.
ތިން އަހަރުގެ މުއްދަތަށް ހިންގޭ މިމަޝްރޫއުގެ ފުރަތަމަ ފޭސް ގައި ހިމެނޭ މަސައްކަތްތައް މިހާރު ފަށާފައިވާއިރު މިފޭސްގެ މަސައްކަތްތަކަށް މިހާތަނަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމެންޓާއި، ގްލޯބަލް ނޭޗަރ ފަންޑުންނެވެ. މިގޮތުން އެޖަމްއިއްޔާއިން ދެކުނު އޭޝިޔާގައި ހިންގާ ޕްރޮޖެކްޓެއްކަމަށްވާ ” ކްލައިމެޓް ރެސިލިއެންޓް ކޯސްޓަލް ކޮމިޔުނިޓީސް އިން ސައުތު އޭޝިޔާ” ގެ ތެރެއިން ހޯޑެއްދޫ ނޭޗަރ ޕާކުގެ ޕޭސް އެކަކަށް އެހީތެރިކަން ފޯރުކޮށްދެއެވެ. ހޯޑެއްދޫ ކައުންސިލުން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭ ގޮތަށް ހުވަދޫއެއިޑް އިން އެކިފަރާތްތަކުގެ އެހީތެރިކަން ހޯދައިގެން ހިންގުމަށް ރާވާފައިވާ ހޯޑެއްދޫ ނޭޗަރ ޕާކް ޕްރޮޖެކްޓަށް އެކިފަރާތްތަކުން އެހީތެރިކަން ހޯދުމުގެ މަސައްކަތް ހުވަދޫ އެއިޑުން އަންނަނީ ކުރަމުންނެވެ. މިގޮތުން މިމަޝްރޫއުގެ ދެވަނަ ފޭސް އަށް ގްލޯބަލް އެންވަޔަރމެންޓް ފެސިލިޓީގެ ސްމޯލް ގްރާންޓްގެ ދަށުން އެހީތެރިކަން ހޯދުމަށްވެސް ހުވަދޫ އެއިޑުން މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް އެފެސިލިޓީގެ އެހީ މިމަޝްރޫއަށް ލިބިފައި ނުވެއެވެ. ގްލޯބަލް އެންވަޔަރެންޓް ފެސިލިޓޫގެ ސްމޯލްގްރާންޓްގެ ދަށުން މިމަޝްރޫއަށް އެހީތެރިކަން ފޯރުކޮށް ނުދޭން ނިންމާފައިވާ ސަބަބުތައް ގަބޫލު ނުކުރާކަމަށާއި، ހުވަދޫއެއިޑާއި މެދު ތަފާތުކުރުންތަކެއް ގެންގުޅޭކަމަށް ބުނެ، ހުވަދޫ އެއިޑުން ވަނީ މިމައްސަލަ އިތުރަށް ބަލައިދިނުމަށް އެދި ހުށަހަޅާފައެވެ.
މި މަޝްރޫއުގައި ހިމެނޭ މުހިންމު ބައިތައް:
- 1392 ފޫޓު ދިގުމިނުގެ ބޯޑްވޯކާއި 11 ވިޔުއިން ޕްލެޓްފޯމްސް ކައުންސިލް އިން ފާސްކޮށްފައިވާ ކުރެހުމައި އެއްގޮތަށް ތަރައްގީކޮށް އެސަރަހައްދަށް ޒިޔާރާތްކުރާ ފަރާތްތަކަށް ހުޅުވާލުން
- އެކި މީޓިން، އަދި ހަފްލާތައް ބޭއްވޭގޮތަށް ނޭޗަރ ޕާކް ޓަވަރ ގާއިމްކުރުން
- 3 ކެނޯ އަދި 3 ޕެޑަލް ބޯޓް ބައްވައި އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ނޭޗަރ ޕާކް ސަރަހައްދު ބައްޓަން ކުރުން
- ކުޅިތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތުގައި ބެލެހެއްޓުމުގެ ދާއިރާއިން 2 ތަމްރީނު ޕްރޮގްރާމް، ރަށުގެ މުއައްސަސާތަކާއި، މަދަނީ ޖަމްއިއްޔާތައް އަދި އާންމުފަރުދުންނަށް އަމާޒުކޮށް ހިންގުން
- މަޝްރޫއު ހިންގާ ސަރަހައްދު އާރޯކޮށް، ގަސް މަރުވެފައިވަ ސަރަހައްދުގެ 90 އިންސައްތަ ފެހިކުރުން. މިގޮތުން ކުޅިގައި ހެދޭ އެކިވައްތަރުގެ ގަސް ހިމެނޭހެން 2000 ގަސް އިންދައި އެސަރަހައްދު ސާފުކޮށް ޗަކަ ނަގަންޖެހޭ ސަރަހައްދުތަކުގެ ޗަކަ ނެގުން
- ކުޅިތަކުގެ މުހިންމުކަމާއި ގުޅޭގޮތުން ރައްޔަތުން ހޭލުންތެރިކުރުން
- ކުޅި ހިމަޔަތްކޮށް ބެލެހެއްޓުން ރަށުތަރައްގީގެ ޕްލޭންގައި ހިމެނުމާއި އެކަމަށް ބޭނުންވާ ގަވާއިދުތައް ހެދައި ތަންފީޒުކުރުމުގައި ކައުންސިލަށް އެހީތެރިވެދިނުން ހިމެނެއެވެ.
އިތުރު މައުލޫމަތު ހޯއްދެވުމަށް، އިމާދު މުހައްމަދު 7662474 އަށް ގުޅުއްވާ!

