ވޯލްޑް ކަޕް ކާމިޔާބުކުރުމަށްފަހު އާޖެންޓީނާ ޓީމު ގައުމަށްގޮސް އެތައް މިލިއަން ސަޕޯޓަރުންނާއެކު އުފާފާޅުކުރުމަށް ބޭއްވި އޯޕަން ޓޮޕް ބަސް ޕެރޭޑް ދޫކޮށްލައި ، ހެލިކޮޕްޓަރު ދުއްވާލަން މަޖުބޫރު ވެއްޖެއެވެ.
ސްކޮޑުން ތަށި ދައްކާލީ ރޭވިގެން އަށް ގަޑިއިރުގެ ދަތުރެއް ފަށަމުންނެވެ.
ނަމަވެސް ތޮއްޖެހިފައިވާ މަގުތަކުގައި އުފާފާޅުކުރުންތައް އިތުރަށް ހަލަބޮލިވެ، އަލުން ވިސްނަން މަޖުބޫރުވިއެވެ.
ރިޔާސީ ތަރުޖަމާނު ގެބްރިއެލާ ސެރޫޓީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މީހުން ގިނަވެ، އުފާވެރިކަން ބޮއްސުން ލުމުގެ ސަބަބުން ބިންމަތީގައި ދަތުރުކުރުމަކީ ނާދިރު ކަމެއް ކަމަށެވެ.
ސޯޝަލް މީޑިއާގެ ވީޑިއޯތަކުން ފެންނަ ގޮތުގައި ސަޕޯޓަރުން ކުޅުންތެރިން ގޮވައިގެން ދަތުރުކުރި ބަހުގެ މަތީ ޑެކަށް އެއް ފަހަރާ އެތައް ބަޔަކު ދިޔައީ އަރަމުންނެވެ. އަދި ބްރިޖެއްގެ ތިރިން ދިޔަ ވަގުތު ބަހުގެ ޑެކަށް ފުންމާލި މީހަކު ބިންމައްޗަށް ވެއްޓިފައި ވެއެވެ.
އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އާއި އޭނާގެ ޓީމުގެ ކުޅުންތެރިން ފްރާންސްގެ މައްޗަށް ކުރި ހޯދުމާ ގުޅިގެން އާޖެންޓީނާ ސަރުކާރުން ވަނީ އަންގާރަ ދުވަހަކީ އެގައުމުގެ ގައުމީ ބަންދު ދުވަހެއް ކަމަށް ނިންމާފައެވެ.އެގައުމުގެ ސަރުކާރުން އަންދާޒާ ކުރާ ގޮތުގައި 4 މިލިޔަނެއްހާ މީހުން އާޖެންޓީނާގެ މަގުތަކަށް ނުކުމެފައި ވެއެވެ.
އަންގާރަ ދުވަހުގެ ފަތިހު ގަތަރުން ގައުމަށް އައުމަށްފަހު އާޖެންޓީނާ ފުޓްބޯލް އެސޯސިއޭޝަން (އޭއެފްއޭ) ގެ ޓްރެއިނިން ކޮމްޕްލެކްސްއިން ކުޅުންތެރިން ނުކުތީ 20 މޭލުގެ ދަތުރެއް ފެށުމަށެވެ.
އެ ދަތުރު ނިންމާލުމަށް ހަމަޖެހިފައި އޮތީ އެ ދުވަހުގެ ރޭ، އެތައް ސަތޭކަ ހާސް ބަޔަކު އެއްވެ ޕާޓީ މާހައުލެއް އުފައްދަމުން ދިޔަ ވެރިރަށުގެ އައިކޮނިކް އޮބެލިސްކް މޮނިއުމެންޓަށެވެ.
ނަމަވެސް އުފާފާޅުކުރުމުގެ ހަރަކާތްތައް މާ ބޮޑަށް ހަލަބޮލިވުމުން ސަލާމަތީ ބާރުތަކުން އެ ބަސް މަންޒިލަށޤ ދަތުރު ކުރުމަށް ފުރުސަތު ނުދިނެވެ.
އާޖެންޓީނާ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ވަނީ ހުރިހާ ކުޅުންތެރިންގެ ފަރާތުން ނިހާޔަތަށް މައާފަށް އެދުމާއެކު އެއީ ލަދުވެތިކަމެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

