އަފްޣާނިސްތާނުގެ ޔުނިވާސިޓީތައް އަންހެނުންނަށް ބަންދުކުރަން ތާލިބާނުން އިއުލާނުކޮށްފައިވާ ކަމަށް އެގައުމުގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ އެއީ ވަކި ގޮތެއް އަންގަންދެން އެޅި ފިޔަވަޅެއް ކަމަށެވެ. އަދި މިހާރުން މިހާރަށް އަމަލުކުރަން ފަށާނެ ކަމަށެވެ.
ގިނަ ސެކަންޑަރީ ސްކޫލްތަކުން މިހާރުވެސް އަންހެނުން ބާކީކޮށްފައި އޮތުމުން ރަސްމީ ތައުލީމު ހާސިލް ކުރުމަށް ވެސް ވަނީ ހުރަސް އެޅިފައެވެ.
ކާބުލް ޔުނިވާސިޓީގެ ދަރިވަރަކު ބުނީ އެ ޚަބަރު ލިބުނު ފަހުން ރުއިން ހުއްޓާލާފައި ނުވާ ކަމަށެވެ.
މީގެ ތިން މަހެއްހާ ދުވަސް ކުރިން އަފްޣާނިސްތާނުގެ އެކި ކަންކޮޅުތަކުގައި ޔުނިވާސިޓީތަކަށް ވަނުމުގެ އިމްތިހާނުގައި އެތައް ހާސް އަންހެން ކުދިންނާއި އަންހެނުން ބައިވެރިވި އެވެ.
މިދިޔަ އަހަރު ތާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާން ދިއުމަށްފަހު ޔުނިވާސިޓީތަކުން ވަނީ އަންހެން ކުދީންނާއި ފިރިހެން ކުދިންނަށް ވަކިން ކިޔަވައިދޭ ގޮތަށް ހަމަޖައްސާފައެވެ.
އަންހެން ދަރިވަރުންނަށް ކިޔަވައިދެވޭނީ އަންހެން ޕްރޮފެސަރުން ނުވަތަ މުސްކުޅި ފިރިހެނުންނަށެވެ.
އެންމެ ފަހުން އެޅި ފިޔަވަޅުތަކަށް ރައްދު ދެމުން ޔުނިވާސިޓީގެ އަންހެން ދަރިވަރަކު ބުނީ އަންހެނުންނާއި އެމީހުންގެ ބާރުދެކެ ތާލިބާނުން ބިރުގަންނަ ކަމަށް ގަބޫލުކުރާ ކަމަށެވެ.
“އެމީހުން ހަލާކުކޮށްލީ އަހަރެންގެ މުސްތަގުބަލާ، އަހަރެން ގުޅާލެވޭނެ ހަމައެކަނި ބްރިޖް،” އޭނާ ބުންޏެވެ.
“އަހަރެން ކިހިނެއް ރިއެކްޓް ކުރާނީ؟ އަހަރެން ގަބޫލުކުރީ ކިޔެވުމާއި މުސްތަގުބަލު ބަދަލުކޮށްލެވިދާނެ ކަމަށް ނުވަތަ ދިރިއުޅުމަށް އަލިކަން ގެނެސްދެވިދާނެ ކަމަށް ނަމަވެސް އެމީހުން އެކަން ހަލާކުކޮށްލީ.”
ތާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާނު ދިއުމަށްފަހު ތައުލީމީ ދާއިރާއަށް ވަރަށް ބޮޑަށް ވަނީ ބަދަލު ގެނެސްފައެވެ. މިދިޔަ އަހަރު އެމެރިކާ ސިފައިން އެގައުމުން ފޭބުމާ އެކު ތަމްރީނު ލިބިފައިވާ އިލްމުވެރިން ވަނީ ގައުމަށް ހިޖުރަކޮށްފަ އެވެ.

