މާލެ އާއި ހުޅުމާލޭގައި ފުލުހުން ކުރިއަށް ގެންދިޔަ ޑްރަގް އޮޕަރޭޝަނެއްގައި 6.8 ކިލޯގެ މަސްތުވާތަކެއްޗާ އެކު 17 މީހަކު ހައްޔަރުކޮށްފި އެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު މާލެ އާއި ހުޅުމާލޭގެ 10 ތަނެއްގައި ހިންގި ބަލާފާސްކުރުމެއްގައި 6.8 ކިލޯގެ މަސްތުވާތަކެއްޗާއި 933،430 ރުފިޔާ އަތުލައިގެންފައިވާ ކަމަށެވެ. އަދި އެ ބަލާފާސްކުރުމުގެ ތެރެއިން 17 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސީޕީ ވިދާޅުވި ގޮތުގައި ހައްޔަރުކުރީ މަސްތުވާ ތަކެތީގެ ޓްރެފިކް ކުރުމުގައި މަޝްހޫރު ގްރޫޕެއްގެ ބައެކެވެ.
މިމައްސަލައިގަ ހައްޔަރު ކުރި މީހުންގެ ވަނަވަރު ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ސީޕީގެ ޓްވިޓާއެކު، ޖޫސްޕެޓީ ކޮތަޅުތަކެއްގައި ބަންދުކޮށްފައިވާ މަސްތުވާތަކެއްޗާއި ބޮޑެތި ޕެކެޓްތަކެއްގައި ރައްކާކޮށްފައިވާ މަސްތުވާތަކެތީގެ ފޮޓޯތަކެއްގެ އިތުރުން ގިނަ އަދަދެއްގެ ފައިސާ ރައްކާކޮށްފައި ހުރި ފޮޓޯ ތަކެއް ވަނީ އާންމުކޮށްފަ އެވެ.

