ކޮންމެ ގެ އެއްގެ ބިންގަލަކީ ވާހަކަ ފޮތުގައި އެ އޮންނަ "ހަޤީޤީ ލޯބި" ކަމުގައި ވާކަން ނުޖެއެވެ. ފޮތުގައި އެއޮންނަ ހަޤީޤީ ލޯބި ހޯދަން މުޅި އުމުރު ހޭދަކުރިޔަސް އެކަމުން ވާނެ އެއްވެސް ފާއިދާއެން ނެތެވެ. ހަޤީޤަތުގައި މުޖުތަމައު ތެރޭގައި ހަޤީޤީ ލޯބި މާނަކުރެވިފައި މިވަނި މުޅިން ރަގަޅަކަށް ނޫނެވެ. ތިބުނާ ހަޤީޤީ ލޯބީގެ ސަބަބުން ތިމާޔަށް ހުރީ ގެއްލުމާއި ހަލާކެވެ.
މިއީ ހަޤީޤަތެވެ. ތިމާއަށް އެނގިހުރެ ފާފަތަކަން އަރައިގަނެއެވެ. އެނގޭ ހެއްޔެވެ؟ އެކަމުގައި އެއްވެސް ހެވެއް ނުވާ ކަމަކީ ބޮޑު ވެގެންވާ ހުތުރު ފާފަ އެކެވެ. ނަހަލާލު ގުޅުމަކުން އެއްވެސް މަންފާއެއް ކުރާނޭ ކަމަށް ތިބާ އުއްމީދު ވެސް ނުކުރާށެވެ. ވަގުތީ އުފަލަކީ ދުނިޔެއާއި އާޚިރަތުގައި ތިމާ އަށް ލިބޭނެ ވޭންދެނެވި އަޒާބެކެވެ. މިކަމަކީ ކުޑަ ކަމެކޭ ހިތާ ދޫކޮށް ނުލާށެވެ. މިކަމަށް ރައްކާތެރި ވާށެވެ. ހަލާލު ގޮތުގައި ނޫނީ ތިބާ އުފަލެއް ލިބި ނުގަންނާށެވެ. ލިބޭ ވަގުތީ އުފަލަކުން ނަރަކައިގެ ވޭން ދެނިވި ޢަޒާބަށް ތިބާގެ ހަށިގަނޑު ހުށަހެޅިގެން ހިނގައިދާނެ އެވެ. ބިރުވެތިވާށެވެ. ހަލާލު ރަނގަޅު ގޮތުގައި ނޫނީ އެކަކު ކިބައިން އަނެކަކު އަރާމެއް ލިބި ނުގަންނާށެވެ.
ހަޤީޤަތުގައި ހަޤީޤީ ލޯބި ފެށިގެން ދާން ޖެހޭ ހިސާބަކީ ކައިވެނީގެ ފުރަތަމަ "ރޭ" ކުރެވޭ ދުވަހުން ފެށިގެންނެވެ. އެއީ އެދިރިއުޅުމުގެ ފުރަތަމަ ގުޅުމެވެ. އަދި އެފަދަ ގުޅުމެއް އެހެން މީހަކާ އެއްކޮށް ކައިވެނީގެ ބޭރުން ހިންގާފައި ނުވާނަމަ އެ ވަގުތަކީ މުޅި ހަޔާތުގައި ކުރެވޭ އެންމެ އުފާވެރި، ޚާއްސަ ތަޖުރިބާ އެކެވެ. އެކަމުގެ ސަބަބުން ލޯތްބާއި އިތުބާރު އިތުރު ވެގެން ދާނެއެވެ. އަންހެން ކުއްޖާގެ ގަނޑުވަރަކީ އޭނާގެ ފިރިމީހާގެ ގެ އެވެ. އެގަނޑުވަރުގެ ރާނީ އަކީ ކައިވެނި އަގުދުކުރެވޭ އަންހެނާ އެވެ.
ގަނޑުވަރުގެ ރާޖާއަކީ ފިރިމީއެވެ. އެގަނޑުވަރުގެ ބަގީޗާގައިވާ ރީތި ގަސްތަކަކީ ކައިވެނީގެ ފޮނި މީރު ކަމުގެ މޭވާ ތަކެވެ. އެ ބަގީޗާގައިވާ ގަސްތަކަށް ފެންދީ ބަލަހައްޓަން ޖެހޭނީ ރާނީ އާއި ރާޖާ އާ ދެމީހުން ނެވެ. ގަސްތަކަށް ޖެހޭ ބަލިތަކަށް ފަރުވާ ދިނުމާއި ކާނާ ދިނުމާއި މި ހުރިހާ ކަމެއް ހަމަހަމަ އުސޫލުގެ މަތިން ބަލަހައްޓަން ވާނެއެވެ. މަޑުމަޑުން ގުލްޝަން ތެރޭގައި ފޮޅިފައިވާ ފިނިފެން މަލެއް ފަދައިން ތިބާ އިންނާށެވެ. އެގަސްތައް އާރޯވެ މާތައް އަޅާ މޭވާތައް ދޮންވެ ފައްކާ ވަންދެންނެވެ. ބަގީޗާގައި ހެދިފައިވާ ތަފާތު ގަސް ތަކުން ހިތަށް އުފާވެރިކަން ލިބިގެން ދާނެއެވެ. ތަފާތު ގަސްތަކުން ތަފާތު މޭވާގެ ފޮނި މީރުކަން، އަރުތެރޭގައި، ދުވަސްތައް ފާއިތުވަމުން ދާހެން ލަމުންދާނެއެވެ. ބަގީޗާގައި ފޮޅިފައިވާ މާމެލާ މެލީގެ މީރުވަހުން ހިތްފުރި އުތުރި އަރަމުންދާނެވެ.
ކައިވެނީގެ ފުރިހަމަ އުފަލަކީ މިއީއެވެ. ތިމާގެ ގަނޑުވަރު ކިހާ ލޯބި ހެއްޔެވެ؟ ތިމާ ހޯދައިގަތް ކަމެއް ތިމާއަށެވެ. އެހެން މީހަކަށް ނޫނެވެ. ކެތްތެރިވެ ހަމްދާ ޝުކުރުކުރުން މަތީ ދެމި ހުންނާށެވެ. ދުނިޔޭގެ ޒީނަތްތެރި ކަމަށް ނުހެއްލޭށެވެ. ﷲ ގެ މަގުގައި ތެދުވެރި ކަމާއެކު ސާބިތުވެ ހުންނަވާށެވެ. ކައިވެނީގެ ބޭރުން ލިބެމުންދާ ދަޢުވަތު ތަކަށް ފާޅުގައި ނޫނެކޭ ބުނާށެވެ. އިންކާރު ކުރާށެވެ. މާޒީގެ ސަފްޙާތައް ހާވާ ބަލާނެ ކަމެއް ނެތެވެ. ތިބާގެ މަންޒިލަކީ ހަމަ އަހަރެންގެ ވެސް މަންޒިލެވެ. މިފަނާ ވަނިވި ދުނިޔެ އަކީ ކުޑަ ހިނދުކޮޅެކެވެ. ހެޔޮ މަގަށް އެނބުރި އަންނާށެވެ. ވަގުތު ފާއިތުވެ ނުދަނީސް ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ބޭނުން ކުރާށެވެ. ހަޤީޤީ ލޯތްބަކީ ކައިވެނީގެ ފޮނި މީރުކަމެވެ. ޙަލާލު ގޮތުގައި ލިބޭ އުފަލާއި އަރާމެވެ.
އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ހެޔޮއެދޭ މިތުރުންނޭވެ! ޙަޤީޤީ ލޯތްބަކީ އެއްވެސް ޙާލެއްގައި ލިޔުންތެރިޔާ އޭނާގެ ފަށުވި ބަސްތަކުން އެކިޔައިދޭ "ފުރަތަމަ ނަަޒަރުން" "ފުރަތަމަ ޖުމްލައިން" ވެވޭ ލޯތްބެއް ނޫނެވެ. އެޔަށް އެބައި މީހުން ކިޔައި އުޅެނީ "އޮޓޮމެޓިކަލީ ފޯލް އިން ލަވް" އުނހު ނޫން، ރަނގަޅު ގޮތަކީ "ޝައިތާނިކަލީ ފޯލް އިން….ބާކީ ބައި މިއަންނަނީ "ހެލް" ނަރަކައިންނެވެ. އެހެންކަމުން ވަގުތު މާ ލަސްނުވަނީސް ހޭލާށެވެ. ދެނެގަންނާށެވެ. ޙަޤީޤީ ލޯތްބަކީ ކައިވެނީގެ ގުޅުމުން އުފަންވާ ލޯތްބެވެ.

