މި ލޯބިވެތި ތަސްވީރުން އެތައް ވާހަކަ ތަކެއް އެބަ ކިޔައި ދެއެވެ. އިރު ވެސް އޭގެ ވާޖިބު އަދާ ކުރުމުގައި ދެމި ހުންނަނީ ވަކި ވަގުތަކަށެވެ. ކޮންމެ ދުވަހަކު ވެސް އިރު އޭގެ ދަތުރު ފަށަނީ ފަތިހަށް ފަހު އަބަދުވެސް ދަތުރު ފަށާ މަންޒިލުންނެވެ. ދުވާލުގެ ދަތުރު ނިންމާލުމަށް ފަހު ވަރުބަލިކަން އެބިމަށް ދޫކޮށްފައި، ތާޒާކަމާއި "ބުންވަރު" ހިފައިގެން އިރު އެހެން ބިމަަކަށް ދިއުމަށް، ދުވަސް ހޭދަކުރި ބިމަސް "ވަދާއު" ކިޔައެވެ. މިއީ އިލާހީ ޤާނޫނެވެ. ދުނިޔެ ދައުރު ވެ ޤިޔާމަތް ވުމާ ހަމައަށް އިރާއި ހަނދުގެ މި ދައުރަށް ބަދަލެއް ނާންނާނެ އެވެ. ‘ހަނދާން ނެތިގެން، އޮޅިގެން، ނޭނގިގެން، ދުވަހަކުވެސް އެހެން ތަނަކުން އިރެއް ނާރައެވެ. ނުވެސް އޮއްސޭ މެއެވެ.
ﷲ ގެ ކުޅަދުންވަންތަ ކަން ނިކަން ދެކި ބަލާށެވެ. މި އާލަމުގައި ނެތި ފަނާވެ ނުދާނެ އެއްވެސް މަޚްލޫގެއް ﷲ ސުބުޙާނަހޫ ވަތަޢާލާ ނު ލައްވައެވެ. ކޮންމެ އިންސާނަކީވެސް ވަގުތު ޖެހުމުން ދާންޖެހޭނެ އިންސާނެކެވެ. އަހަރެންގެ ތާ އަބަދުގެ ދުޢާ އަކީ ލޯބިވާ މަންމަ އާއި ލޯބިވާ ދަރިފުޅާއި ލޯބިވާ މާމަ އާއި ލޯބިވާ ބޭބެ އާ ޖަންނަތުލް ފިރުދައުސް ބައްދަލުވުމެވެ. އެ ޖަންނަތުގެ އުފާ ނިމުމެއް ނެތެވެ. އެއީ ނިމުމެއް ނުވާ މަންޒިލެކެވެ. މި ވަގުތީ ކެހިވެރި ދުނިޔެއިން ކޮންމެ އިންސާނަކު ވެސް ނެތިފަނާ ވެދާނެ އެވެ. މިފަނާ ވަނިވި ދުނިޔޭގައި ހޭދަ ކުރެވުނު މަދު ދުވަސް ކޮޅުގައި ހިތްދަތި އެތަކެއް ތަޖުރިބާ ތަކެއް ވަނީ ލިބިފަ އެވެ. އެއީ ހިތްދަތި ވޭނީ އާހް… ތަކެކެވެ. އެ ޞޮފްޙާ ތަކެއް އަލުން ހުޅުވާކަށް ނެތީމެވެ. ވޭނީ އާހު ތަކުގެ ހިތި ރަހަ އަރު ތެރެއިން ފިލައި ނުދާނެތީ އެވެ. ދުނިޔެ އާ ބައްދަލު ކުރާ ކޮންމެ ދުވަހަކީ ވެސް ލިބިދޭ އާ ފިލާވަޅެކެވެ. މިތަނުގައި އީމާންތެރި އިޚްލާޞް ތެރިންނާ ބައްދަލު ވާނީ މަދު ފަހަރަކު އެވެ. މި ކެހިވެރި ދުނިޔޭގައި ހިނިތުން ވެފައިވާ މޫނު ތަކެއް ވެއެވެ. އެހެނަސް އެ ހިނިތުން ވުމުގެ ފަހަތުގައި ވަނީ ނަފްރަތާއި ރުޅިވެރިކަމާއި ހަސަދަވެރި ކަމެވެ. މިތާގައި ހެވާއި ނުބައި ވަކި ކުރަން ނޭނގޭ ވަރަށް އޮޅުވާލުން ތަކެއް ވެއެވެ.
ލޯބިވާ މަންމާއެވެ! އިންތިހާއަށް މަންމަ ބޭނުމެވެ. ބައްޕަގެ ހިމާޔަތާއި ލޯބި ބޭނުންވި ހިނދު އެ ހުސް ތަންތަން ފުރާލަ ދިނީ ވެސް ހަމަ ތިޔަ ލޯބިވާ މަންމައެވެ. މަންމަދެކެ އިންތިހާ އަށް ލޯބިވަމެވެ. ތިޔައީ މިލޮލުގެ ނޫރެވެ. މަންމާ އެވެ! މަންމަ ގައިގައި ބައްދާލަން ބޭނުންވަމެވެ. ލޯބިވާ މާމާއެވެ! ތިޔައީ ދެ ދުނިޔޭގެ ވެސް އެންމެ ގާތް އެކުވެރިޔާ އެވެ. އަހަރެން އުޅުމާއި އަޚުލާގުގެ މިސާލަކީ ތިއީ އެވެ. ތިޔައީ އޯގާތްތެރި ލޯތްބެވެ. ލޯބިވާ ބޭބެއެވެ! ތިޔައީ ކަތި ފިޔަވަޅު ސީދަލަން އަޅަން ދަސްކޮށް ދެއްވި ނަސޭހަތުގެ މަދަދުގާރެވެ. އިޙްތިރާމްގެ ނަމޫނާ އެވެ. ތިމާ ދެކެ ލޯބިވާ މީހުން އަބަދު ކައިރީގައި ނުތިބޭނެ އެވެ. އެހެނަސް ލޯބިވާ މީހުން ވަކިވެ ދިޔުމަކީ ހިތަށް ތަސައްލީ ލިބޭނެ ކަމެއް ވެސް ނޫންމެވެ. އަހަރެން ﷲ އަށްޓަކާ ކެތްތެރި ވާނަމެވެ. ﷲ ގެ މަގުގައި ތިޔަ މޭސްތިރިން ދަސްކޮށް ދެއްވި މަގުން ހިނގާނަމެވެ. ޔާ ﷲ މިއަޅާޔަށް ސާބިތުކަން ދެއްވައި އިބަ އިލާހުގެ ރުއްސެވުން ލިބިގެންވާ އަޅުން ތެރޭގައި މިއަޅާ ލައްވައި ފާނދޭނވެ! ކޮންމެ މީހަކު ވެސް ތިމާ އާ މަރު އައިސް ބައްދަލު ވުމުގެ ކުރިން އެ ދަތުރަށް ތައްޔާރު ވެގެން ހުންނާށެވެ. އެ ދަތުރުގެ ކާނާ އަކީ ނަމާދު ކަމުގައި ހަދާށެވެ. ނަމާދު ކުރުން މަތީ ޤާއިމު ވެ ހުންނާށެވެ. ﷲ އަށް ތަޤްވާވެރި ވާށެވެ. އެކަނލާގެއަށް ހިތް ނިޔަތް ޚާލިސް ކުރާ ހާލުގައެވެ.

