ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން، ވ. އާރަށު މައްސަލާގައި އުފުލި ދެ ދައުވާ ވެސް ސާބިތުވެ، އެމަނިކުފާނު 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހަވީރު ހުކުމް ކޮށްފި އެވެ.
ޔާމީންގެ މައްޗަށް ދައުލަތުން އުފުލީ، (ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ކުރި މުއާމަލާތާ ގުޅިގެން) މަނީލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ.
މަނީލޯންޑަރިންގެ ދައުވާ ސާބިތުވެ އެމަނިކުފާނަށް އިއްވީ ހަތް އަހަރުގެ ޖަލު ހުކުމެކެވެ. އަދި އެ ކުށުގެ އަދަބެއްގެ ގޮތުން ފަސް މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާ ވެސް ކުރި އެވެ. ޖޫރިމަނާގެ ފައިސާ މިއަދުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ހަލާސް ކުރުމަށް ވެސް އެ ހުކުމުގައި ޔާމީނަށް އަންގާފައި ވެއެވެ.
އެ މައްސަލާގައި ދައުލަތުން އެދުނީ 19 އަހަރުގެ ޖަލު ހުކުމަކަށެވެ. އެއީ ރިޝްވަތުގެ ކުށުގައި 8 އަހަރުގެ ޖަލު ހުކުމެއް އަދި މަނީ ލޯންޑްރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ އެކު، ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް އިއްވުމަށެވެ. ނަމަވެސް އެ މައްސަލަ ބެއްލެވި އިސްގާޒީ އަހުމަދު ޝަކީލް ނިންމެވީ ރިޝްވަތުގެ ކުށުގައި ހަތަރު އަހަރަށް ޖަލަށްލުމާއި މަނީ ލޯންޑްރިންގެ ކުށުގައި ހަތް އަހަރަށް ޖަލަށް ލުމަށެވެ.
މަނީ ލޯންޑްރިންގގެ ގާނޫނުގެ ދަށުން އެ ކުށުގެ އަދަބަކީ ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށްވާތީ ކުށްކުރި ގޮތަށް ބަލައި، އިސްގާޒީ ނިންމެވީ ހަތް އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކަނޑަައެޅުމަށެވެ. ޖޫރިމަނާ ފައިސާ ހަ މަސް ތެރޭގައި ދައްކަން އެންގެވި އެވެ.
ޔާމީނަށް ރިޝްވަތު ދިންކަން ސާބިތުވި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް އިއްވީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އޭނާގެ ކުށުގެ ރެކޯޑާއި ސިއްހީ ހާލަތާއި ދިރިއުޅުމުގެ ހާލަތަށް ބެލުމަށްފަހު އަދަބު ލުއިކުރަން އެދިފައި ވެއެވެ. އެކަމަކު، ރޭވިގެން ކުށް ކޮށްފައިވާތީ އާއި އޭރުގެ ރައީސުލް ޖުމްހޫރިއްޔާ ބޭނުންކޮށްގެން ކުށް ކޮށްފައިވާތީ ޔޫސުފް ނައީމްގެ އަދަބު ލުއި ނުކުރެވޭނެ ކަމަށް އިސްގާޒީ ކުރެއްވި ހުކުމުގައިވެ އެވެ.
އަދަބާ ބެހޭގޮތުން ޔާމީންގެ ފަރާތުން ވާހަކައެއް ނުދެއްކެވި އެވެ. ސަބަބެއްގެ ގޮތުގައި ވަކީލުން ވިދާޅުވީ އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުން އެހެން ދުވަހަކަށް ފަސް ނުކުރާތީ އެވެ.
ސާބިތުވި މި ދެ މައްސަލާގައި އިދިކޮޅު ލީޑަރު ޔާމީންގެ މައްޗަށް އައި މި ހުކުމް ދެމިއޮތްހާ ހިނދަކު، އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެ މަނިކުފާނަށް ގެއްލޭނެ އެވެ.
މީގެ ކުރިން ގއ. ވޮޑަމުލާ ކުއްޔަށް ދިން މައްސަލާގައި ވެސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރު އިއްވިއެވެ. އެ ހުކުމް ސުޕްރީމް ކޯޓުން މިދިޔަ އަހަރު ބާތިލްކޮށް، އެމަނިކުފާނު ވަނީ މިނިވަން ކޮށްފައެވެ.

