ރިސޯޓުގެ ރަސްމީ ގަޑީގައި އެތަނުގެ ރެސްޓޯރެންޓް ގައި ވެއިޓަރެއްގެ ވަޒީފާ އަދާ ކުރަމުން ރިސޯޓުގެ އެދުމަށާއި ސްޓާފުންގެ އެދުމަށް އެއްވެސް ބުރަކަމެއް ނެތި ޑީޖޭ ޖައްސާ މައިކަލް އަކީ ތަފާތު އެހެން ހުނަރެއް ވެސް ލިބިފައިވާ ޒުވާނެކެވެ. ޙަޤީޤަތަށް ބުނާނަމަ ޑީޖޭ އަށްވުރެ އެނާގެ ކުޅަދާނަ ކަން ނެށުމުގައި މާ ބޮޑަށް ވެސް މޮޅުވެދައި ތަޖުރިބާ އާއި ހުނަރުވެރިކަން ވެސް މާ ފުރިހަމަ ކަމުގައި ބުނެވިދާނެއެވެ.
އިނގިރޭސި ޕޮޕް ލަވަ ތަކަށް ނެށުމަށް އެނާ ޝައުގުވެރިވާން ފެށީ ގދ އަތޮޅު ތަޢުލީމީ މަރުކަޒު ގައި ކިޔަވަމުން ދިޔަ ދުވަސްވަރުއެވެ. ސްކޫލް ނިމުމާއި އެކު ރަށުގައި ބާއްވާ ސްޓޭޖް ޝޯވ ތަކަށް އޭނާ އަރަން ފެއްޓުމާއި އެކު އޭނާގެ ތަފާތު ހުނަރު ފާހަގަވެ، މައިކަލް ޒީ ގެ ނަމުން އޭނާ ރަށަށް މަޝްހޫރު ވި އެވެ. އޭނާގެ ނެށުމުގައި އެންމެ ބޮޑަށް ފާހަގަ ކުރެވޭ ކަމަކީ ތޮފި ބޭނުން ކޮށްގެން ހަދާ ޖިގްލިންގ އެވެ. ދުނިޔޭގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ މައިކަލް ޖެކްސަން ނެށުން ތަކުގައި ގެންގުޅޭ ހަރަކާތްތަކާ ދާދި އެއްގޮތް ހަރަކާތްތައް ދައްކާ މައިކަލް ޒީ އަކީ ތިނަދޫ ގައި ބޭއްވި ވަރަށް ގިނަ ޝޯވ ތަކުގައި އޭނާގެ ތަފާތު ނެށުން ދައްކާ އަދި ބެލުންތެރިން ސަމާލުކަން ހޯދާފައިވާ މޮޅު ފަންނާނެކެވެ.

މައިކަލް ޒީ ޑީޖޭއެއްގެ ތެރޭގައި
"ނެށުމުގައި އަހަރެން ގެންގުޅެނީ އަހަރެންގެ އަމިއްލަ ސްޓެޕްސް. ލަވަޔާއި މިއުޒިކް އެރޭންޖް ކުރާނީ ވެސް އަހަރެން އަމިއްލަޔަށް. ލަވަޔަކަށް ނުކުންނާނީ ވަރަށް ތައްޔާރުވެގެން…" ނެށުމުގައި ހުއްޓުމެއްނެތި 15 އަހަރު ހޭދަކޮށްފައިވާ މައިކަލް ކިޔައިދިނެވެ.
ސްކޫލް ނިމުމާއި އެކު އާމްދަނީ ހޯދުމަށް ރިސޯޓް އަށް ދިޔަ ގޮތަށް އަދިވެސް އޭނާ އުޅެނީ ރިސޯޓް ލައިފް ގައެވެ. އާއިލާގައި 9 މެމްބަރުން ތިބި އިރު އިބްރާހިމް އަހުމަދު ވަސީމް އަކީ އާއިލާ ދެކެ ލޯބިވާ ލިބޭ އާމްދަނީ އެ އާއިލާ އާއި އެންމެ ބޮޑަށް ހިއްސާ ކުރާ އެކަކެވެ.
މީހަކާ އިނުމުގެ ވިސްނުމެއް އަދި ނުގެންގުޅޭ މައިކަލްގެ އިންޓަރވިއު ނިންމާލީ ހުވަދު އަތޮޅަށް އުފާވެރި ޚަބަރެއް ދީފައެވެ. 2023 ނުވަތަ އާ އަހަރު އޭނާ ފަށާނީ ހުވަދު އަތޮޅުގެ ރިސޯޓެއް ކަމަށްވާ "ރަފޭލްސް" އަށް ވަޒީފާ ބަދަލުކޮށް ރަށާއި އަތޮޅުގައި އޭނާގެ ނެށުމާއި ޑީޖޭ ހުށަހެޅުމަށް ތައްޔާރު ވެގެންނެވެ.
މައިކަލް ޒީ ހުނަރުވެރިކަން ބަލާލަން ބޭނުންވާ ފަރާތްތަކަށް މިއީ ވަރަށް އުފާވެރި ޚަބަރެއް ކަން ޔަޤީނެވެ.

