ހުވަދޫ ގެ ވިޔަފާރި އާއި ތަރައްޤީ މައި ހަބު ކަމަށްވާ ގދ ތިނަދޫގައި ދިވެހި ސަރުކާރުން އިންޑަސްޓްރިއަލް މަސައްކަތް ތަކަށް ޚާއްޞަ ކޮށްގެން ތައްޔާރު ކުރާ ޒޯން ގައި ޕްލޭން ކުރެވިފައިވާ ގޮތަށް ޢަމަލީ މަސައްކަތް ހިފަން ފަށައިފި ނަމަ އެތަން ވެގެން ދާނީ ތިނަދޫ އާއި މުޅި ހުވަދު އަތޮޅަށް އަދި ރާއްޖޭގެ ދެކުނަށް ވެސް ލިބިގެން ދާނެ ވަރަށް ބޮޑު ކުރިއެރުމަކަށެވެ. ތިނަދޫ ގައި ހެދަމުން ދިޔަ ކަސްޓަމް ޕޯޓާއި އެމްޕީއެލްގެ އޭރިއާ ގެ އިތުރު އަމިއްލަ ފަރުދުންނާއި ސަރުކާރު ކުންފުނި ތަކުގެ ވިޔަފާރި ތައް އެބިމަށް ފެތުރިއްޖެ ނަމަ ތިނަދޫ އިންޑަސްޓްރިއަލް ޒޯނެ ނުވަތަ ޓީއައި ޒޯން ވެގެން ދާނީ އަތޮޅުގެ އިގްތިސާދީ ދުވެލި އިތުރު ގިޔަރަކަށް ލެވޭނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް މިހާރު ވަނީ ޓީއައި ޒޯން ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މަސައްކަތަށް ކަނޑައަޅާފައިވާ މުއްދަތަށް ނިންމުމަށް އެމްޓީސީސީ އިން ދަނީ ރޭއާ ދުވާލު މަސައްކަތް ކުރަމުންނެވެ.

ތިނަދޫ އިންޑަސްޓްރިއަލް ޒޯނެ TIZ ގެ ގޮތުގައި ތައްޔާރު ކުރާ ބިމުގެ މަސައްކަތް އެމްޓީސީސީ އިން ކުރިޔަށް ގެންދަނީ….ފޮޓޯ: އެމްޓީސީސީ
ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ.
ޓީއައި ޒެޑް ( TI Z ) ތަރައްޤީ ކުރަނީ ތިނަދޫ ދެކުނު ބަނދަރުގެ އިރުމަތީ ފަޅު ތެރޭގައި ގޭސް ޕްލާންޓްގެ އުތުރަށް ވާހެންނެވެ. ގޭސް ޕްލާންޓްގެ އިރުމަތިން ކުޑަ ބްރިޖަކުން ޓީއައި ޒޯން އަށް ދަތުރު ކުރެވޭ ގޮތަށެވެ. ތަހުޒީބީ ނަޒަރަކުން އެ ކުރެހުމަށް ބަލައިފި ނަމަ މިއީ ތިނަދޫ އަށް ލިބޭ އިތުރު ރީތި ކަމަކާއި ރަށުގެ މަލަމަތިގައި ޒަމާނީ ކުލަ ޖެހިގެން ދާނެ މަންޒަރެކެވެ.
ތިނަދޫ އިންޑަސްޓްރިއަލް ޒޯން TIZ މަޝްރޫޢުގެ ދަށުން، 10.6 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 1521 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 555 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 166 މީޓަރުގެ ޝީޓް ޕައިލް މަސައްކަތާއި، 4492 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބޮލާރޑްއާއި ފެންޑަރާއި ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

