މަލުގެ ބަގީޗާއެއް ހަދައިގެން އެތަނުގައި މާގަސް އިންދުމަކީ ވަރަށް ގިނަ ފަހަރު ނަފުސާނީ ގޮތުންވެސް މީހާއަށް ވަރަށްބޮޑު ހިތްހަމަޖެހުމަކާއި ދިރިއުޅުމުގަ ދިމާވާ މާޔޫސީ ތަކުން ދުރުވެ އުޅުމަށްވެސް އެހީތެރިވެދޭ ކަމެކެވެ. މީގެ އިތުރަށް މިއީ އާމްދަނީ ހޯދުމަށްވެސް ވަކި ދެރަ މަސައްކަތެކޭ ބުނެވޭކަށް ނެތެވެ. ކުލަކުލައިގެ ރީތި މަލުގެ ސިލްސިލާއެއް ދެމިގެންގޮސްފައިވާ މަންޒަރު ފެނިގެންދާ ލާމު އަތޮޅު ފޮނަދޫގެ މިގޭގައި އެއޮތީ ހަމައެކަނި "ބޯގަންވިލާ"ބަގީޗާއެއް ނޫނެވެ. އެއީ އެގޭގައި ދިރިއުޅެމުން އެއަންނަ ނަލަ ހިނިތުންވުމެއްގެ ވެރި، ފިސާރި ހީވާގި، އެބޯގަންވިލާ ގަސްތަކުގެ މަންމަ، ސޮފޫރާ މުހައްމަދުގެ އާމްދަނީ ހޯދުމުގެ ވަސީލަތެވެ.
ބޯގަންވިލާއަކީ ބިރުވެރި ގަހެކޭ އެއީ ޖިންނީގެ ތެރެއިން މައި ޖިންނީގެ ގެދޮރޭ، މިފަދަ ތާކުންތާކު ނުޖެހޭ ވާހަކަތަކަށް އެހެރަ ފެންނަނީ ފިސާރި ވަރުގަދަ ނަމޫނާއެކެެވެ. ގަސްބޯ ތަންތަނަކީ ނާމާން ތަނެކޭ ކިޔާ އަޑު އިވުނަސް ގަސްގަހުން ލިބޭ ހިތްހަމަޖެހުމަށް ނުރައްކަލެއް ނެތެވެ. ޔަގީނުންވެސް ސޮފޫ އެ އުޅެނީ ދެކުދިންނާއި ފިރިމީހާއާއެކު، އަތޮޅު ތެރޭގެ ރަށެއްގެ ގެއެއްގަ ގޯތިތެރޭގަ ބޮޑު ބޯގަންވިލާ ބަގީޗާއެއް ހައްދައިގެންނެވެ. ދިރިއުޅެނީ، އާމްދަނީ އެހޯދަނީ އޭގެއިންނެވެ. ގައިމުވެސް ހަމަ ޔަގީނުންވެސް "ބޯގަންވިލާ އިކްލީލެއް" ސޮފޫ އަކަށް އުނދަގުލެއް ނުކުރެއެވެ. އެފަދަ ކަމެއްގެ ހިލަމެއްވެސް އިރާދަކުރެއްވީތީ ސޮފޫއަކަށް ނުވެއެވެ. އަދި އިރާދަކުރެއްވިއްޔާ ނުވެސްވާނެކަމުގެ އަގީދާ އޭނާގެ ހިތުގައި އޮންނަލެއް ވަރުގަދައެވެ.
"ކޮވިޑުގައި ފެށި ކުޑަކުޑަ މަސައްކަތެއް. އެދުވަސްވަރު މީހުން ވަރަށް ގަސް އިންދުމާއި ގަހުގެ ކަންތަކުގަ ވަރަށް ފޯރި ނަގާ އުޅުނީމަ ހިތް ޖެހުނީ. ދެން އެހެންނޫނަސް ކޮވިޑުގަ ހަމަ ވަރަށް އަތްމަތި ދަތިވުމުގެ އިތުރަށް ގޭގައި އިނދެގެން ކޮންމެވެސް ކަމެއް ކުރުމުގަ ނިޔަތުގަ ފެށި ކަމެއް. ފުރަތަމަ އެކި ތަފާތު ވައްތަރުން ވިއްކަން ފެށީ. ގޭގައި ގަސް ހައްދައިގެން. ބޭރުން ގެންނަނީ. ގެނެސް ގޭގައި އިންދައިގެން ކުރަން ފެށި ނަމަވެސް ވީ ގޮތަކީ ރާއްޖޭގެ ބިމުގެ ފަސްގަނޑާ ނުގުޅޭ ވައްތަރުތައް ގިނައީ، އެކަމަކު ބޯގަންވިލާ ވީ މިފަސްގަނޑާ ވަރަށް ގުޅޭ ވަރަށް ރައްޓެހި ވައްތަރަކަށް. ދެން އެެ އެނގުނީ ކުރަންވީ ކީއްކަން." ބޮޑު ހިނިތުންވުމެއްގެ ވެރިޔާ ހީނލަމުން ކިޔައިދިނެވެ.
ރާއްޖެއިން ބޭރުން އެންމެ ފުރަތަމަ ގަސްގެންނަ ‘ސީކްރެޓް މޯލްޑިވްސް ފަޔާޒުއާ ގުޅިގެން ގަސް ގެނެސް ވިއްކުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އޭނަގެ ފަރާތުން ދިމާވި އިތުބާރުގެ މައްސަލައެެއްގައި، އެހެން ފަރާތަކާ ގުޅިގެން މަސައްކަތް ފެށި ކަމަށްވެސް ސޮފޫ ކިޔައިދިނެވެ.
"ފުރަތަމަ ފެށިއިރު ގެނެސް، ރޯކޮށް ދިރުވައިގެން ވިއްކަނީ، ކޮންމެ ސަތޭކައަކުން ފަސްގަސް މަރުވޭ. އެހެންވުމުން ބޮޑުބައި ދިރުވައި، މާއެޅުމުން ވިއްކާލަނީ. އެކަމަކު ދެން ވިސްނުނީ މިއުޅެވެނީ އަދި މިކުރެވެނީ އެންމެ ރަނގަޅު ގޮތަކަށް ނޫންކަން. ދެން ފެށީ އެކި ވައްތަރުގެ ގަސް އިންދައި، ދިރުވައި އާލާ ކޮށްގެން ގަހުގެ ކުރި ވިއްކަން ފެށީ. އެއްގޮތަކަށްވެސް ގަހުގެ އަސްލު މައިގަސް ވިއްކައި ނުލައި އޭގެން ފައިދާ ވާނެހެން އަބަދު ގަސްދޭނެ ގޮތަކަށް އެގަސް ބެއިންދޭނެ ގޮތަކަށް މައިގަސް ގޭގައި އޭގެ މަގާމުގަ ބަހައްޓާފައި، މައިގަހުން ކުރި ރޯކޮށް އާ ގަހަކަށް އެ ކުރި ހަދައި ކުރި ވިއްކަނީ. މިހާރު ގަސް ވިއްކާ ގޮތަކީ މިއީ."

ސޮފޫގެ ގޭގެ ގޯތިތެރޭގައި އިންދާފައިވާ ބޯގަންވިލާ

މިހެން ފަސޭހަ ފަސް ހަ ޖުމްލައަކުން ކިޔައިދިނަސް މިއީ ގިނަ ދުވަސްތަކެއް އިންތިޒާރުގައި ސޮފޫ މަޑުކުރަން ޖެހުނު ބޮޑު މަސައްކަތެއްގެ ވާހަކައެވެ. އެހެންނަމަވެސް އެއިންތިޒާރުގެ ނިމުން ފޮންޏެވެ. ކާމިޔާބެވެ. އަދު މުޅި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް 70 އެތައް ވައްތަރެއްގެ "ބޯގަންވިލާ" މާ ގަސްތައް ޑެލިވަރީ ކޮށްދިނުމުގެ ފުޅާ މަސައްކަތެއް ކުރަމުން އަންނައިރު ލިބޭ ނަފާ އާ އެއްވަރަށް ސޮފޫގެ ގޭގައި އޭނާގެ ގޯތީގައި ރޭގަނޑާއި ދުވާލު އެލިބޭ ހިތްފަސޭހަ ފިނިކަމާއި އަރާމު ކަމުގެ އިތުރުން ނުހަނު ކުލަރިވެތި ނަލަ މަންޒަރަކީ ޔަގީނުންވެސް ފޮޓޯ ޝޫޓަކަށްވެސް ވަކި ދެރަތަނެއް ނޫނެވެ.
ސޮފޫގެ ވައިބާ ގްރޫޕު ވީ-ސްޕޮޓްގައި، (9991895/7621056) ހުންނަނީ ‘ބޯގަންވިލާ އެކިވައްތަރުގެ ގަހުގައި ނަންބަރު ޖަހައި ފޮޓޯތައް ވެސް ލައިފައެވެ. މިވެނި ނަންބަރެއްގެ ބޯގަންވިލާއަށް އޯޑަރު ދިނުމުން އެނަންބަރެއްގެ ގަސް އެފަރާތަކާ ހަމައަށް ގެންގޮސްދެވެއެވެ. ނޫނީ ފޮނުވައި ދެވެއެވެ. ކޮންމެ ފަރާތަކުންވެސް އޯޑަރު ދެނީ ނަންބަރެވެ. އޯޑަރުގެ ގަސް ހޯދުމަށް އުނދަގޫ ނުވާނެ ހެން، އެގަހެއް އިންދާއިރު އެ ކުރީގައި މިވެނި ނަންބަރެއްކަން ފާހަގަކޮށް ޖަހާފައިވާނެކަމަށް ވެސް ސޮފޫ ކިޔައިދިނެވެ. އޯޑަރު ދިން ފަރާތަށް ލިބޭއިރު ވެސް ޕޮޓުގެ ބޭރުގައި ނަންބަރު ހުންނާނެއެވެ. އޯޑަރުގައިވާ މަލާއި ލިބޭ ކުރިއާ އެކައްޗެއްކަން ދެނެ ގަނެވޭނީ ނަންބަރުންނެވެ. ސޮފޫގެ މޮޅު ބުއްދިން މިކަންވެސް ހަމަ ޖައްސާފައި އެވަނީ ނުހަނު ފުރިހަމައަށް ހަމަޖެހޭ ވަރުގަދަ އުސޫލެއްގެ މަތިންނެވެ.
ސޮފޫ ގެ އުންމީދަކީ އޭނާގެ "ބޯގަންވިލާ"ގެ ފާމެއް ކޮންމެވެސް ހިސާބަކުން އޮންނަވަރަށް މިކަން ފުޅާވެ ކާމިޔާބު ވެގެން ދިއުމެވެ. އަދި މުޅި ރާއްޖެއަށް ގަސްތައް އެންމެ ފުޅާކޮށް ވިއްކޭނެ ގޮތް ވެގެން ދިއުމެވެ. "ހުވަދޫ"ޓީމުން ސޮފޫގެ ބޯގަންވިލާގެ ހިތްގައިމު ނަލަ ވިޔަފާރީގެ ކުރިއެރުމަށް ހިތުގެ އަޑިން އެދެނީ އަބަދުގެވެސް ކާމިޔާބެވެ.

