ޖަންގަލިތަކުގެ ތެރެއިން ޖަންގައްޔެއްގައި މުސަޅެއްގެ ވަޒީފާގެ މަގާމު ހުސްކޮށް އޮތުމުން، އެ ވަޒީފާ އަށް މުސަޅެއް ބޭނުން ވެގެން އިޢުލާނު ކުރިއެވެ.
ވަޒީފާއެއް ނެތް ސާރިދޯޅައެއް ފިޔަވައި އެހެން އެއްވެސް ޖަނަވާރެއް އެ ވަޒީފާއަށް އެދި ހުށަހަޅާފައި ނުވާތީ، ސާރިދޯޅައިގެ އެޕްލިކޭޝަން ބަލައިގަނެ، މުސަޅެއްގެ ގޮތުގައި، އެ ވަޒީފާއަށް އޭތި އައްޔަން ކުރުމަށް އަމުރެއް ނެރުނެވެ.
ދުވަސް ކޮޅެއް ވީ ތަނާ، ސާރިދޯޅަ އަށް ފާހަގަ ކުރެވުނީ ޖަންގަލީ ގައި ސާރިދޯޅަ އަށް ޚާއްސަ ވަޒީފާގެ ރޭންކެއް އޮންނަ ކަމާއި އަދި އެ މަގާމުގައި މުސަޅެއް މަސައްކަތް ކުރަމުން ދާ ކަމާއި އަދި މުސަޅަށް މުސާރަ އާއި އިނާޔަތްތަކާ އެކު ވަކި ޚާއްސަ ސާރިދޯޅު އެލަވަންސެއް ލިބެމުންދާ ކަމެވެ. ނަމަވެސް ސާރިދޯޅަ އަށް ލިބެނީ މުސާރައާއި ޢިނާޔަތްތަކާއިއެކު މުސަޅަށް ޚާއްސަ އެލަވަންސެއް ކަން ވެސް އެނގުނެވެ.
ސާރިދޯޅަ މިކަމާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިގެން މި މައްސަލަ ކަމާ ބެހޭ އިދާރާގެ ޑިރެކްޓަރަށް ޝަކުވާ އެއްގެ ސިފައިގައި ހުށަހެޅި އެވެ. އެ ޝަކުވާ، އެ އިދާރާއިން ވަޒީފާ އާ ބެހޭ ޓްރައިބިއުނަލް އަށް ފޮނުވާލި އެވެ. އަދި ޓްރައިބިއުނަލް އިން އެ ޝަކުވާ ބެލުމަށް މިނިކާވަގުންގެ ކޮމިޓީ އެއް އެކުލަވާލައި، އެ މައްސަލަ ބެލުމަށްޓަކައި ސާރިދޯޅަ އާއި މުސަޅަށް ޗިޓް ފޮނުވައި، އެ ޓްރައިބިއުނަލް އަށް ހާޒިރު ވުމަށް އަންގައި އަމުރު ކުރި އެވެ.
މައްސަލައިގެ އަޑު އެހުން ތާވަލު ކޮށްފައި ވާ ދުވަހަށް މުސަޅާއި ސާރިދޯޅަ ހާޒިރު ވެއްޖެ އެވެ. އެވަގުތު، ކޮމެޓީން އެދުނީ މުސަޅުގެ ވަޒީފާ އާ ގުޅޭ އެންމެހައި ލިޔެކިއުންތަކާއި ކާކުކަން އަންގައިދޭ ލިޔެކިއުންތައް ހުށަހެޅުމަށެވެ. މުސަޅު ހުށަހެޅި ހުރިހާ ލިޔެކިޔުމަކުން ވެސް އެ މުސަޅަކީ މުސަޅެއް ނޫންކަމާއި އަދިކިއެއްތަ، ސާރިދޯޅައެއްކަން ކަށަވަރުވާކަމަށް ކޮމިޓީއިން ނިންމިއެވެ.
ދެން ކޮމިޓީ އިން ސާރިދޯޅަ އަށް، އޭތީގެ ވަޒީފާ އާ ގުޅޭ ލިޔެކިޔުންތަކާއި ކާކުކަން އަންގައިދޭ ލިޔެކިޔުންތައް ހުށަހެޅުމަށް އެދުމުން، ސާރިދޯޅަ ހުރިހާ ލިޔެކިޔުމެއް ކޮމިޓީ އަށް ހުށަހެޅި އެވެ. އެ ހުރިހާ ލިޔެކިޔުން ތަކުން ވެސް އެ ސާރިދޯޅަ އަކީ ސާރިދޯޅަ އެއް ނޫން ކަމާއި، އެއީ މުސަޅެއް ކަން ކަށަވަރު ވާ ކަމަށް ކޮމިޓީ އިން ނިންމި އެވެ. އަދި ސާރިދޯޅައި ގެ އެ ޝަކުވާ އަކީ ތާކުން ތާކު ނުޖެހޭ ޝަކުވާ އެއް ކަމަށް ނިންމައި މައްސަލަ ފައިސިލާ ކުރި އެވެ.
ކޮމެޓީގެ ނިންމުމަކީ، ދެފަރާތުން ހުށަހެޅި ލިޔެކިޔުންތަކާއި ހެކިތަކަށް ރިޢާޔަތް ކުރާއިރު މުސަޅަކީ، ސާރިދޯޅައެއް ކަމާއި އަދި ސާރިދޯޅަ އަކީ މުސަޅެއްކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. އަދި ވަޒީފާ އަށް އެއްވެސް ބަދަލެއް ގެންނާނޭ ތަނެއް ނެތްކަމަށެވެ.
ސާރިދޯޅަ، ކޮމިޓީގެ ނިންމުން އިސްތިއުނާފު ނުކޮށް އެކަމާއި އިއުތިރާޒުވެސް ނުކޮށް، އެ ނިންމުމަށް އެއްބަސްވީ ކީއްވެތޯ ނޫސްވެރިން ސުވާލު ކުރުމުން ޖަވާބުގައި ސާރިދޯޅަ ބުންޏެވެ.
"މައްސަލަ ބެލުމަށް އެކުލަވާލާފައިވާ "މިނިކާވަގުންގެ، ކޮމިޓީގެ ނިންމުމާއި އަޅުގަނޑު އިޢުތިރާޒު ކުރާނީ ކޮންފަދަ އަކުން ހެއްޔެވެ؟ ފުރަތަމަ ކަމަކީ އެ ކޮމެޓީގައި މިނިކާވަގުންގެ ގޮތުގައި ތިބީ އަސްލު ހިމާރުންގެ ޖަމާޢަތެކެވެ. އެ ހުރިހާ އެއްޗެއްގެ ކާކުކަން އަންގައިދޭ ލިޔެކިޔުން ތަކުގައި ބަޔާން ކޮށްފައި ވަނީ އެއީ މިނިކާވަގުން ތަކެއް ކަމަށެވެ. އެހެން ވީމާ، އެވަރުގެ ކޮމިޓީ އެއްގެ ނިންމުން އިސްތިޢުނާފު ކުރުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ؟"
އަހަރެމެންގެ ދިރިއުޅުމަކީ ވެސް މިފަދަ އެތައް ފިލާވަޅު ތަކަކުން ފުރިފައިވާ ދިރިއުޅުމެކެވެ.
(ނޯޓް: މިއީ ޗެކްރިޕަބްލިކު ގެ އަދަބިއްޔާތުން ނެގިފައިވާ ވާހަކަ އެކެވެ!)

