މީ ތޯތޯ ވާހަކައެއް ނޫނެވެ. އެހެން ނަމަވެސް ޤައުމީ ގަހެއްގެ ގޮތުގައި ދިވެހި ރުއް ހަމަޖެހިފަ އޮންނައިރު އަދި ރާއްޖެ އަކީ ދިވެހި ރުއް ތަކުން ފުރިގެންވާ ތަނަކަށް ވެފައި ރާއްޖޭގެ ވެރިކަން ކުރާ ރަށުގެ ބާޒާރު ކާށްޓެއް 35 ރުފިޔާ އަށް އަގު އަރައިފި ކަމުގެ މައުލޫމާތު މީޑިއާ ތަކަށް އެރުމުން މިވާހަކަ ވެސް ލިޔެލަނީ އެވެ. ރާއްޖޭގެ ނޫހެއްގައި މާލޭގެ ބާޒާރު ފިހާރަ ތަކުން ކާށްޓެއް ގެ އަގު އުޅެނީ 35 ރުފިޔާ އަށް ކަމަށް ލިޔެފައި އޮއްވާ ފެނުނު އިރު އަޅުގަނޑު އިނީ ކާޑެއްދޫ އެއަރޕޯޓް ގެ ސަންޕީކް ރެސްޓޯރެންޓް ގައި އެ އެއަރޕޯޓް ގެ ބައެއް މުވައްޒަފުން ތަކަކާއި އެކުއެވެ. ޚަބަރު ފެނުމުން އެވާހަކަ އެމީހުން ކައިރީގައި ބުނުމުން އެމީހުން ވެސް ހައިރާން ވިއެވެ.
އިތުރަށް އެ ޚަބަރު ގެ ވާހަކަ ނުދައްކާ އެމީހުން ބުނީ 1 ރުފިޔާ އަށް ކާއްޓެއް ބޭނުން ހެއްޔެވެ. ނޫނީ 200 އަށް ބަސްތާއެއް ބޭނުން ހެއްޔެވެ. އަޅުގަނޑުމެން އާއެކޭ ބުނުމުން މި މީހާއަށް ގުޅައިގެން ކުރިޔަށް ގެންދާށޭ ކިޔާ ނަންބަރެއް ދިނެވެ. ނަސީބު ކަން ދިމާ ކުރި ގޮތުން އެބުނާ މީހާ އާ އިރުކޮޅަކުން ދިމާވިއެވެ.
ސީދާ ސުވާލު ކުރުމުގެ ބަދަލުގައި ދުރުދުރުން އެ ވާހަކަ އަށް ދާންހިތާ މާލޭގައި ތަކެތީގެ އަގު ހާދަ ބޮޑޭ އެކަމަކު އަތޮޅު ތަކުގައި އަދި ވަކިން ބޮޑު ކޮށް އެއްޗެހި ވިއްކާ ވާހަކަ ފެއްޓީމެވެ. މިހެން ފެށި ސަބަބަކީ 1 ރުފިޔާ އަށް ކާއްޓެއް ވިއްކާ ވާހަކަ ޤަބޫލު ނުވެގެންނެވެ. ފަހަރެއްގައި މަޖަލަކަށް ދެއްކި ވާހަކައަކަށް ވެދާނެތީއެވެ. ނަމަވެސް އެކަން ވީ ތެދަކަށެވެ. ހަމަ ރުފިޔާ އަކަށް ކާއްޓެއްގެ ރޭޓުން 200 ރުފިޔާ އަށް ބަސްތާ އެއް ލިބެއެވެ.
ކާޑެއްދޫ އެއަރޕޯޓަކީ ރުއް ގިނަ ރަށެކެވެ. ރަށުގެ ރީތި ކަން ބޮޑަށް ފެންނަނީ ރާއްޖޭގެ އެހެން ރަށް ތަކެކޭވެސް އެއްފަދައިން ރުއް ތަކުންނެވެ. އެއަރޕޯޓް ބެލެހެއްޓުމަށް އެރަށުގެ ރުއް ތަކުން ވެއްޓޭ ކާށިތައް ހޮވާ ސާފު ކުރަން ކޮންމެހެން ޖެހެއެވެ. އެހެންކަމުން ރަށުތެރެ ބަލަހައްޓާ ބައެއް މުވައްޒަފުން ކުރާ ކަމަކީ އެގޮތަށް ވެއްޓިފައި ހުންނަ ކާށި ތައް ހޮވައިގެން ގެނެސް ބަސްތާތަކަށް އަޅާ ވިއްކަނީއެވެ. އާމްދަނީ ވެސް އިންނަނީ އެއާޕޯޓު ފަންޑަށެވެ. އެ މުވައްޒަފުންނަށް ވެވުނު މިންވަރަކުން އެކަން ކުރެއެވެ.
މީގެ އެންމެ ހައިރާންވި ކަމަކީ ކާޑެއްދޫ އެއަރޕޯޓުން ކުޑަ ކުޑަ އަގުގައި ގަނެގެން ގޮސް ވެސް ތިނަދޫ ފަދަ އަތޮޅުގެ ބާޒާރުގައި ވެސް ފަނަރަ ރުފިޔާ، ވިހި ރުފިޔާއަށް ކާއްޓެއް ވިއްކާކަމެވެ.
މި ދުވަސްވަރަކީ ރާއްޖޭގައި ކާށި ލިބޭ މިންވަރު މަދު މޫސުމެކެވެ. އެހެންކަމުން މާލެ ބާޒާރުގައި ކާށީގެ އަގު އަތް ނުފޯރާ ހިސާބަށް އެރީއެވެ. މި އަތޮޅަށް ބަލާ އިރުވެސް ކާށި އުޅެނީ ވަކި ކުޑަ އަގެއްގައި ނޫނެވެ. ތިނަދޫ ގާޑިޔާތަކުން ކާއްޓެއް ލިބެނީ 25 ރުފިޔާއަށެވެ. ނޫނީ 20 ރުފިޔާއަށެވެ.
ކާޑެއްދޫ އެއަރޕޯޓުން ވެސް މި ދުވަސްވަރު ކާއްޓެއް ނުލިބެއެވެ. މޫސުމުގެ ގޮތުން ކަމަށް އެރަށުގެ މުވައްޒަފުން ބުނެއެވެ. އިތުރު އެހެން މައްސަލައެއް ވެސް ކާޑެއްދޫ އެއަރޕޯޓުގައި އެބަ ދިމާވެ އެވެ.
އެއީ އެކަމަކީ ސީދާ ކާށި ހޮވަން މުވައްޒަފުން ބައިތިއްބައިގެން ކުރާ ކަމެއް ނޫނެވެ. އެހެން ކަމުން އެއީ މާބޮޑު ރަސްމީ ކަމަކަށް ނުވާނެ އެވެ. އަދި ކާށި ވިއްކައިގެން ބޮޑު އާމްދަނީ އެއް ހޯދާ ބަޔަކަށް ވެސް ނުވާނެ އެވެ. ނަމަވެސް މިގޮތަށް ތިބި ރަށްތަކުން ކާށި ބާޒާރަށް ނެރެވިދާނެ އެވެ. ރުއް ދަށުން ހޮވާ ލެވޭ އިރު ވެސް ރަނގަޅު އަދަދެއް ނެރެވެ އެވެ. އެހެން ކަމަށް ވާއިރު މިފަދަ އެއަރޕޯޓްތައް ފަދަ ބިން ބޮޑު އަދި ރުއް ތައް ގިނަ ރަށް ރަށުން ކާށި ބާޒާރަށް ނެރެ އެރަށް ތައް ސާފުކޮށް ބެލެހެއްޓުމަށް 2 ވަނަ ބަޔަކަށް ހުޅުވާލައި އަގު ކޮންޓްރޯލް ކުރެވޭ އުސޫލެއް ހަދައިފި ނަމަ ރާއްޖޭގެ ބާޒާރުން ކާށި އަރްނުފޯރާ ހިސާބަށް ނުދާނެއެވެ.
ކޮންމެއަކަސް ކާޑެއްދޫ އެއަރޕޯޓަކީ ހުވަދު އަތޮޅުގެ ރަށެކެވެ. އަތޮޅުގެ ފުރަތަމަ އެއަރޕޯޓެވެ. އެތަނުގެ ޚިދުމަތުގެ ބޭރުން މިގޮތަށް ކާށި ލިބުމަކީ އަތޮޅަށްވެސް މަންފާ ކުރާނެ ކަމެކެވެ. ރަނގަޅު ވިސްނުމެކެވެ.

