ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އެންމެ އަގުބޮޑު ގުރުއާން މުބާރާތް މިއަދު އިފުތިތާހު ކޮށްފި އެވެ.
އެއްވަނަ އަށް ހޮވޭ މީހަކަށް ތިން ލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއެކު "ރަންތާޖު" ގެ ނަމުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތަކީ އިސްލާމިކް މިނިސްޓްރީއާއި ޔޫތު މިނިސްޓްރީ އަދި ރާއްޖެ ޓީވީ ގުޅިގެން މި އަހަރުގެ ރަމަޟާން މަހު ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ 16 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންނަށެވެ.
މި މުބާރާތުގެ އޮޑިޝަން ރާއްޖޭގެ 10 ސަރަހައްދެއްގައި ބާއްވާނެއެވެ.
މުބާރާތުގެ އޮޑިޝަން ބޭއްވުމަށް ހަމަޖެހިފައިވާ ސަރަހައްދުތައް:
- އައްޑޫ ސިޓީ(ސ.ހިތަދޫ) 15 ޖަނަވަރީ 2023
- ފުވައްމުލައް ސިޓީ 17 ޖަނަވަރީ 2023
- ގދ. ތިނަދޫ 20 ޖަނަވަރީ 2023
- ލ. ގަން 24 ޖަނަވަރީ 2023
- ދ. ކުޑަހުވަދޫ 31 ޖަނަވަރީ 2023
- ބ. އޭދަފުށި 03 ފެބްރުވަރީ 2023
- އއ. ރަސްދޫ 07 ފެބްރުވަރީ 2023
- ށ. ފުނަދޫ 10 ފެބްރުވަރީ 2023
- ކުޅުދުއްފުށި ސިޓީ 12 ފެބްރުވަރީ 2023
- މާލެ ސިޓީ 15 ފެބްރުވަރީ 2023
މި އޮޑިޝަންތަކުން 20 ބައިވެރިން ހޮވާނެ ކަމަށާއި އޮޑިޝަންތަކުން ހޮވާލެވޭ ބައިވެރިން މާލެ ގެނެސް އިތުރަށް ދޭންޖެހޭ ތަމްރީނުތައް ދެވޭނެކަމަށް ވެއެވެ.
މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ މީހުންނަށް އެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. ބައިވެރިވުމަށް އެސްއެމްއެސް ކުރަންޖެހެނީ، {އާރްޓީ ހުސްތަން ދޫކުރުމަށްފަހު (ފުރިހަމަ ނަން، އުމުރު، އައިޑީ ކާޑު ނަންބަރު، އޮޑިޝަން ކުރަން ބޭނުންވާ ރަށް) ޖެއްސެވުމަށްފަހު، 450 އަށެވެ.
send 450 (Full name, Age, ID Number and Selected island for Audition)RT

