ކުއްލިއަކަށް ފުލުސް މީހާ އައިސް ސައިކަލް ހުއްޓުވިއެވެ. އަހަންނާ ސުވާލު ކުރަން ފެށިއެވެ. ފުރަތަމަ އެހީ ލައިސަންސް އެބަ އޮތްތޯއެވެ.
ލައިސަންސް ނަގައި ބެލުމަށްފަހު ސައިކަލް ބޯޑު ގަވައިދަށް ނުފެތޭތީ ޓޯކުރިއެވެ. ހިތްހަމަ ނުޖެހިގެން ވަރަށް އިހްތިޖާޖު ކުރީމެވެ. ކިތަންމެ ވާހަކައެއް ދެއްކިއަސް ސަލާމަތް ނުވާނެކަން އެނގެއެވެ.
އަހަރެންގެ މުސާރައަކީ ދިހަވަރަކަށް ހާސް ރުފިޔާއެވެ. އެހެންވެ އަހަރީ ފީ ވެސް ހުރީ ނުދެއްކިއެވެ. ޓޯ ކުރި ސައިކަލް ސަލާމަތް ކޮށްގެން ނެރުނު ދުވަހު ސުވާލު ކުރީ އަހަރީ ފީއާ ބެހޭ ގޮތުންނެވެ.
އަހަރެންވެސް މިފަހަރު ސުވާލު ކުރީމެވެ.
“މޫސަ ކޮބާހެއްޔެވެ؟”
ފުލުސްމީހާ ޖަވާބު ދިނެވެ. “ކޮން މޫސައެއް ހެއްޔެވެ؟”
ޕާކް ކުރާނެ ތަނެއް ނުލިބިގެން ޕާކް ކުރަން ނުޖެހޭ ތަނެއްގައި ޕާކް ކޮށްފައި ފިހާރައިން ނުކުމެ ބެލި އިރު ހުރީ ސްޓިކާ ޖަހާފައެވެ. މިފަހަރު ސުވާލު ކުރާނެ މީހަކުވެސް ނެތެވެ.
ހިތާހިތާ ސުވާލު ކޮށްލީމެވެ.
“އަޅެ މޫސަ ކޮބާހެއްޔެވެ؟”
މޫސައެއް ނުފެނެއެވެ. މަގުމައްޗަކުންވެސް ނުފެނެއެވެ. ފުލުހުންނަކަށް ވެސް ނުފެނެއެވެ.
އައްޑިހަ މިލިޔަން ރުފިޔާ ދައުލަތަށް ދައްކަން ޖެހޭ ކަަމަށް ބައެއްމީހުން ވާހަކަ ދައްކައެވެ. އައްޑިހަ މިލިޔަނަކީ އެއްލައްކަ ފަސްދޮޅަސްހާސް 500ގެ ނޫޓެވެ. 500ގެ ނޫޓުން ވަކިވަކިން ގުނައި އައްޑިހަ މިލިޔަން ވަށިގަނޑަކަށް އަޅަން ޖެހުނަސް މަދުވެގެން ދެ ދުވަސްވަރު އެކަމަށް ހޭދަވާނެއެވެ.
އެކަމަކު އެ މޫސައެއް އަހަންނަކަށްވެސް ފުލުހުންނަކަށްވެސް ނުފެނެއެވެ.
“އަޅެ މޫސަ ކޮބާހެއްޔެވެ؟”

