ގއ ވިލިނގިލީ ގައި ލަވް ޕޮއިންޓް ގައި ޒަމާނާގުޅޭ ގޮތަށް ފެންވަރާ ތަނެއް ހެދުމަށް ގއ އަތޮޅު ކައުންސިލުން ބަޔަކާ ޙަވާލު ކޮށްފިއެވެ.
ގއ. އަތޮޅު ކައުންސިލުން އިސްނަގައިގެން ވިލިނގިލި ލަވްޕްއިންޓްގައި ފެންވަރާ ނިޒާމެއް ހެދުމަށްޓަކައި މަސައްކަތަށް ބޭނުންވާ ތަކެތި މިއަދު ވަނީ ލަވްޕޮއިންޓް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާ ވިލިނގިލި ވޮލަންޓިޔަރ އެސޯސިއޭޝަން VVA އާއި ޙަވާލު ކޮށްފައެވެ.
ލަވް ޕޮއިންޓް ގައި ކުރިޔަށް ގެންދާ ތަރައްގީ ގެ ޕްރޮގްރާމައި ބެހޭގޮތުން މީގެ އިރުކޮޅެއް ކުރިން "ހުވަދު" ނޫހަށް މައުލޫމާތު ދެއްވަމުން ގއ އަތޮޅުގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ފަތުހީ ވިދާޅުވީ ލަވް ޕޮއިންޓް ގައި ފެންވަރާ ތަންތަން ހެދުމަށް ކުރިޔަށް ގެންދަން މިހާރު ވީވީއޭ އާއި ޙަވާލު ކުރެވުނު މަސައްކަތަކީ އެ ކައުންސިލްގެ އެދުމުގެ މަތިން ފެނަކައިން ދިން ތަކެތީގެ އެހީތެރިކަމާ އެކު ކުރިޔަށް ގެންދާ މަސައްކަތެކެވެ.

ވިލިނގިލީ ލަވް ޕޮއިންޓް

ވިލިނގިލީ ލަވް ޕޮއިންޓް
އެސްޖީ ވިދާޅުވީ ލަވް ޕޮއިންޓް ގައި މިހާރުވެސް ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައި ކަމަށާއި މިހާރު ކުރަން މިއުޅެނީ ގާތްގަނޑަކަށް އެންމެ ފަހުގެ މަސައްކަތް ކަމަށެވެ. އެގޮތުން އެ ތަނުގައި މޫދަށް އެރި އުޅުމަށް ފަސޭހަ ވާނެ ގޮތް ތަކާއި ބާބާކިއު ސަރަހައްދު ގެ އިތުރުން ފިނި މައިޒާން އާއި ފާޚާނާ ކުރެވޭނެ ނިޒާމު ގާއިމްވެ ކުރެވިފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވިލިނގިލީ ލަވް ޕޮއިންޓް
އޭގެ އިތުރުން އެ ތަނަކީ ކައިވެނި ހަފްލާ ތަކާއި ތަފާތު އިޖްތިމާޢި އެއްވުން ކުރިޔަށް ގެންދާ ތަނަކަށް ވުމުން އެތަން ބޭނުން ކުރުމަށް ފަސޭހަ ވާނޭހެން ވަރަށް ގިނަ ކަންކަން ކުރެވިފައި ވާ ކަމަށާއި މިހުރިހާ މަސައްކަތެއް ކުރުމުގައި އިސްވެ މަސައްކަތް ކުރާ ފަރާތަކީ ވީއޭއޭ ޖަމިއްޔާ ކަން ފަތުހީ ފާހަގަ ކުރެއްވިއެވެ.

ވިލިނގިލީ ލަވް ޕޮއިންޓް
ވިލިނގިލި ވޮލަންޓިޔަރ އެސޯސިއޭޝަން ،ވީވީއޭ ގެ ރައީސް ނަސްރަﷲ ރަޝީދު ވިދާޅުވީ ވިލިނގިލީ ކައުންސިލުން ބަލަހައްޓަމުން ގެންދާ ލަވް ޕޮއިންޓް ގައި އެ ޖަމްޢިއްޔާ ގެ ދައުރަކީ ރަށު ކައުންސިލާއި އަތޮޅު ކައުންސިލުގެ އިތުރުން ރައްޔިތުންގެ އެއްބާރުލުމާއި އެއްބައިވަންތަކަމުގައި އެތަން ތަރައްޤީ ކޮށް ބެލެހެއްޓުން ކަމަށެވެ. އެގޮތުން ކުރިޔަށް އޮތް ތާނގައި ވެސް ބަލަހައްޓަމުން ގެންދާނެ ކަމަށެވެ.
ނަސްރަﷲ ވިދާޅުވީ މިހާރު ގާއިމު ކުރެވޭ ފެންވަރާ ތަންތަން ވެސް ވެގެން ދާނީ އެ މާޙައުލަށް އަންނާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
ގއ ވިލިނގިލީ ލަވް ޕޮއިންޓް އަކީ އެރަށުގެ އުތުރު ސަރަހައްދުގެ ހިއްކުމުން ރަށުގެ އިރު އުތުރު ގޮނޑުދޮށް ސަރަހައްދުގައި މީގެ 5 އަހަރު ކުރިން ފެށިގެން ތަރައްޤީ ގުރުއާން ފަށައި ރަސްމީ ކޮށް ނަން ދީފައިވާ 1000 ފޫޓު ދިގު 200 ވަރަކަށް ފޫޓު ފުކާ ބީޗް އޭރިއާ އެކެވެ.
ލަވް ޕޮއިންޓް އަކީ ވިލިނގިލީގައި ހަދާފައިވާ ވަރަށް ފުރިހަމަ އަދި ހިތްގައިމު ކޮށް ތައްޔާރު ކޮށްފައިވާ ތަނެކެވެ. ވިލިނގިލި ލަވް ޕޮއިންޓް އަކީ ހުވަދު އަތޮޅަށް ވަރަށް މަޝްހޫރު ތަނެކެވެ.

